ޚަބަރު

މާލެ ސިޓީ ކައުންސިލާ ގުޅޭ ކޮރަޕްޝަންގެ މައްސަލައެއް އޭސީސީން ބަލަން ފަށައިފި


މާލެ ސިޓީ ކައުންސިލާ ގުޅޭގޮތުން ހުށަހެޅިފައިވާ ކޮރަޕްޝަންގެ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ބަލަން ފަށައިފިއެވެ.

އެ ކޮމިޝަނުން ބަލަން ފަށާފައިވަނީ ލޮނުޒިޔާރަތްކޮޅު ސަރަހައްދުގައި އަޑިޕާކް ތަރައްޤީކުރުމަށް މާލޭ ސިޓީ ކައުންސިލުން މިހާރު ހިންގަމުންދާ މަޝްރޫއުގެ ތެރެއިން އެތަނުގައި އިމާރާތްތަކެއް ހެދުމުގެ މަސައްކަތް ބިޑް ކޮމިޓީއިން ކުރަމުންދަނިކޮށް އެ މަސައްކަތް ކުރަން ފެށި މައްސަލައެވެ. މި މައްސަލައާ ގުޅިގެން އެސީސީގެ ޓީމެއް މިއަދު ވަނީ ސިޓީ ކައުންސިލަށް ވަދެ ތަޙުޤީޤަށް ބޭނުންވާ ލިޔެކިޔުންތައް ހޯދަން ފަށާފައެވެ.

މޭލެ ސިޓީ ކައުންސިލްގެ މެމްބަރު މުޙައްމަދު ފަޒީން ވިދާޅުވީ ލޮނުޒިޔާރަތް ކޮޅުގައި ހަދާ ޕާކުގައި އިމާރާތްކުރާ ފާޚާނާބަރީގެ އިތުރުން އިތުރު އިމާރާތްތަކެއްގެ މަސައްކަތް އަމީން ކޮންސްޓްރަކްޝަނުން ކުރަނީ އެއްވެސް އެއްބަސްވުމަކާ ނުލައިކަމަށެވެ. އެ އިމާރާތުގެ އިތުރުން އެ ޕާކަށް ބޮޑެތި ހޭދަތަކެއް ސިޓީ ކައުންސިލުން ކޮށްފައިވަނީ ކައުންސިލުން ފާސްނުކޮށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި ޕާކްގެ މަސައްކަތްތައް އެކި ފަރާތްތަކާ ހަވާލުކޮށްގެން ނިންމަމުން ދަނީ ކައުންސިލުން ފާސް ކުރުމެއް ނެތި ކަމަށާއި އެ މަސައްކަތްތައް ހަވާލުކުރަން ނިންމީ ބިޑް ކޮމިޓީއަށް ހުށަނާޅާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އަޑިޕާކް ސަރަޙައްދު ތަރައްޤީ ކުރުމުގެ މަޝްރޫއުގެ ތެރޭގައި ގާޑް ބްރިޖަކާއި ފާޚާނާ ބަރިއެއްގެ އިތުރުން އެންޓްރެންސް ކެނޮޕީއަކާއި ލައިފް ގާޑް ޓަވަރެއް އެޅުންމަށް ވަނީ ހަމަޖެހިފައެވެ.

މި މައްސަލަ އާ ގުޅޭ ގޮތުން ސިޓީ ކައުންސިލްގެ މޭޔަރ ސިފާ މުޙައްމަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެ ކައުންސިލްގެ ބޮލުގައި ބޮޑެތި އިލްޒާމްތައް އަޅުވާ ލިޔެކިޔުންތައް ބަދަލުކުރާ ވާހަކައާއި ވައްކަމުގެ އިލްޒާމްތައް އަޅުވަމުންދާތީ އެކަން ކުއްވެރިކުރައްވާކަމަށެވެ. އަދި ކައުންސިލްގެ ހިންގުމަށް ދަތިކޮށް މަސައްކަތް ހުއްޓުމަކަށް ގެނައުމަށް 3 ކައުންސިލަރަކު ފެށުނީއްސުރެ މަސައްކަތް ކުރައްވާކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ. އަދި ސިފާވަނީ މި މަސައްކަތް ކުރުމަށް ބިޑް ކޮމިޓީއާ ހަވާލު ކުރިކަމެއް އަދި އެވޯޑް ކުރިކަމެއްވެސް އެނގިފައިނުވާކަމަށެވެ.

ސިޓީ ކައުންސިލުން މަސައްކަތް ކުރަމުންދަނީ ލޮނުޒިޔާރަތްކޮޅު ސަރަހައްދުގައި ހަދާ ޕާކު އަންނަ މަހުގެ 11ވަނަ ދުވަހު ހުޅުވުމަށެވެ. ހުސްބިމެއް ގޮތަށް އޮތް އެ ޕާކްގައި ގިނަ އަދަދެއްގެ ރުކާއި ގަހުގެ އިތުރުން ވިނަ އިންދައި ވަނީ ވަރަށް ބޮޑަށް ފެހި ކޮށްފައެވެ. އަދި އިށީނދެ ތިބުމަށް ގޮނޑިތަކެއް ވަނީ ބަހައްޓާފައެވެ.