ޚަބަރު

ޤައުމީ ދުވަސް އެންމެބޮޑަށް ހަނދާންކޮށްދެނީ އެކުވެރިކަމާއި ޞުލްޙަ ވެރިކަމުގައި ދެމިތިބުމަށް - ރައީސް


ޤައުމީ ދުވަހު އެންމެބޮޑަށް ހަނދާންކޮށްދެނީ އެކުވެރިކަމާއި ޞުލްޙަވެރިކަމުގައި ދެމިތިބުމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ފަޚުރުވެރި ޤައުމީ ދުވަހުގެ ތަހުނިޔާ ދިވެހި ރައްޔިތުންނަށް އަރިސްކުރައްވައި ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ފޮނުއްވާފައިވާ މެސެޖްގައި ވިދާޅުވެފައިވަނީ ޤައުމީދުވަސް ފަދަ އުފާވެރި މުނާސަބަތުތައް ހަނދާންކޮށްދެނީ އެކުވެރިކަމާއި ޞުލްޙަވެރިކަމުގައި ދެމިތިބުމަށްކަމަށެވެ. އެމަނިކުފާނު ވަނީ މިއަދުގެ ތަހުނިޔާ ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް ހިތުގެ އިޙްލާސްތެރިކަމާއެކު ދަންނަވާފައެވެ.

ޤައުމީ ދުވަހުގެ މުނާސަބަތުގައި ދަރުބާރުގޭގައި ރޭ ބޭއްވި ޖަލްސާގައިވެސް ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވީ 21 ވަނަ ޤަރުނުގެ ދުވަސްތައް ރާއްޖޭގެ ރައްޔިތުން ގުނަމުން އަންނައިރު، މީގެ ކުރިން ހިފެހެއްޓިފައި ހުރި އެތައް މިނިވަންކަމަކާއި، ކިތަންމެ ޙައްޤެއް، މިހާރު ޢަމަލުކުރަމުން އަންނަ ޤާނޫނުއަސާސީން ލިބިފައިވާކަމަށެވެ. ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި، ނޫސްވެރިކަމުގެ މިނިވަންކަމާއި، އެއްވެއުޅުމުގެ މިނިވަންކަމުގެ އިތުރުން ކިތަންމެ ޙައްޤަކާއި މިނިވަންކަމެއް ލިބިފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ އެކަންކަމުގެ ރނގަޅު ފައިދާ އިންތިހާއަށް ލިބެމުންދިޔަނަމަވެސް ބައެއް ފަރާތްތަކުން އެ މިނިވަންކަން އެއްވެސް އިމެއް މިނެއްނެތި، ނާޖާއިޒު ގޮތުގައި ބޭނުންކުރަން ފެށުމުގެ ސަބަބުން އެކަމުގެ ނުރަނގަޅު އަސަރު ޤައުމިއްޔަތަށާއި ޢާންމު ދިރިއުޅުމަށްވެސް ފޯރާފައިވާކަން ފާހަގަކުރައްވާފައެވެ.

ޤައުމީ ދުވަހުގެ ތަހުނިޔާ ފޮނުއްވައި ނާއިބް ރައީސް ފައިސަލް ނަސީމް ވިދާޅުވެފައިވަނީ ޤައުމިއްޔަތު ދެމެހެއްޓުމަށްޓަކައި ދީނީ އެއްބައިވަންތަކަން ވަރުގަދަކޮށް މުޖުތަމައުގެ ހަމަޖެހުން ޤާއިމްކޮށް އެކުވެރިކަން ވަރުގަދަ ކުރުން ވަރަށް މުހިންމުކަމަށެވެ. އެމަނިކުފާނުވަނީ ދުވަހުގެ ތަހުނިޔާ ރާއްޖޭގެ ރައްޔިތުންނަށް އަރިސްކުރައްވާފައެވެ.

ޤައުމީ ދުވަހުގެ ތަހުނިޔާ ދައުލަތުގެ އިސްމަޤާމްތަކުގައި ތިއްބެވި ބޭފުޅުންނާއި، އެކި މުއައްސަސާތަކުގެ ވެރިންދަނީ ދިވެހި ރައްޔިތުންނަށް އަރިސްކުރަމުންނެވެ. ޤައުމީ ދުވަސް ރާއްޖޭގައި ފާހަގަކުރަަނީ ކޮންމެ އަހަރަކުވެސް ރަބީޢުލްއައްވަލު މަހުގެ ފުރަތަމަ ދުވަހުއެވެ.