ޚަބަރު

މަސްތުވާތަކެއްޗާއިއެކު ގއ. ވިލިނގިލިން 3 މީހަކު ހައްޔަރުކޮށްފި


މަސްތުވާތަކެއްޗާއިއެކު ކަމަށް ބެލެވޭ
އެއްޗެއްހުރި ފިލްމު ހުސްކުރި ދަޅަކާއި 2 ސެލޯފިންކޮޅާއެކު ގއ. ވިލިނގިލިން 3
މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.





މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ
ދަށަށް ގެނެސްފައިވަނީ 20 އަހަރުގެ ފިރިހެނަކާއި 21 އަހަރުގެ ފިރިހެނެއްގެ
އިތުރުން 23 އަހަރުގެ ފިރިހެނެއްކަމަށް ފުލުހުން މައުލޫމާތުދެއެވެ. އަދި މި
އެންމެންނަކީވެސް ދިވެހިންކަމަށް ފުލުހުން މައުލޫމާތުދެއެވެ.





އެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް
ގެނެސްފައިވަނީ، މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާކަމަށް
ފުލުހުންނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން 2015 ޖޫން 22 ވަނަ ދުވަހުގެ ރޭ ހިންގި
އޮޕަރޭޝަނެއްގައި އެމީހުން ތިބި ތަން ބަލައި ފާސްކުރުމަށްފަހުގައި ކަމަށްވެސް
ފުލުހުން މައުލޫމާތުދެއެވެ. އަދި އެ މީހުން ތިބި ތަނަށް ފުލުހުން ވަތްއިރު، އެ
މީހުން ތިބީ މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެހި ބަންދުކުރަންކަމަށް ފުލުހުން
މައުލޫމާތުދެއެވެ.





މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެހި ހުރި
ތަކެތީގެ އިތުރުން މަސްތުވާތަކެތި ބަންދުކުރުމަށް ބޭނުންކުރާ ޒާތުގެ 119
ސެލޯފިންކޮޅު އެމީހުން ތިބި ތަނުން ފެނިފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.