ވިޔަފާރި

3 ވަނަ ކުއަރޓަރުގައި އެސްޓީއޯއަށް 95 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް


މި އަހަރުގެ ތިންވަނަ ކުއާޓަރގައި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން، އެސްޓީއޯގެ ސާފު ފައިދާގެ ގޮތުގައި 95 މިލިއަން ރުފިޔާ ލިބިއްޖެއެވެ.

އެސްޓީއޯއިން ޢާއްމުކޮށްފައިވާ 3 ވަނަ ކުއާޓަރުގެ މާލީ ހިސާބުތައް ދައްކާގޮތުން 95 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް އެކުންފުންޏަށް ލިބިފައިވާއިރު، މިއީ މިއަހަރުގެ 2 ވަނަ ކުއާޓަރާއި އަޅާބަލާއިރު 25 އިންސައްތައިގެ ކުރިއެރުމެކެވެ.

މާލީ ހިސާބުތައް ދައްކާގޮތުން އެސްޓީއޯއަށް ތިން ވަނަ ކުއާޓަރުގައި އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 2.2 ބިލިއަން ރުފިޔާއެވެ، ނަމަވެސް މިއީ ދެވަނަ ކުއާޓަރުގައި ލިބުނީ 2.3 ބިލިއަން ރުފިޔާއާ އަޅާބަލާއިރު މަދު އަދަދެކެވެ.

2.2 ބިލިއަން ރުފިޔާގެ އާމްދަނީއެއް ދެވަނަ ކުއާޓަރުގައި އެސްޓީއޯއަށް ލިބުނުއިރު، ޚަރަދުތައް ކެނޑުމުން އެސްޓީއޯއަށް 340 މިލިއަން ރުފިޔާ ލިބިފައިވެއެވެ. އަދި ހިންގުމުގެ ޚަރަދު ކެނޑުމަށްފަހު އެކުންފުންޏަށް 151 މިލިއަން ރުފިޔާ ލިބިފައިވެއެވެ. އަދި ޓެކްސްއަށް ކެނޑުމުގެ ކުރިން 112 މިލިއަން ރުފިޔާގެ ފައިދާއެއް ލިބިފައިވާއިރު، ޓެކްސްއަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި 95 މިލިއަން ރުފިޔާ އެސްޓީއޯއަށް ލިބިފައިވެއެވެ.

ތިންވަނަ ކުއާޓަރގެ ފައިދާ އިތުރު ވެފައިވާއިރު މި އަހަރުގެ ތިން ކުއާޓަރގެ ފައިދާ އެއްކޮށްލުމުން 2018 ވަނަ އަހަރުގެ ޖުމްލަ ފައިދާއަށްވުރެ މި އަހަރުގެ ތިން ކުއާޓަރއިން އެސްޓީއޯއަށް ލިބިފައިވާ ފައިދާ ވަނީ ގާތްގަނޑަކަށް 30 އިންސައްތަ އިތުރުވެފައެވެ.

އެސްޓީއޯގެ ފައިދާ އިތުރުކޮށްފައި މިވަނީ މަސްވެރިންނަށް ދިމާވެފައިވާ މައްސަލަތައް ހައްލުކޮށްދިނުމަށް މިފްކޯއަށް މިއަހަރުގެ މިހާތަނަށް 150 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދު ކުރުމަށްފަހުކަންވެސް އެސްޓީއޯއިން ފާހަގަކުރެއެވެ.