ޚަބަރު

ޤައުމީ ދުވަހުގެ ޚާއްސަ ޖަލްސާ މިރޭ ދަރުބާރުގޭގައި


ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާ މިރޭ އޮންނާނެކަމަށް ހޯމް މިނިސްޓްރީއިން ވިދާޅުވެއްޖެއެވެ. މިޖަލްސާ އޮންނާނީ މިރޭ ދަރުބާރުގޭގައިކަމަށް އެމިނިސްޓްރީން ވިދާޅުވެއެވެ.

ޤައުމީ ދުވަސް ފާހަގަކުރަނީ ދިވެހިރާއްޖެ 15 އަހަރާއި 6 މަސް ދުވަހު ޕޯޗުގީޒުންގެ އަޅުވެތިކަމުގައި އޮތުމަށްފަހު މިނިވަންކަން ލިބުނު ދުވަސް ފާހަގަކުރުމަށެވެ. މި ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ރަބީޢުލްއައްވަލް މަހުގެ 1ވަނަ ދުވަހުއެވެ.

ކޮންމެ އަހަރަކުވެސް މި ދުވަސް ކުލަގަދަކޮށް ފާހަގަކުރަމުން އަންނައިރު، ޤައުމީދުވަސް ފާހަގަކުރުމަށް ބާއްވާ އެންމެ ބޮޑު ހަރަކާތަކީ ޤައުމި ދުވަހުގެ ރަސްމީ ޖަލްސާއެވެ. މިޖަލްސާގައި ޤައުމީ އިނާމު ދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ. ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްއާއި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ބައިވެރިވެ ވަޑައިގަންނަވާނެއެވެ.
މީގެ އިތުރުން ޤައުމީ ދުވަސް ފާހަގަކުރުމަށް ހއ.އުތީމުގައިވެސް ޚާއްސަ ޖަލްސާއެއް ބޭއްވުމަށް ހަމަޖެހިފައިވާކަމަށް ހޯމް މިނިސްޓްރީން މަޢުލޫމާތު ދެއްވައެވެ.

ޤައުމީ ދުވަހާއި ގުޅިގެން ދިދަ ނެގުމުގެ ހަރަކާތް ރާއްޖޭގެ ހުރިހާ ރަށެއްގައި މާދަމާ ކުރިއަށްގެންދިޔުމަށްވަނީ ހަމަޖެހިފައެވެ. މާލޭގައި ދިދަނެގުމުގެ ރަސްމީ ހަރަކާތް އޮންނާނީ މާދަމާ ހެނދުނު ޖޫމްހޫރީ މައިދާނުގައެވެ.