ތަޢުލީމު

208 ދަރިވަރަކަށް މަތީ ތައުލީމަށް ކިޔެވުމަށް ލޯނު ދީފި


މަތީ ތަޢުލީމަށް ކިޔެވުމަށް ލޯން ލިބޭ 208  ދަރިވަރަކަށް ލޯން ލިބުނުކަމުގެ ލިޔުން ހަވާލުކޮށްފިއެވެ.ރޭ ކުއްލިއްޔާގައި ބޭއްވި ރަސްމިއްޔާތެއްގައި ލޯން ލިބުނު ކަމުގެ ލިޔުން ހަވާލުކޮށްދެއްވީ އެޑިޔުކޭޝަން މިނިސްޓަރ ޑޮކްޓަރ އައިޝަތު ޝިހާމާއި މިނިސްޓަރުގެ ނައިބު އަހުމަދު އަޒްލީންއެވެ.މިއަހަރުގެ އެޕްރީލް މަހު ހުޅުވާލި ޓާރޝަރީ ލޯން ސްކީމްގެ ދަށުން ރޭ ވަނީ، އެމްބީބީއެސް އަށް ކިޔެވުމުގެ ފުރުސަތު ވިހި ދަރިވަރަކަށް، މެޑިސިން ދާއިރާއިން ޕޯސްޓްގްރެޖުއޭޓް ލެވެލްގައި ކިޔެވުމަށް އެއް ދަރިވަރަކަށް ލޯން ދީފައެވެ. އަދި  ރާއްޖޭގައި މާސްޓަރސް ފެންވަރަށް ކިޔެވުމަށް ފަންސަވީސް ދަރިވަރަކަށް، ރާއްޖެއިން ބޭރުގައި މާސްޓަރސް ޑިގްރީއަށް ކިޔަވަން ތޭރަ ދަރިވަރަކަށް  ލޯން ލިބުނު ކަމުގެ ލިޔުން ވަނީ ހަވާލުކޮށްފައެވެ. އަދި ޑިގްރީއަށް ކިޔެވުމަށް ލޯން ލިބުނު ދަރިވަރުންނަށްވެސް ލިޔުން ހަވާލުކޮށްފައިވެއެވެ.މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެޑިޔުކޭޝަން މިނިސްޓަރ ޑޮކްޓަރ އައިޝަތު ޝިހާމް  ވިދާޅުވީ ލޯން ސްކީމްގެ މިފުރުސަތުގައި 208 ދަރިވަރުންނަށް ކިޔެވުމުގެ ފުރުސަތު ފަހިވެގެންދާއިރު، މިހާރުވެސް ފަސްސަތޭކައަށްވުރެ ގިނަ ދަރިވަރުން ލޯން ސްކީމްގެ ދަށުން ކިޔަވަމުންދާކަމަށެވެ.މިނިސްޓަރ ވިދާޅުވީ ލޯން ލިބުނުކަމުގެ ލިޔުން ލިބުނު ދަރިވަރުންނަކީ ކުރިއަށްއޮތްތާގައި މިޤައުމަށް ޚިދުމަތްކުރުމަށް ތަމްރީންވެގެންދާނެ ދަރިވަރުންކަމަށް އުއްމީދުކުރައްވާ ކަމަށެވެ. އަދި ކައިރި މުސްތަޤްބަލެއްގައި އިތުރު ފުރުސަތު ހުޅުވިގެންދާނެކަމަށް މިނިސްޓަރ އައިޝަތު ޝިހާމް ވިދާޅުވިއެވެ.