ސިއްހަތު

ރާއްޖޭގެ ޢާއްމު ސިއްޙީ ޙާލަތު ބައްޓަންކުރާނެ ގޮތުގެ މަގު ޗާޓެއް އެކުލަވާލަނީ


އަންނަ އަހަރަކީ ޢާއްމު ސިއްޙަތުގެ އަހަރުގެ ގޮތުގައި ފާހަގަކުރުމަށް ތައްޔާރުވުމަށް ބާއްވާ މަހާސިންތާއެއް އަންނަ ނޮވެމްބަރު މަހު ބޭއްވުމަށް މިނިސްޓްރީ އޮފް ހެލްތުން ނިންމަވައިފިއެވެ. މިއީ ރާއްޖޭގެ ސިއްޙީ ދާއިރާއަށް ފައިދާ ބޮޑު މަހާސިންތާއަކަށް ވާނެކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެއެވެ.

ޢާއްމު ސިއްޙަތުގެ އަހަރުގެ ގޮތުގައި އަންނަ އަހަރު ފާހަގަކުރުމަށް ތައްޔާރުވުމުގެ ގޮތުން ބާއްވާ މިމަހާސިންތާގައި ސިއްޙީ ދާއިރާއާއި ގުޅުންހުރި ހުރިހާ ފަރާތެއް ބައިވެރިވާނެކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެއެވެ. އެގޮތުން ސަރުކާރާއި އަމިއްލަ ފަރާތްތަކުގެ އިތުރުން ސިއްޙީ ދާއިރާ ހަރުދަނާކުރުމަށް މަސައްކަތްކުރާ ޖަމްޢިއްޔާ ޖަމާޢަތްތަކާއި ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާއިންވެސް މިމަހާސިންތާގައި ބައިވެރިވާނެކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެއެވެ.

އަންނަ މަހުގެ 4 އަކުން 6 ކަށް ކުރިއަށްގެންދާ މިމަހާސިންތާގައި 2020 ވަނަ އަހަރު ސިއްޙީ ދާއިރާ ހަރުދަނާކުރުމަށް ކުރިއަށްގެންދާ މަސައްކަތްތަކާއި ގުޅޭގޮތުން މަޝްވަރާކުރާނެކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެއެވެ.

މިނިސްޓްރީ އޮފް ހެލްތުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް ހެލްތު ޢަބްދުﷲ އަމީން ވިދާޅުވީ މި މަހާސިންތާގައި ރާއްޖޭގެ ސިއްޙީ ދާއިރާއާއި ގުޅުންހުރި ފަންނީ ގިނަ ކަރުދާސްތަކެއް ހުށައަޅައި، ދާއިރާގައި ހުރި މައްސަލަތައް ދެނެގަނެ ޙައްލުކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާނެކަމަށެވެ. މި މަހާސިންތާއަށް ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކުން ކަރުދާސް ހުށައަޅާނެކަމަށްވެސް މިނިސްޓަރ އަމީން ވިދާޅުވިއެވެ.

"މިއީ ހަމައެކަނި ކުރިއަށް އޮތް އަހަރުގެ މަސައްކަތްތަކެއް ކަނޑައެޅުމަށް ބާއްވާ މަހާސިންތާއެއް ނޫން. މިއީ ރާއްޖޭގައި ދުރު މުސްތަގުބަލަށް ދިވެހިންގެ ދުޅަހެޔޮކަމާއި ފުރިހަމަ ސިއްޙަތު ހޯދައިދިނުމަށް ސިއްހީ ނިޒާމު ބައްޓަންކުރުމުގެ މާތް މަގުސަދުގައި ކުރާ މަސައްކަތެއް." މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މި މަހާސިންތާ ނިމިގެންދާއިރު ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ޙާސިލުކުރަން ހުރި ލަނޑުދަނޑިތައް ޙާސިލުކުރުމަށް ބޮޑު ބާރަކަށް ވެގެންދާނެކަމަށެވެ. މީގެ އިތުރުން 2020 ވަނަ އަހަރު ރާއްޖޭގެ ޢާއްމު ސިއްޙީ ޙާލަތު ބައްޓަންކުރާނެ ގޮތުގެ މަގު ޗާޓެއް މި މަހާސިންތާގެތެރެއިން އެކުލަވާލުމަށް ހަމަޖެހިފައިވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. މިމަގުޗާޓުގައި ސިއްޙީ ދާއިރާ ހަރުދަނާކޮށް އިތުރަށް ކުރިއެރުވުމަށްޓަކައި ކުރެވޭނެ ކަންކަން ބަޔާންކޮށްފައި ހުންނާނެކަމަށްވެސް މިނިސްޓަރ އަމީން ވިދާޅުވިއެވެ.

"އެއްތަނުން އަނެއްތަނަށް ދަތުރުކުރާ މީހުން އިތުރުވެ އެކި ޤައުމުތަކުން ޙާސިލުކޮށްފައި ހުރި ސިއްޙީ ކާމިޔާބީތަކަށް ގޮންޖެހުންތައްވަނީ ދުނިޔޭގެ ހުރިހާ ހިސާބަކަށްވެސް ކުރިމަތިވެފައި. ރާއްޖޭގައި ވެސް މަސައްކަތްކުރާ ބިދޭސީންގެ އާބާދީއާއި ދިވެހި އާބާދީވެސދަނީ އިތުރުވަމުން. މިކަމާހެދި ރާއްޖެއިންވެސް ސިއްޙީ ދާއިރާއިން ހޯދާފައިހުރި ކާމިޔާބީތަކަށްވަނީ ގޮންޖެހުންތައް ކުރިމަތިވެފައި." މިނިސްޓަރ ވިދާޅުވިއެވެ.

ސިއްޙީ ދާއިރާ ހަރުދަނާކުރުމަށް މަސައްކަތްކުރައްވަމުންގެންދަވާއިރު މިފަދަ މަހާސިންތާތަކުން ނެރެވޭ ނަތީޖާ ރަނގަޅުކުރުމަކީ މުހިއްމުކަމެއްކަމަށް ހެލްތު މިނިސްޓްރީން ފާހަގަކުރައްވައެވެ. އަދި މިފަދަ މަހާސިންތާތަކުން ނެރެވޭ ނަތީޖާއަކީ ދުރު މުސްތަގުބަލަށް އަމާޒުކޮށް ކުރޭވޭ މަސައްކަތްތަކެއްގެ ގޮތުގައި ހެލްތު މިނިސްޓްރީން ފާހަގަކުރެއެވެ.