ސިޔާސީ

ނަޝީދުގެ ގޭބަންދުގެ މުއްދަތު 2 މަސްދުވަހަށް އިތުރުކޮށްދީފި


ކުރީގެ ރައީސް މުޙައްމަދު
ނަޝީދު ދެ މަސްދުވަހުގެ މުއްދަތަށް ގޭބަންދަށް ބަދަލުކޮށްފައިވާ ކަމަށް ޓޫރިޒަމް
މިނިސްޓަރ  އަދީބު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމަށް މަޢްލޫމާތު ދެއްވަމުން ހޯމް މިނިސްޓްރީ ހިންގެވުމާ ވަގުތީ ގޮތުން ޙަވާލުވެ
ހުންނެވި މިނިސްޓަރ އަދީބު ވިދާޅުވީ ނަޝީދުގެ ގޭބަންދުގެ މުއްދަތު އިތުރު ކުރުމާ
މިއަދު މަޖިލީހުގައި ނެގި ވޯޓާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ. އަދި ނަޝީދުގެ
ގޭބަންދުގެ މުއްދަތު އިތުރުކޮށްފައިވަނީ ޑޮކްޓަރުގެ ލަފާގެ މަތިންކަމަށްވެސް
އަދީބު ވިދާޅުވިއެވެ.



ޓެރެރިޒަމްގެ ކުށުގައި 13 އަހަރުގެ ޖަލުހުކުމެއް ތަންފީޒުކުރަމުންދާ ކުރީގެ
ރައީސް މުހައްމަދު ނަޝީދު ފުރަތަމަ ގޭބަންދަށް ބަދަލުކޮށްފައިވަނީ 3 ދުވަހުގެ
މުއްދަތަށް މިދިޔަ އާދީއްތަ ދުވަހުއެވެ. 



ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް 13 އަހަރުގެ ޖަލުހުކުމެއް
އިއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާގެ
މަޤާމުގައި ހުރެ ކްރިމިނަލް ކޯޓުގެ އިސް ޤާޟީ އަބްދުއްﷲ މުހައްމަދު ހައްޔަރުކުރި
މައްސަލައިގައި، އެމަނިކުފާނުގެ މައްޗަށް ޕްރޮސިކިއުޓަރ ޖެނެރަލް ކުރެއްވި
ޓެރަރިޒަމްގެ ކުށުގެ ދައުވާ ސާބިތުވެގެންނެވެ.