ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބަންގްލަދޭޝްގެ ޕްރިމިއާ ލީގުގައި ވާދަކުރަމުން އަންނަ ސައިފް ސްޕޯޓިން ކްލަބްގެ ކޯޗުކަމާ ހަވާލުވާން ނިންމައިފި އެވެ.
މިއީ ރާއްޖޭގެ ކޯޗަކު ރާއްޖެއިން ބޭރުގެ ގައުމެއްގެ އެންމެ މަތީ ޑިވިޝަނުގެ ޓީމަކާ ހަވާލުވާނެ ފުރަތަމަ ފަހަރެވެ. ނިޒާމްބެ އޭއެފްސީ އޭ ލައިސަންސް ނެގީ މި އަހަރު ބަންގްލަދޭޝްގައި ބޭއްވި ކޯހެއްގައި ބައިވެރިވުމަށް ފަހު އެވެ.
ނިޒާމްބެ ބުނީ މިހާރު ހަމަޖެހިފައި އޮތްގޮތުން އަންނަ މަހު ފަސް ވަނަ ދުވަހު ސައިފް ޓީމާ ހަވާލުވާނެ ކަމަށެވެ. މިދިޔަ އަހަރު އޭއެފްސީ ކަޕްގެ ކޮލިފައިން ބުރުގައި ނިޒާމްބެގެ ކޯޗުކަމުގައި ޓީސީން ވަނީ ސައިފްގެ މައްޗަށް ކުރިހޯދައިފައެވެ. އިންގްލެންޑްގެ ސްޓެވާޓް ހޯލްގެ ކޯޗުކަމުގައި ސައިފް މިދިޔަ ސީޒަން ނިންމާލީ ލީގުގެ ހަތަރު ވަނައިގައެވެ. މި އަހަރުގެ ލީގު ފަށާނީ އަންނަ ޑިސެމްބަރު މަހު އެވެ.
މިދިޔަ އަހަރު ލީގު ޗެމްޕިއަންކަން ހޯދި ޓީސީ އަކީ ވެސް، ނިޒާމްބެ ދެ ވަނަ ޑިވިޝަނުން ފެށިގެން ކުރިއަރުވަމުން ފުރަތަމަ ޑިވިޝަނަށް ގެނައި ޓީމެކެވެ. ޓީސީ ސްޕޯޓްސް ކްލަބަށް 2017 ވަނަ އަހަރު ބަންގްލަދޭޝްގައި ބޭއްވި ޝެއިހް ކަމާލް ކަޕް ޗެމްޕިއަންކަން ހޯދަައިދިން ނިޒާމްބެ ޓީސީ ދޫކޮށްލީ މިދިޔަ ސީޒަނުގެ ދިރާގު ދިވެހި ޕްރިމިއާ ލީގު ކާމިޔާބުކޮށްދީފަ އެވެ. ނިޒާމްބެ 16 އަހަރުން ދަށުގެ ގައުމީ ޓީމާ ހަވާލުވީ 2023 ވަނަ އަހަރު ރާއްޖޭގައި ބާއްވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަށް އަމާޒުކޮށް ޓީމެއް ތައްޔާރުކުރުމުގެ މަސައްކަތުގަ އެވެ.
ބަންގްލަދޭޝްގެ ލީގަކީ ފަހަކަށް އައިސް މި ސަރަހައްދުގައި އެންމެ ބޮޑަށް ކުރިއަރަމުން އަންނަ ލީގެވެ. ބާރަ ކްލަބް ވާދަކުރާ މި ލީގުގައި ރާއްޖޭގެ ނިއު ރޭޑިއަންޓަށް ކުރިން ކޯޗުކޮށްދިން ސްޕެއިނުގެ އޮސްކާ ބްރުޒޮން ވެސް މަސައްކަތްކުރެ އެވެ. އޭނާ ކޯޗުކޮށްދެނީ އެންމެ ފަހުގެ ޗެމްޕިއަން ބަޝުންދުރަ ކިންގްސް އަށެވެ.
ބަންގްލަދޭޝްގެ ޕްރިމިއާ ލީގުގައި ވާދަކުރަމުން އަންނަ ސައިފް ސްޕޯޓިން ކްލަބްގެ ކޯޗުކަމާ ހަވާލުވާން ނިޒާމްބެ ނިންމިއިރު، މިދިޔަ އޮކްޓޯބަރ މަހުގެ 8 ވަނަ ދުވަހު އެފްއޭއެމްއިން ވަނީ ރާއްޖޭގެ 16 އަހަރުން ދަށުގެ ޤައުމީ ޓީމުގެ ކޯޗުކަން ނިޒާމްއާއި ހަވާލުކޮށް ރާއްޖޭގައި 2023 ވަނަ އަހަރު ބާއްވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަށް ވަރުގަދަ ޒުވާން ޓީމެއް ބިނާކުރުމުގެ މަސައްކަތް އެނާއާއި ހަވާލުކޮށްފައެވެ.