ޚަބަރު

އެންޓި-ޑްރަގް އެމްބެސެޑަރަކަށް އިމްރާން ހަމަޖައްސައިފި


އެންޓި-ޑްރަގް އެމްބެސެޑަރަކަށް މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ އަދި ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމުގެ ގޯލްކީޕަރ އިމްރާން މުހައްމަދު ހަމަޖައްސައިފިއެވެ.އެކަމަށްޓަކައި މިއަދު ނެޝެނަލް ޑްރަގް އެޖެންސީގައި ބޭއްވި ރަސްމިއްޔާތުގައި އިމްރާންއަށް އެމްބެސެޑަރުކަމުގެ ލިޔުމާއި، ޓެގްކޮޅު ހަވާލުކޮށްދެއްވީ، އެން.ޑީ.އޭ ބޯޑުގެ ޗެއަރމަން ލެފްޓިނެންޓް ކާނަލް ޑރ. އަލީ ޝާހިދު މުހައްމަދުއެވެ.މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެން.ޑީ.އޭ ބޯޑުގެ ޗެއަރމަން ލެފްޓިނެންޓް ކާނަލް ޑރ. އަލީ ޝާހިދު މުހައްމަދު ވިދާޅުވީ، ޑްރަގްގެ ވަބާއިން ޒުވާނުން ސަލާމަތްކުރުމަށް އެން.ޑީ.އޭގެ ފަރާތުން ކުރަމުންދާ މަސައްކަތުގެ ތެރެއިން އެކަމަށް ހާއްސަ އެމްބެސެޑަރަކު ކަނޑައެޅިގެންދިއުމަކީ މި މަސައްކަތަށް ލިބިގެންދިޔަ އިތުރު ކުރިއެރުމެއްކަމަށެވެ.ދުނީޔޭގެ އެކި ޤައުމުތަކުގައި ތަފާތު ކަންކަމުގައި ޕަބްލިކް އެވެއަރނަސް ހިންގުމަށް މަޝްޙޫރު ސެލެބްރިޓީންނާއި، ފަންނާނުން އެމްބެސެޑަރުންގެ ގޮތުގައި ބޭނުންކުރަމުންދާކަން ފާހަގަކުރައްވާ، ޑރ. ޝާހިދު ވިދާޅުވީ، އިމްރާން މެދުވެރިކޮށްވެސް، ޑްރަގުގެ ވަބާއިން ޒުވާނުން ދުރުކުރުމަށް ތަފާތު ހަރަކާތްތައް ހިންގުމަށް ހަމަޖެހިފައިވާކަމަށެވެ.މީޑިއާއާއި ވާހަކަދައްކަމުން، ޤައުމީ ފުޓުބޯޅަ ޓީމުގެ ގޯލްކީޕަރ އިމްރާން މުހައްމަދު ވިދާޅުވީ، އެމްބެސެޑަރުކަން ކުރުމަކީ އޭނާ އަބަދުވެސް ޝަޢުގުވެރިވާ ކަމެއް ކަމަށާއި، ވަކިން ޚާއްސަކޮށް ޒުވާނުންނާއި ގުޅިފައިވާ މިފަދަ ބޮޑު މައްސަލައެއްގައި، އެކަމުން ޒުވާނުން ހޭލުންތެރިކުރުވަން މަސައްކަތްކުރުމުގެ ފުރުސަތު އޭނާއަށް ލިބުނީތީ، އެކަމާ އުފާކުރާކަމަށެވެ. އަދި މަސައްކަތެއް ނެތި ބޭކާރުގޮތުގައި ވަގުތުތައް ހޭދަކުރުމުގެ ބަދަލުގައި، ބޭނުންތެރި ގޮތުގައި ވަގުތުތައް ހޭދަކުރުމަށް އިމްރާން ޒުވާނުންނަށް އިލްތިމާސްކުރެއްވިއެވެ.