 
										 
										
			އުރީދޫ މޯލްޑިވްސްއިން "އެކު" ނަމުގައި ކެމްޕެއިނެއް ލޯންޗުކޮށްފިއެވެ. 
"އެކު" ނަމުގައި ލޯންޗުކުރި ކެމްޕެއިނަކީ ޤައުމީ ދުވަހާ ގުޅުވައިގެން ލޯންޗުކުރި ކެމްޕެއިނެކެވެ. 
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އުރީދޫ މޯލްޑިވްސްގެ ޑައިރެކްޓަރ ބްރޭންޑް އެންޑް ސޭލްސް ހުސައިން ނިޔާޒް ވިދާޅުވީ، މިއީ އުރީދޫ މޯލްޑިވްސްގެ ބްރޭންޑް ކެމްޕެއިނެއްކަމަށެވެ. 
މި ކެންޕެއިންގެ މައިގަނޑު މަޤްސަދަކީ މުޖްތަމައުގައި މިހާރު އެއްބަޔަކު އަނެއްބަޔަކާއި ގުޅިގެން މަސައްކަތް ކުރުމަށް ދިމާވެފައިވާ މައްސަލަތަކާމެދު ވާހަކަދައްކާ، އެކަންކަން ހައްލުކުރުމަށް ބާރުއެޅުންކަމަށެވެ. އެގޮތުން މި ކެންޕެއިންގެ ތެރެއިން އެންމެން އެކުގައި ގުޅިގެން ކަންތައްތައް ކުރެވޭނެ ގޮތްތައް އަންގައިދޭނެކަމަށް ނިޔާޒް ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ކެންޕެއިން ބޮޑަށް ފޯކަސްކޮށްފަ މިއިނީ އެކީގައި ކިހިނެތްތޯ އުޅޭނީ. އަޅުގަނޑުމެން ބޭނުންވަނީ ޓެލިކޮމިއުނިކޭޝަން މެދުވެރިކޮށް އެންމެން އެކީގައި ކަންތައްތައް ކުރެވޭނީ ކިހިނެތްތޯ ބަލަން." ނިޔާޒް ވިދާޅުވިއެވެ.
އުރީދޫއިން މި ކެމްޕެއިން ކުރިއަށްގެންދާނީ 1 އަހަރުދުވަހުގެ މުއްދަތަކަށެވެ. އުރީދޫގެ ބްރޭންޑް ކެމްޕެއިނެއްގެ ގޮތުގައި އެންމެ ފަހުން ކުރިއަށްގެންދިޔަ "ވަރަށް ތަފާތު" ކެންޕެއިނަށްވެސް ބޮޑު ތަރުހީބެއް ވަނީ ލިބިފައެވެ. މި ކެންޕެއިނަށްވެސް ބޮޑު ތަރުހީބެއް ލިބޭނެކަމަށް އުންމީދުކުރާކަމަށް އުރީދޫ މޯލްޑިވްސްއިން ބުނެއެވެ.