ޚަބަރު

ރާއްޖެއިން ނައްތާލެވިފައިވާ ބައްޔެއް ފެތުރުމުގެ ނުރައްކަލެއް ނެތް - ހެލްތު މިނިސްޓަރ


ރާއްޖެއިން ނައްތާލެވިފައިވާ ބަލިތައް އެގޮތުގައި ދެމެހެއްޓިފައި އޮތްކަމަށާއި އެފަދަ ބަޔެއް ފެތުރުމުގެ ނުރައްކާ ނެތްކަމަށް މިނިސްޓަރ އޮފް ހެލްތު ޢަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ހެލްތު މިނިސްޓަރ އަމީން ވިދާޅުވީ ރާއްޖެއިން ކާމިޔާބުކަމާއެކު ނުރައްކާތެރި ބައެއް ބަލިތައް ނައްތާލާފައިވާކަމަށެވެ. އަދި އެފަދަ ބައްޔެއް ރާއްޖޭގައި ފެތުރުނަ ނުދިނުމަށް ހަރުދަނާ އުސޫލުތަކެއްގެ ދަށުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ގިނަ މަސައްކަތްތަކެއް ކުރައްވަމުންގެންދަވާކަމަށެވެ. އަދި ރާއްޖެއިން ނައްތާލެވިފައިވާ އެއްވެސް ބައްޔެއް މިހާތަނަށް އަލުން ރާއްޖެއިން ފެނިފައި ނުވާކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ މިފަދަ ބަލިތައް ރާއްޖޭގައި ފެތުރުނަ ނުދިނުމަށްޓަކައި ރާއްޖެ އަންނަ ބިދޭސީންގެ ހެލްތު ސްކްރީނިންގ ހެދުމަށް މިހާރު އަމަލުކުރަމުންދާ އުސޫލު މުރާޖާކޮށް އިތުރަށް ފުރިހަމަ ކުރުމަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތްވެސް ކުރަމުންދާކަމަށެވެ.

ދުނިޔޭގެ އެކި ޤައުމުތަކުން ގައިން ގަޔަށް ނާރާ ބަލިތައް ނައްތާލުމަށް އަމާޒު ހިފާ ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާއިން ކަނޑައާޅާފައިވާ މުއްދަތަށްވުރެ ކުރިން ރާއްޖެއިންވަނީ ގިނަ ބަލިތަކެއް ނައްތާލާފައެވެ. އަދި މިފަދަ ބައްޔެއް އިތުރަށް ފެތުރުނަ ނުދިނުމަށް ކުރަންޖެހޭ މަސަކަތްތައް މިހާރުވެސް ކުރަމުންދާއިރު ދުނިޔެއާއި ރާއްޖެއަށް އަންނަމުންދާ ބަދަލާއެކު އިތުރަށް މިކަން ދެމެހެއްޓުމަށް ކުރަންޖެހޭ މަސައްކަތް ހެލްތު މިނިސްޓްރީން އަންނަނީ ކުރަމުންނެވެ.