ވިޔަފާރި

ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑަށް ޕްރޮޕޯސަލް ހުށަހަޅަން ހުޅުވާލައިފި


ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑުގެ 4 ވަނަ ބުރަށް ޕްރޮޕޯސަލް ހުށަހަޅަން ހުޅުވާލައިފިއެވެ.

"އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު"ގެ ބޭނުމަކީ ފަރުދުންނާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް އެހީތެރިވުމެވެ. ޕްރޮޕޯސަލް ހުށައެޅުމުގެ އެންމެ ފަހުގެ ތާރީހަކީ އަންނަ މަހުގެ 14 ވަނަ ދުވަހެވެ.

ބީއެމްއެލްއިން ބުނީ އިޖުތިމާއީ ފައިދާއަށް ހިލޭ ސާބަހަށް ކުރާ މަސައްކަތްތައް ހުށައެޅޭނެކަމަށެވެ. އޭގެތެރޭގައި ތައުލީމު، ކުޅިވަރު އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަން ހިމެނެއެވެ. ޕްރޮޕޯސަލް ހުށަހެޅުމާ ގުޅޭ އިތުރު މައުލޫމާތު އެ ބެންކުގެ ވެބްސައިޓުން ލިބޭނެއެވެ.

މިއަހަރުގެ ކޮންމެ ކުއާޓަރއެއްގައި ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު ފަސް ޕްރޮޕޯސަލް ހޮވައި، ކޮންމެ ޕްރޮޕޯސަލް އެއްގައި ހިމެނޭ ހަރަކާތް ހިންގުމަށްޓަކައި 50000 ރުފިޔާ ބީއެމްއެލްއިން ދޭނެއެވެ.

ބޭންކުގެ އެންމެ ބޮޑު އެއް އަމާޒަކީ ބޭންކަށް ލިބޭ ފައިދާ އަނބުރާ މުޖުތަމައަށް ފޯރުކޮށްދިނުންކަމަށް އެ ބެންކުން ބުނެއެވެ. ކޮމިއުނިޓީ ފަންޑާއެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުންދާ ޕްރޮޖެކްޓްތަކަށް މާލީ ގޮތުން އެހީތެރިކަން ފޯރުކޮށްދީ މުޖުތަމައުގެ ކުރިއެރުމަށާއި ލާބައަށް ކުރާ މަސައްކަތް އިތުރުވެގެން ގޮސްފައިވާކަމަށް އެ ބެންކުން ބުނެއެވެ.

މިއަހަރު ތެރޭގައިވެސް "އަހަރެންގެ ބޭންކް"ގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޖުމްލަ 100 ޕްރޮޖެކްޓަކަށް އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.

އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު އިފްތިތާހުކޮށްފައިވަނީ ދިވެހިންނާއި ދިވެހި މުޖުތަމައުތަކާ އޮތް ގުޅުން ބަދަހި ކުރުމަށް "އަހަރެންގެ ބޭންކް"ގެ ނަމުގައި މުޅި ރާއްޖެއަށް އަމާޒުކޮށްގެން ބޭންކުން ކުރިއަށްގެންދާ ޕްރޮގްރާމް ދަށުންނެވެ.