ސިޔާސީ

ރައީސްގެ އުމުރާ ގުޅޭ އިސްލާހު މަޖިލީހުން ފާސްކޮށްފި


ރައީސުލްޖުމްހޫރިއްޔާއާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަގާމަށް ކުރިމަތިލެވޭނެ އުމުރަކީ ތިރީސް އަހަރާއި ފަސްދޮޅަސް ފަސްއަހަރުކަމުގައި ކަނޑައެޅުމަށް ގާނޫނުއަސާސީއަށް ހުށައަޅާފައިވާ އިސްލާހު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.މިއިސްލާހު ފާސްވީ 77 މެމްބަރުންގެ ވޯޓުންނެވެ.މިއިސްލާހު ފާސްކުރުމަށް ޕީޕީއެމާއި، އެމްޑީއޭގެ އިތުރުން އިދިކޮޅު އެމްޑީޕީއާއި، ޖުމްހޫރީ ޕާޓީންވެސް ވަނީ ވޯޓު ދީފައިވެއެވެ.ހޯރަފުށީ ދާއިރާގެ މުހައްމަދު އިސްމާއިލް ގާނޫނު އަސާސީއަށް ހުށައަޅުއްވާފައިވާ އިސްލާހުގައި ބުނެފައިވަނީ، ރައީސުލްޖުމްހޫރިއްޔާގެ މަގާމަށާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަގާމަށް ކުރިމަތި ލެވޭނެ އުމުރަކީ ތިރީސް އަހަރާއި ފަސްދޮޅަސް ފަސްއަހަރުކަމަށެވެ.ރައީސްއާއި ނައިބު ރައީސްގެ މަގާމަށް ކުރިމަތިލެވޭ އުމުރަކީ ތިރީސް އަހަރާއި ފަސްދޮޅަސް ފަސް އަހަރާ ދެމެދު ކަމަށް ކަނޑައެޅުމަށް ގާނޫނު އަސާސީއަށް ހުށައެޅުއްވި އިސްލާހު ކޮމިޓީން ދިރާސާކޮށް ނިންމިި ގޮތުގެ ރިޕޯޓަށް ވާހަދެއްކީ ދެމެމްބަރުންނެވެ. ޕީޕީއެމާއި،އެމްޑީޕީން ވާހަކަ ދައްކާފާއިވާއިރު، ޖުމްހޫރީޕާޓީން ޥާހަކަ ދައްކާފައެއް ނުވެއެވެ.މިހާރު ޤާާނުނު އަސާސީގައި ބުނެފައިވާގޮތުން ރައީސްކަމަށައި، ނައިބު ރައީސްކަމަށް ކުރިމަތި ލެވޭނެ އެންމެ ދަށް އުމުރަކީ ތިރީސް ފަސްއަހަރެވެ.ރައީސް އާއި ނައިބު ރައީސްކަމަށް ކުރިމަތިލެވޭނެ އުމުރު އަށާރަ އަހަރަށް ބަދަލުކުރުމަށް މެދު ހެންވޭރުދާާއިރާގެ އެމްޑީޕީގެ މެމްބަރު އަލީ އާޒިމް އިސްލާހެއް ހުށައަޅުއްވާފައިވެއެވެ. ނަމަވެސް އެއިސްލާހު ހުށައަޅަފައިވަނީ، އިސްލާހު ހުށައެޅުމަށް ދީފައިވާ ވަގުތުގެ ފަހުންކަމަށް ވާތީ ރިޔާސަތުން އެއިސްލާހު ބަލައިގަނެފައެއް ނުވެއެވެ.ރައީސްއާއި، ނައިބު ރައީސްކަމަށް ކުރިމަތިލެވޭނެ އުމުރަކީ ތިރީސް އަހަރާއި ފަސްދޮޅަސް ފަސް އަހަރާ ދެމެދަށް ބަދަލު ކުރުމަށް ފާސްވުމުން، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ވެރިކަމަކަށް ދެނެއް ވާދައެއް ނުކުރެވޭނެއެވެ.