ޚަބަރު

ތަފާތު މަންޒަރެއް، ވަޑާން ކުރަންވެސް އަންހެނުން


ރާއްޖޭގައި ވަކި ބާވަތްތަކެއްގެ މަސައްކަތަކީ ވަކި ޖިންސެއްގެ ބައެއް ކުރަންޖެހޭ ކަމެކޭ ބުނި ޒަމާން ފަހަނައަޅައި ހިނގައްޖެއެވެ. ޢިމާރާތް ކުރުމާއި، ރިސޯޓްތަކުގައި މަސައްކަތްކުރުމާއި، މަތީ ފަންތީގެ ވަޒީފާތަކަކީވެސް ވަކި ޖިންސަކަށް އޮތް ކަމެއްކަމަށް ދެކެވުނު ދުވަހެއްވެސް ރާއްޖޭގައި ދިޔައެވެ. އެހެންނަމަވެސް އެ ވިސްނުން މިއަދު ދިވެހި މުޖުތަމަޢުން މިވަނީ ވަރަށްބޮޑަށް ބަދަލުވެފައެވެ.

ގޭގައި ހަރުކޮށްފައި ހުންނަ ބޮކި އެނދުމުން ބޮކި ބަދަލުކޮށްލަން ނޭގި ކަނު އަނދިރީގައި، ގޭސް ހުސްވީމަ ގޭސްފުޅި ގުޅާލަން ނޭނގި ނުކެއްކި، ނޫނީ ހިފާގެންގުޅޭ އެއްޗެއްގެ އިސްކޫރެއް ދޫވީމަ އެ ބާރު ކޮށްލަންވެސް ނޭނގި އެތައްދުވަހަކު ތިބެންޖެހުނީ ވަކިކަމެއް ވަކި ޖިންސަކަށް ނޫނީ ނުވާނެކަމަށް ވިސްނުނު ވިސްނުމުގެ ސަބަބުންނޭވެސް ބުނެވިދާނެއެވެ.

ޚާއްސަކޮށް ވަޑާމުގެ މަސައްކަތްފަދަ ކަންކަމަކީ އަމުދުން އަންހެނުން އަބަދުވެސް ބީރައްޓެހި މަސައްކަތެކެވެ. ނަމަވެސް މިހާރު މިވަނީ މިކަން ބަދަލުވެ ޢާއްމުވުމުގެ ސިގްނަލްތައް ފެންނަން ފަށާފައެވެ.

މި މަސައްކަތަށް ނިކުންނަށް ބޭނުންވާ އެތައް ދިވެހި އަންހެނުން ތިބިކަން ފެންނަނީ ވަޑާމުގެ މަސައްކަތް އުނގެނޭނެ ދޮރެއް ހުޅުވުމުން އެކަމަށް ޝަޢުގުވެރިކަން ފާޅުކުރި އަންހެނުންގެ ޢަދަދު ގިނަކަމުންނެވެ.

"މޯލްޑިވްސް އިންސްޓްޓިއުޓް އޮފް ޓެކްނޮލޮޖީ" (އެމްއައިޓީ)އިން އަންހެނުންނަށް ޚާއްސަކޮށް ފެށި ވަޑާމު ކޯހުގައި 40 ޒުވާން އަންހެނުން ދަނީ ތަމްރީންވަމުންނެވެ. އެމްއައިޓީއިން ކުރިއަށްގެންދާ 1މަސް ދުވަހުގެ ވަޑާން ބޭސިކް ކޯހުގެ ފުތަރަމަ ބުރުގައި 12 އަންހެނުން ބައިވެރިވި ނަމަވެސް، މިހާރު ކުރިއަށްދާ މީގެ 2ވަނަ ބެޗުގައި މި ޢަދަދަށްވުރެ 3 ގުނަ އިތުރަށް އަންހެނުންވަނީ ބައިވެރިވެފައެވެ.

" މިހާރު ޖުމްލަ 52 ކުދިންނަށް އަޅުގަނޑުމެންގެ ޕްރޮގްރާމްގެ ތެރެއިން މި ފުރުސަތު ދެވުނީ. ހީނުކުރާވަރަށް އެބަ ތަރޙީބު ލިބޭ." އެމްއައިޓީގެ ކޯސް އިންސްޓްރަކްޓަރ ހޫދު ވިދާޅުވިއެވެ.

ފަރނީޗަރ ކާޕެންޓްރީ ކޯހުގެ 2ވަނަ ބެޗް ކުރިއަށްގެންދަނީ 2 ކްލާހަށް ބަހާލައިގެންނެވެ. ޖާގައާއި ވަސީލަތުގެ ގޮތުން ކްލާހެއްގައި ކިޔަވައިދެނީ 20 ކުދިންނަށެވެ. 2ވަނަ ބެޗް ފަށާފައިވާއިރު މިއީ އަލަށް ފެށި ބެޗުގެ ފުރަތަމަ ހަފްތާގެ ތަމްރީންތަކެވެ.

"ވަރަށް ބޭސިކް ކަންކަން ފުރަތަމަ މި ދަސްކުރަނީ. ޓޫލްސްތައް ބޭނުންކުރާނި ގޮތްތައް. މި ކްލާހުގައި މި ހަދަނީ ލަކުޑިން ހަދާ ތެލި ބަހައްޓާ އެއްޗެއް. މީތި ކަފާ އޮމާންކޮށް ގުޅުވާލަން ޖެހެނީ. މޮހޮރެއް ބޭނުމެއް ނުކުރާނެ." ހޫދު ވިދާޅުވިއެވެ.

މި ކޯހުގެ ޒަރިއްޔާއިން ބަދިގޭގައި ބޭނުންކުރާ ދޭފަތާއި ސަމްސާފަދަ ތަކެތި ހެދުމުގެ އިތުރުން، ގޭތެރެ ޒީނަތްތެރި ކުރުމަށް ބޭނުންވާ ބައެއް ސާމާނު ހަދަންވެސް ދަސްކުރާނެއެވެ. އެގޮތުން ނިމިދިޔަ ބެޗުގެ ކުދިންވަނީ ލަކުޑި ބޭނުންކޮށްގެން ގޮނޑިއާއި، މޭޒާއި، ކަބަޑާއި، އަދި ފާރުގައި ރެކް ހަދާނެ ގޮތް ދަސްކޮށްފައެވެ.

"އަންހެން ކުދިންނަށްވީމަ މިފަދަ މަސައްކަތްތައް ނަގަނީ ވަރަށް ލައިޓްކޮށް. އެކަމަކު އަހަރަމެންގެވެސް މިކަމަށް ވަރަށް ޝަޢުޤު އެބަހުރި. މިހާރުވެސް ވަރަށް ގިނަ މަސައްކަތްތަކުގައި އަންހެނުން އެބަ މާކުރި އަރާ. މިއީ އެންމެންނަށްވެސް ކުރެވޭނެ މަސައްކަތެއް." ކޯހުގެ ބައެއް ބައިވެރިން ފާހަގަކޮށްފައިވެއެވެ.

ކޯހުގެ ބައިވެރިން ފާހަގަކުރިގޮތުގައި މިފަދަ ހުނަރެއް ލިބިފައިވުމުގެ ސަބަބުން ގޭތެރޭގައި ކުރާ ކުދިކުދި މަސައްކަތްތަކަށް ލުއިފަސޭހަވެއެވެ. އަދި އާމްދަނީއެއް ހޯދުމަށްވެސް މިއީ ފުޅާ ދާއިރާއެއްގައި ކުރެވިދާނެ މަސައްކަތެއްކަން ބައިވެރިން ފާހަގަކޮށްފައިވެއެވެ. އެމްއައިޓީން ބުނެފައިވަނީ ކުރިއަށްއޮތް ތަނުގައިވެސް އަންހެންކުދިންނަށް ޚާއްސަކޮށްގެން ވަޑާމުގެ އިތުރު ކޯސްތައް ހިންގާނެކަމަށެވެ.