ޚަބަރު

މާލެއާއި އަތޮޅުތަކުގެ ހޮސްޕިޓަލްތައް އެއްފެންވަރަކަށް ގެންދިއުމަކީ އަމާޒެއް - މިނިސްޓަރ އަމީން


ސަރުކާރުން އަލަށް ޢިމާރާތްކުރާ މަތީފެންވަރުގެ ހޮސްޕިޓަލްތަކާއި އެހެނިހެން ބޮޑެތި ހޮސްޕިޓަލްތަކުގައި މާލެއާ އެއްފެންވަރުގައި ކަށީގެ އޮޕަރޭޝަންތައް ކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަކީ ސަރުކާރުގެ އަމާޒެއްކަމަށް މިނިސްޓަރ އޮފް ހެލްތް ޢަބްދުއްﷲ އަމީން ވިދާޅުވެއްޖެއެވެ.

މޯލްޑިވިއަން އޮތޮޕެޑިކް އެސޯސިއޭޝަން ކޮންފަރެންސް ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ވިދާޅުވީ މިކަން ވެގެންދާނީ ރަށްރަށުން ކަށީގެ އޮޕަރޭޝަންކުރަން މާލެ އަންނަންޖެހޭ ފަރާތްތަކުން މިހާރު އުފުލަމުންދާ ތަކުލީފުތައްވެސް މާޒީވެގެންދާނެކަމަށެވެ.

މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ މިފަންނުން ކުރިއަރަން ގިނަ ދަރިވަރުން ކުރާމަސައްކަތް ފާހަގަ ކުރާކަމަށެވެ. އަދި މިދާއިރާއިން ހުރި ފުރުސަތުރަކުގެ ބޭނުންހިފައި ވީހާވެސް ގިނަ ދިވެހިން ތަމްރީނުވެގެން ދިއުން އެއީ އުންމީދުކުރައްވާކަމެއްކަމަށެވެ. އަދި އެކަމަށްޓަކައި ސަރުކާރުން ވެދެވެންހުރި ހުރިހާ އެހީއެއް ވެދެއްވާނެކަންވެސް މިނިސްޓަރ ވިދާޅުވީއެވެ.

"އަޅުގަނޑު ދެނަހުރީމު، ކަށީގެ ތަފާތު އޮޕަރޭޝަންތަކާ ފަރުވާއަށް އެކއެކި އުމުރުފުރާގެ އަދި އެކި ޙާލަތުގައިތިބި މިހުންނަށް ފަރުވާދިނުމަށް ބޭނުންވާ ސާމާނުތަކާ އާލާތްތަކާ އެހެނިހެން ވަޞީލަތްތައް އިތުރަށް ހޯދަން ޖެހިފައިވާކަން. މިދެންނެވި ތަކެތި ލިބުމަކީ، ތިޔަބޭފުޅުންގެ މަސައްކަތުގެ ފެންވަރާއި، އޮޕްރޭޝަންތަކުގެ ކާމިޔާބީގެ ރޭޓް އެތައްތަނަކުން އިތުރުވެގެންދާނެ. އަދި ފަރުވާ ލިބިގަންނަ މީހުންނާއި ފަރުވާދޭ މީހުންގެ ހިތްހަމަ ޖެހުމަށްވެސް ވަރަށް މުހިއްމު ކަމެއްކަން." މިނިސްޓަރ އަމީން ވިދާޅުވިއެވެ.

ރާއްޖޭގައި ފުރަތަމަ ބޭއްވޭ ކަށީގެ ޑޮކްޓަރުންގެ ޖަމްޢިއްޔާގެ ފުރަތަ ކޮންފަރެންސްގައި އެކަމުގެ ޚާއްސަ ޑޮކްޓަރުންނާއި ސިއްޙީ ދާއިރާގެ ބޭފުޅުން ވަނީ ބައިވެރިވެފައެވެ. މިކޮންފަރެންސްގައި ތަފާތު ސެޝަންތައް ކުރިއަށްގެންދާނެއެވެ. އަދި ކޮންފަރެންސް ނިންމުމަށްފަހު ބައިވެރިންނަށް ސަރޓިފިކޭޓްވެސް ދިނުމަށްވަނީ ހަމަަޖެހިފައެވެ.