ޚަބަރު

ޖޫރިމަނާ މާފް ކުރުމާ ގުޅޭ އިސްލާހުގެ ފުރަތަމަ ކިއުން އިއްވައިފި


ޤަވާޢިދާއި ޚިލާފަށް ޕާކުކުރާ އުޅަނދުތަކުގައި ސްޓިކާ ޖަހައި ޓޯ ކުރުމުގެ ބާރު ފުލުހުންނަށްދީ، ޖޫރިމަނާ ފައިސާ ދައްކަން ނުޖެހޭގޮތަށް އެއްގަމު ދަތުރުފަތުގެ ގާނޫނު އިސްލާހުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށައަޅައިފިއެވެ.މިބިލް މަޖިލީހަށް ހުށައަޅުއްވާފައިވަނީ، މަޑަވެލި ދާއިރާގެ މެމްބަރު މުއާޒް މުހައްމަދު ރަޝީދުއެވެ. މިބިލްގެ ފުރަތަމަ ކިއުންވަނީ މިއަދުގެ ޖަލްސާއަށް އިއްވާފައެވެ.މިބިލް ގާނޫނަކަށްވެ އަމަލުކުރަން ފެށުމުގެ ކުރިން ގަވާއިދާ ޚިލާފަށް ޕާކްކޮށްގެން ޖޫރިމަނާ ކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ނުދައްކާ ހުރި ޖޫރިމަނާ ފައިސާތައް މައާފްވާނެއެވެ. މީގެ އިތުރުން ގަވާއިދާ ޚިލާފަށް ޕާކްކޮށްފައި ހުންނަ އުޅަނދުތައް ނެގުމުގެ ބާރު ފުލުހުންނަށް ލިބިގެންދާނެއެވެ. އެގޮތުން ފުލުހުން އެއުޅަނދެއް ނަގައިގެން ގެންދާ ވަގުތުން ފެށިގެން 24 ގަޑިއިރުގެ ތެރޭގައި އެ އުޅަނދެއްގެ މަޢުލޫމާތު ފަސޭހައިން ފެންނާނެހެން އާންމުކުރަންޖެހޭނެ ކަމަށް މިއިސްލާހްގައިވެއެވ. އަދި އެއުޅަނދާ ހަވާލުވުމަށް ވެރިފަރާތަށް ފަނަރަ ދުވަހުގެ މުހުލަތެއް ދެވޭނެކަމަށާއި އެއަށްފަހު ތިން މަސްދުވަސް ވުމުން އެއުޅަނދަކާ ބެހޭ މައުލޫމާތު އާންމުކުރުމަށްފަހު މިނިސްޓްރީން ކަނޑައަޅާ މުއްދަތުގެ ތެރޭގައި އެއުޅަނދަކާއި ހަވާލުނުވެއްޖެނަމަ އެއުޅަނދެއް ނީލަން ކިއުން ނުވަތަ ނައްތާލުމުގެ އިޚްތިޔާރު ވަނީ މިނިސްޓްރީއަށް ދީފައެވެ. ނަމަވެސް ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ އުޅަނދު ވަނީ އިސްތިސްނާކޮށްފައެވެ.އެބިލް ހުށައެޅުމުގެ މަޤްޞަދުގައި ބުނެފައިވަނީ، ރާއްޖޭގެ އެއްގަމު ދަތުރުފަތުރުގެ ނިޒާމު ހިންގުން ޚަރަދު ކުޑަކުރުމާއި، ގަވާއިދާ ޚިލާފަށް ޕާކް ކުރުމުގެ މައްސަލަ ހައްލުކޮށް އެކަމަށް ޒަމާނީ ފިޔަވަޅުތަކެއް ތައާރަފްކުރުންކަމަށެވެ.ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމިން، ޒުވާނުންނާ ބައްދަލުކުރައްވާ ވިދާޅުވެފައި ވަނީ، މަޖިލީހަށް ހުށަހަޅާފައިވާ މިބިލް ރަމަޟާންމަސް ނިމުމުގެ ކުރިން ނިންމަން މަސައްކަތް ކުރައްވާނެ ކަމަށެވެ.