ޚަބަރު

މަޚުތޫމާއި ސާޖިދުގެ ނަން ތަޅުމަށް ފޮނުވަން ކޮމިޓީން ފާސްކޮށްފި


މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ މީރާގެ ޑިރެކްޓަރުންގެ ބޯޑަށް ޢައްޔަންކުރެއްވުމަށްޓަކައި މަޚުތޫމް ސަލީމާއި އިސްމާޢީލް ސާޖިދާއިކުރި އިންޓަރވިއުތަކަށްފަހު ދެބޭފުޅުންގެ ނަންވެސް މަޖިލީހުގެ ތަޅުމަށް ފޮނުވަން ކޮމިޓީން ފާސްކޮށްފިއެވެ.

މީރާގެ ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ރައީސުލް ޖުމްހޫރިއްޔާ އިސްކަން ދެއްވި ދެބޭފުޅުންގެ ތެރޭގައި ހިމެނޭ މަޚުތޫމާއި ސާޖިދާއި ކޮމިޓީން އިންޓަރވިއު ކޮށްފައިވަނީ މިއަދުއެވެ. ރައްޔިތުންގެ މަޖިލީހުގެ އިޤްތިޞާދީ ކޮމިޓީގައި ކުރިއަށްދިޔަ އިންޓަރވިއުތަކަށްފަހު މި ދެބޭފުޅުންގެ ނަންވެސް ތަޅުމަށް ފޮނުވުމަށް ކޮމިޓީންވަނީ ފާސްކޮށްފައެވެ. ކޮމިޓީން މިގޮތަށް ނިންމުން އަންނަ ހަފްތާގައި ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މި މަޤާމަށް ބޭފުޅަކު ކަނޑައެޅިގެންދާނެއެވެ.

ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނަށް ދާދިފަހުން ގެނައި އިޞްލާހުގައި ވަނީ މީރާގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުންގެ ޢަދަދު 7 އަށް އިތުރުކޮށް، ބޯޑުގެ ދައުރަކީ ފަސް އަހަރުކަމަށް ކަނޑައަޅާފައެވެ.

މީރާގެ ބޯޑު މެންބަރުކަމަށް ބޭފުޅަކު އައްޔަންކުރުމަށްޓަކައި ތަޅުމަށް ނަމެއް ފޮނުވާފައިވާއިރު، ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ގެ މަޤާމަށް 82 މެމްބަރުންގެ ވޯޓާއިއެކު ފަތުހުﷲ ޖަމީލް ޢައްޔަންކުުމަށް ރައްޔިތުންގެ މަޖިލީހުންވަނީ ރުހުންދީފައެވެ. އަދި ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް 81 މެމްބަރުންގެ ވޯޓާއިއިއެކު އަސްމާ ޝަފީޢު އައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުންވަނީ ރުހުންދީފައެވެ.