ސިއްހަތު

ތ. އަތޮޅު ހޮސްޕިޓަލްގައި ދަތުގެ ފަރުވާ ދޭން ފަށައިފި


ތ. އަތޮޅު ހޮސްޕިޓަލްގައި ދަތުގެ ފަރުވާ ލިބޭނެ އިންތިޒާމް ޤާއިމުކޮށް، ޚިދުމަތް ދޭން ފަށައިފިއެވެ. ތ. ވޭމަންޑޫގައި ހުންނަ ތ. އަތޮޅު ހޮސްޕިޓަލުގައި ބޭއްވި ޙާއްސަ ރަސްމިއްޔާތެއްގައި މި ޚިދުމަތް އިފްތިތާޙްކޮށްދެއްވީ ހެލްތް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ނިޝާމާ މުޙައްމަދެވެ.

ދަތުގެ ފަރުވާ ހޯދުމަށް އާއްމުކޮށް ތ. އަތޮޅުގެ އެކި ރަށްރަށުން ގިނަ އަދަދެއްގެ ބަލި މީހުން ޑޮކްޓަރަށް ދައްކަމުން އަންނަނީ މާލެއާއި ލ.ގަމު ރީޖަނަލް ހޮސްޕިޓަލަށެވެ. ޖަޕާން ސަރުކާރުގެ ހިލޭ އެހީގައި އަލަށް ޤާއިމުކުރި ވަޞީލަތްތަކާއެކު ޚިދުމަތް ހޯދުމުގައި ލުއިފަސޭހަތަކެއް ލިބިގެންދާނެކަމަށް ހެލްތް މިނިސްޓްރީން ވިދާޅުވެއެވެ.

ތ. އަތޮޅު ހޮސްޕިޓަލުން ދުވާލެއްގެ މައްޗަށް އެވަރެޖްކޮށް 100 އަށްވުރެ ގިނަ މީހުން ޙިދުމަތް ހޯދައެވެ. މިވަގުތު 5 ސްޕެސަލިސްޓް ޑޮކްޓަރުންނާއި، 2 މެޑިކަލް އޮފިސަރުންގެ އިތުރުން، 11 ނަރުހުންނާއި، ޓެކްނިކަލް 9 މުވައްޒަފުން ތ. އަތޮޅު ހޮސްޕިޓަލުގައި އަންނަނީ މަސައްކަތް ކުރަމުންނެވެ.