ބޭރު ޤައުމެއްގެ ޙިމާޔަތް ނުވަތަ ރައްކާތެރިކަން ދޫކޮށްލިތާ މަދުވެގެން 10 އަހަރު ފަހުން ރިޔާސީ އިންތިޚާބުގައި ވާދަކުރުވޭގޮތަށް އޮތް އޮތުން އުނިކޮށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ރިޔާސީ އިންތިޚާބުގެ ޤާނޫނަށް 3 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤް ކުރައްވައިފިއެވެ.
މިމަހުގެ 16 ވީ ބުދަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަނީ ރިޔާސީ އިންތިޚާބުގެ ޤާނޫނަށް ތިންވަނަ އިސްލާޙް ގެނައުމުގެ ބިލް ފާސްކުރައްވާފައެވެ. މި އިސްލާޙްގައިވަނީ އެ ޤާނޫނޫގެ 7 ވަނަ މާއްދާގެ (ނ) އުނިކުރުމަށެވެ.
އެ އަކުރުގައި ބުނެފައިވަނީ، ރިޔާސީ އިންތިޚާބަށް ކުރިމަތިލާ މީހެއްގައި ހުންނަންޖެހޭ ޝަރުޠުތަކުގެ ތެރޭގައި އެމީހަކީ، ދިވެހި މަންމައަކާއި ދިވެހި ބައްޕައަކަށް އުފަން ދިވެހި ރައްޔިތަކު ކަމުގައިވުން އަދި ބޭރު ޤައުމެއްގެ ރައްޔިތަކު ކަމުގައި ނުވުން ކަނޑައަޅާފައިވާކަމަށްޓަކައި، ރިޔާސީ އިންތިޚާބަށް ކުރިމަތިލާ މީހަކު އެއްވެސް އިރެއްގައި ބޭރު ޤައުމެއްގެ ރައްޔިތަކު ކަމުގައިވެފައިވާނަމަ، ނުވަތަ ބޭރު ޤައުމެއްގެ ނުވަތަ ޙިމާޔަތް ނުވަތަ ރައްކާތެރިކަން ހޯދާފައިވާނަމަ އެފަދަ މީހަކަށް ރިޔާސީ އިންތިޚާބަށް ކުރިމަތިލެވޭނީ އެމީހަކު ބޭރު ރައްޔިތުކަން ނުވަތަ ބޭރު ޤައުމެއްގެ ޙިމާޔަތް ނުވަތަ ރައްކާތެރިކަން ދޫކޮށްލިތާ މަދުވެގެން ދިހަ އަހަރު ފަހުންކަމަށެވެ.
ޕީޕީއެމް ކޯލިޝަންގެ މެޖޯރިޓީ އޭރު އޮތް މަޖިލިހުން ރިޔާސީ އިންތިޚާބުގެ ޤާނޫނަށް މި އިސްލާހެއް ގެނެސްފައިމިވަނީ ނާ އިންސާފުން ދައުވާކޮށް ޙުކުމް ކުރާކަމަށް ވިދާޅުވެ ރާއްޖެއިން ބޭރުން ހިމާޔަތް ހޯއްދަވައިގެން އޭރު އުޅުއްވި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ޖުމްހޫރީ ޕާޓީގެ ރައީސް ޤާސިމް އިބްރާހީމަށް އަމާޒުކޮށްގެންނެވެ. އަދި ޕްރޮފެސަރ ހަސަން އުގެއިލް އިންތިހާބަށް ނުކުންނާނެކަމަށް އޭރު ދެކެވުނު ވާހަކަތަކީވެސް މި އިސްލާހު ފާސްކުރި ސަބަބެއްކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.
ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޤާނޫނަށް މި އިސްލާހު ގެނެސްފައިވަނީ މިދިޔަ ރިޔާސީ އިންތިހާބާ ދާދި ކައިރިވެފައިވަނިކޮށެވެ. އޭރު ކުރީގެ ރައީސް މުހައްމަދު ނަޝީދު ހުންނެވީ އިނގިރޭސިވިލާތުން ހިމާޔަތް ހޯއްދަވައިގެންނެވެ. ޤާސިމް އިބްރާހިމް ހުންނެވީ ޖަރުމަނުވިލާތުން ހިމާޔަތް ހޯއްދަވައިގެންނެވެ.