ކުޅިވަރު

ނުވަވަނަ ފަހަރަށް ޤައުމީ ޗެމްޕިއަންކަން އަޖުފާން ހޯދައިފި


ނުވަވަނަ ފަހަރަށް ޤައުމީ ބެޑްމިންޓަން މުބާރާތް މުޙައްމަދު އަޖުފާން ކާމިޔާބުކޮށްފިއެވެ.

ބެޑްމިންޓަންގައި ރާއްޖޭގެ އެންމެ ކާމިޔާބު އެއް ކުޅުންތެރިޔާ އަޖުފާން ޤައުމީ މުބާރާތުގެ ފިރިހެން ސިންގަލްސްގެ ޗެމްޕިއަންކަން ހޯދީ ރޭ ކުޅުނު ފައިނަލް މެޗުގައި އަރަމުން އަންނަ ޒުވާން ތަރި ނިބާލް އަހުމަދު ބަލިކޮށްގެންނެވެ. މިމުބާރާތުގެ ފިރިހެން ސިންގަލްސްގެ ފައިނަލުގައި އެންމެ ފަހުންވެސް ވާދަކުރީ މިދެކުޅުންތެރިންނެވެ. އެގޮތުން ފާއިތުވި އަހަރުގެ ފައިނަލުގައި އަޖުފާން ނިބާލްގެ މައްޗަށް ކުރިހޯދީ ސީދާ ދެ ސެޓުންނެވެ. ނަމަވެސް ރޭ ފެނިގެންދިޔަ އަޖުފާން އާއި ނިބާލްގެ ފޯރިގަދަ ކުރިމަތިލުން އަޖުފާން ކާމިޔާބުކުރީ 2-1 ސެޓުންނެވެ.

މެޗުގެ ފުރަތަމަ ސެޓު ފެށިގެންވެސް ދެކުޅުންތެރިން ދިޔައީ ތަފާތު މޮޅު ކުމެއް ދައްކަމުން. ނަމަވެސް ސެޓުގެ މެދެއްހާ ހިސާބުން ލިބުނު ލީޑު ހިފަހައްޓައި ފުރަތަމަ ސެޓު 21-16އިން ގެންދިޔައީ އަޖުފާންއެވެ.

ނަމަވެސް ދެވަނަ ސެޓުގައި ފެނުނީ މުޅިން ތަފާތު މަންޒަރެކެވެ. ސެޓު ފެށިގެންވެސް ފުރަތަމަ ލީޑު ނެގީ ނިބާލްއެވެ. އެގޮތުން މުޅި ސެޓު ކަހަލަ ގޮތަކަށް ނިބާލް ދިޔައީ ޑޮމިނޭޓްކޮށްގެން ކުޅެމުންނެވެ. ސެޓުގެ ފަހުކޮޅުގައި އަމްޕަޔަރުގެ ނިންމުންތަކާއިމެދު އަޖުފާން ހިތްހަމަ ނުޖެހުން ފާޅުކުރުމުން އަމްޕަޔަރ ވަނީ އޭނާއަށް ރީންދޫކާޑު ދައްކާފައެވެ. އެގޮތުން އަޖުފާން ޕްރެޝަރގައި ހުރި ދަނޑިވަޅުބަލައި 21-19އިން ނިބާލް ދެވަނަސެޓު އަތުލިއެވެ.

ތިންވަނަ ސެޓު ފެނުނީ ތަފާތު ރޫހެއްގައި ކުޅުނު ތަން. އެގޮތުން ދެކުޅުންތެރިންވެސް ދިޔައީ ކައިރި ކައިރީގައި ޕޮއިންޓްތަށް ހޯދަމުންނެވެ. ނަމަވެސް އަޖުފާން އޭނާގެ ތަޖުރިބާގެ ބޭނުންކޮށް ނިބާލް ޕްރެޝަރއަށް ދުއްވާލުމަށްފަހު 21-17އިން ފަހުސެޓު ގެންގޮސް ނުވަވަނަ ފަހަރަށް މުބާރާތުގެ ތަށި އުފުލާލިއެވެ.

މެޗައްފަހު ވާހަކަ ދައްކަމުން އަޖުފާން ބުނީ، ކެރިއަރުގައި މިހާ ހިސާބަށް އާދެވުނީ ވަރަށް ގިނަ ފަރާތްތަކެއްގެ އެއްބާރުލުމާއި އެކުގައި ކަމަށާއި ނުވަވަނަ ފަހަރަށް މުބާރާތް ކާމިޔާބު ކުރެވުމުން ވަރަށް ބޮޑަށް އުފާވެއްޖެކަމަށެވެ. އަދި އުމުރުން ނަވާވީސް އަހަރުގައިވެސް ގައުމީ ޗެމްޕިއަންކަން ހޯދެވުމުން އަދިވެސް އިތުރު ކާމިޔާބީތަށް ހޯދަން ވަރަށް ބޮޑަށް ހިތްވަރު ލިބިއްޖެ ކަމަށްވެސް އަޖުފާން ބުންނެވެ.

"މިއީ އަސްލު ވަރަށް ބައިވަރު ބައެއްގެ އެއްބާރުލުމާއި ސަޕޯޓާއިއެކު ލިބުނު ކާމިޔާބީއެއް، ދެން އުމުރުން ނަވާވީސް އަހަރުގައިވެސް މިކާމިޔާބީ ހޯދުމުން އަޅުގަނޑަށް އެބަ ފެނޭ އަޅުގަނޑުގެ ކެޕޭބިލިޓީ، އެހެންވީމަ ވަރަށް ބޮޑު ހިތްވަރެއް ލިބިއްޖެ އިތުރު ކާމިޔާބީތަކެއް ހޯދަން" އަޖުފާން ބުންޏެވެ.

ގައުމީ މުބާރާތް ތަޖުފާން ކާމިޔާބުކޮށްފައިވަނީ 2006، 2007، 2008، 2009، 2010، 2011، 2015، 2018 އަދި 2019 އަހަރުއެވެ.

މުބާރާތުގެ ފިރިހެން ސިންގަލްސް ބައިން އަޖުފާން ޗެމްޕިއަންކަން ހޯދިއިރު ފިރިހެން ޑަބަލްސްގެ ޗެމްޕިއަންކަން ހޯދީ އަހުމަދު ޒަޔާން އާއި ތޯއިފްގެ ޕެއާއިންނެވެ.

ޒަޔާން އާއި ތޯއިފް މިބައިގެން ޗެމްޕިއަންކަން ހޯދީ އިބްރާހިމް ރާޝިހު އާއި ރިޝްވާން ޝިޔާމްގެ ޕެއާ އާއި ވާދަކޮށް ސީދާ ދެސެޓުންނެވެ. މެޗުގެ ސެޓުތަށް ޒަޔާން އާއި ތޯއިފް ގެންދިޔައީ 21-14 އަދި 21-17އިންނެވެ.