ޚަބަރު

އެމްއެމްޕީއާރުސީގެ ޚިޔާނާތާއި ގުޅިގެން ޣައްސާންއާއި ސުވާލުކޮށްފި


އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ލިބުނުކަމަށް ތުހުމަތުކުރެވޭ ގުރައިދޫ ދާއިރާގެ މެމްބަރު މުޙައްމަދު ޣައްސާން މައުމޫން ފުލުސް އޮފީހަށް ހާޒިރުކޮށް ސުވާލުކޮށްފިއެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ލިބުނުކަމަށް ޣައްސާނަށް ކުރެވޭ ތުހުމަތުތަކާއި ގުޅިގެން ފުލުހުން ކުރަމުންދާ ތަޙްޤީޤުގައި ފުލުސް އޮފީހަށް ހާޒިކޮށް އޭނާއާއިސުވާލުކޮށްފައިވަނީ ރޭ 9:30ގައެވެ. ފުލުސް އޮފީހަށް ހާޒިރުކޮށް ސުވާލުކުރެވުނު މައްސަލާގައި ޣައްސާން އަދި މިހާތަނަށް އެއްވެސް އެއްޗެއް ވިދާޅުވެފައެއްނުވެއެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ 267 ފަރާތަކަށް ލިބުނުކަމަށް އެ މައްސަލަ ތަހްގީގުކުރާ އިދާރާތަކުންވަނީ ވިދާޅުވެފައެވެ. ޚިޔާނާތުގެ ފައިސާ ލިބިފައިވާ ފަރާތްތަކުގެ ތެރޭގައި 18ވަނަ ރައްޔިތުންގެ މަޖިލީހުގެ 44 މެމްބަރަކާއި، ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ 16 މެމްބަރަކާއި، މިނިވަން މުވައްސަސާތަކުގައި އިސްކޮށް ތިއްބެވި 5 ބޭފުޅެއްވެސް ހިމެނެއެވެ. މީގެ އިތުރުން މިހާރު ސަރުކާރުގެ މަގާމުގައިތަކުގައި ތިބި 7 މީހަކާއި، 7 ފަނޑިޔާރެއްގެ އިތުރުން ސަލާމަތީ ބާރުތަކުގައި ހިމެނޭ 23 މީހެއްވެސް ހިމެނެއެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގައި ތުހުމަރުކުރެވޭ މަޖިލީހުގެ މެމްބަރުންގެ ނަންތައް ހާމަކުރެއްވުމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުވަނީ ކަމާ ގުޅޭ އިދާރާތަކުގައި އެދިވަޑައިގެންފައެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާތައް ބޭނުނުންކޮށްފައިވަނީ ސިޔާސީ މަންފާތަކެއް ބޭނުންކުރުމަށްކަމަށް ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ ކޮމިޝަނުންވަނީ ބުނެފައެވެ. މިހާތަނަށް ކުރެވުނު ތަހުޤީޤުތަކުން އެގޭ ގޮތުގައި އެމްއެމްޕީއާރުސީގެ ޙިޔާނާތް 3.4 ބިލިޔަން ރުފިޔާއަށް އަރައެވެ.