ވިޔަފާރި

މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން


މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ޗައިނާއިންކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ޢާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން ސެޕްޓެމްބަރުމަހުގެ ނިޔަލަށް ޗައިނާއިން ވަނީ (230349) ދެ ލައްކަ ތިރީސް ހާސް ތިން ސަތޭކަ ސާޅީސް ނުވަ ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މިމުއްދަތުގައި ޒިޔާރަތްކުރި (222107) ދެ ލައްކަ ބާވީސް ހާސް އެއް ސަތޭކަ ހަތް ފަތުރުވެރިންނާ އަޅާ ބަލާއިރު، 3.7 އިންސައްތައިގެ ކުރިއެރުމެކެވެ. މިއަހަރުގެ ސެޕްޓެމްބަރުމަހުގެ ނިޔަލަށް ޗައިނާއިން ރާއްޖެއަށް ދެ ލައްކަ ތިރީސް ހާސް ތިން ސަތޭކަ ސާޅީސް ނުވަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިއީ ރާއްޖެ ޒިޔާރަތްކުރި ޖުމްލަ ފަތުރުވެރިންގެ 18.4 އިންސައްތައެވެ.

ޗައިނާއަށްފަހު ދެވަނައަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ އިންޑިއާއިންނެވެ. އިންޑިއާއިން މިހާތަނަށް (115507) އެއްލައްކަ ފަނަރަ ހާސް ފަސް ސަތޭކަ ހަތް ފަތުރުވެރިޔަކު ޒިޔާރަތްކޮށްފައިވާއިރު، މިއީ މިދިޔަ އަހަރުގެ މިމުއްދަތާ އަޅާބަލާއިރު 105.1 އިންސައްތަ އިތުރު އަދަދެކެވެ. އިންޑިއާއިން ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ ނިސްބަތަކީ ރާއްޖެ ޒިޔާރަތްކުރި ޖުމްލަ ފަތުރުވެރިންގެ 9.2 އިންސައްތައެވެ.

3 ވަނައަށް އެންމެ ގިނައިން ރާއްޖެ ޒިޔާރަތްކޮށްފައިވަނީ އިޓަލީގެ ފަތުރުވެރިންނެވެ. އިޓަލީން ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު (97375) ނުވަ ދިހަ ހަތް ހާސް ތިން ސަތޭކަ ހަތްދިހަ ފަހެއްގައި އުޅޭއިރު، މިއީ ރާއްޖެ ޒިޔާރަތްކުރި ޖުމްލަ ފަތުރުވެރިންގެ އަދަދުގެ 7.8 އިންސައްތައެވެ. އަދި އިޓަލީން ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރާ އަޅާބަލާއިރު ވަނީ 31.7 އިންސައްތަ އިތުރުވެފައެވެ.

ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި ސަރަޙައްދުތަކަށް ބަލާއިރު، އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ޔޫރަޕުންނެވެ. ޔޫރަޕުން މިހާތަނަށް (594657) ފަސް ލައްކަ ނުވަދިހަ ހަތަރު ހާސް ހަ ސަތޭކަ ފަންސާސް ހަތް ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިއީ ރާއްޖެ ޒިޔާރަތްކުރި ޖުމްލަ ފަތުރުވެރިންގެ 48 އިންސައްތައެވެ. ދެވަނައަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ އޭޝިޔާ ޕެސިފިކް ސަރަޙައްދުންނެވެ. އެސަރަޙައްދުން (535026) ފަސް ލައްކަ ތިރީސް ފަސް ހާސް ސައްބީސް ފަތުރުވެރިޔަކު ޒިޔާރަތްކޮށްފައިވާއިރު، މިއީ ރާއްޖެ ޒިޔާރަތްކުރި ޖުމްލަ ފަތުރުވެރިންގެ 43 އިންސައްތައެވެ.

3 ވަނައަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި އެމެރިކާ ސަރަޙައްދުން 61113 ފަސްދޮޅަސް އެއް ހާސް އެއް ސަތޭކަ ތޭރަ ފަތުރުވެރިޔަކު ޒިޔާރަތްކުރިއިރު، މިއީ ރާއްޖެ ޒިޔާރަތްކުރި ޖުމްލަ ފަތުރުވެރިންގެ 5 އިންސައްތައެވެ.