ޚަބަރު

ސުޕްރީމްކޯޓު ފަނޑިޔާރުކަމަށް މަހާޒު އައްޔަންކުރަން ފާސްކޮށްފި


ސްޕްރީމްކޯޓުގެ ފަޑިޔާރުކަމަށް ގދ.މަޑަވެލި، މޭނާ، އަލްއުސްތާޛު މަޙާޒު ޢަލީ ޒާހިރު އައްޔަންކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން ރުހުންދީފިއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް އައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުވި ގދ.މަޑަވެލި، މޭނާ، އަލްއުސްތާޛު މަޙާޒު ޢަލީ ޒާހިރު އައްޔަންކުރެއްވުމަށް މަޖިލީހުން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި 55 މެމްބަރުންގެ ތާއިދާއެކުއެވެ. މަހާޒު އާއިއެކު ތަޅުމަށް ކުރީގެ ބަންޑާރަ ނައިބް އަލްއުސްތާޛާ ފާޠިމަތު ދިޔާނާ ސަޢީދުގެ ނަންފުޅުވެސް މަޖިލީހަށް ހުށަހަޅާފައިވެއެވެ. ނަމަވެސް މަޖިލިސް ޤަވާއިދު ހަމަޖެހިފައިވާގޮތުން ފުރަތަމަ ވޯޓަށް އަހާ ފަރާތަށް މެމްބަރުންގެ އަޣުލަބިއްޔަތު ލިބިއްޖެނަމަ އިތުރުބޭފުޅަކަށް ވޯޓަށް އަހާކަށް ނުޖެހޭނެއެވެ.

ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ފަނޑިޔާރު ކަމުގެ މަގާމަށް މަހާޒު އައްޔަންކުރުމަށް ރުހުން ދިނުމަށް ދިނުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ތްރީލައިން ވިޕެއްވެސް ނެރެފައެވެ.

ސުޕްރީމްކޯޓަށް ފަނޑިޔާރުން އައްޔަންކުރުމުގެ މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ރިޕޯޓް ހުށަހެޅުމަށްފަހު ހުޅުވާލި ބަހުސްގައި އިދިކޮޅު މެމްބަރުންވަނީ ޖުޑިޝަރީގެ މިނިވަންކަން ސަރުކާރުން ނަގާލަމުންދާކަމަށް ވިދާޅުވެ ފާޑު ވިދާޅުވެފައެވެ. އިންސާފް ޤާއިމްކޮށްދިނުމަށް ވައުދުވެ ވެރިކަމަށް އައިސް ހުރިހާ ބާރުތައް އެއްކުރުމަށް މަސައްކަތް ކުރަމުންދާކަމަށް އިދިކޮޅު ފަރާތްތަކުން ވަނީ ތުހުމަތުކޮށްފައެވެ.

މިމައްސަލާގައި ވާހަކަ ދައްކަވަމުން ކާށިދޫ ދާއިރާގެ މެމްބަރު އަދި ސްޕްރީމްކޯޓަށް އައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުވެވި ދިޔާނާ ސައީދުގެ ފިރިކަލުން އަބްދުﷲ ޖާބިރުވަނީ 3 ފަހަރެއްގެ މަތިން ނިޒާމީ ނުކުތާތައް ނަންގަވާފައެވެ. އަދި މަޖިލިސް ހިންގަމުންދަނީ އެމްޑީޕީން ބޭނުންވާ ގޮތަށް އެކަނިކަމަށް ވިދާޅުވެ ނުރުުހުން ފާޅުކުރައްވާފައެވެ.

މިމައްސަލާގައި ވާހަކަ ދައްކަވަމުން ޖުޑިޝަރީ ކޮމިޓީގެ މުޤައްރިރު އަދި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ވިދާޅުވީ ސުޕްރީމްކޯޓަށް ފަނޑިޔާރަކު އައްޔަންކުރުމުގެ މައްސަލާގައި އެ ކޮމިޓީން އަމަލުކޮށްފައިވަނީ ޤާނޫނު އަސާސީ އާއި މަޖިލީހުގެ ޤަވާއިދާ އެއްގޮތަށްކަމަށެވެ. މިމައްސަލާގައި ވާހަކަ ދެއްކެވި މާމިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމްވަނީ ސްޕްރީމްކޯޓުގެ ހުސްވެފައިވާ މަޤާމަށް މިހާރުން މިހާރަށްވެސް މީހަކު އައްޔަންކުރެއްވުމަށް ތާއީދު ކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ.

ސުޕްރީމް ކޯޓުގެ ބެންޗުން ހުސްވެފައިވާ މަޤާމަށް ޢައްޔަންކުރެއްވުމަށް މަޖިލީހުން ރުހުންދެއްވި މަހާޒް ޢަލީ ޒާހިރަކީ ޑްރަގް ކޯޓުގެ ޤާޒީއެކެވެ. އޭގެ އިތުރުން ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުގެ އެސިސްޓަންޓް ޕަބްލިކް ޕްރޮސެކިއުޓަރ ޖެނެރަލްގެ މަޤާމުވެސް އަދާކުރައްވާފައިވެއެވެ.

ސުޕްރީމް ކޯޓްގެ ފަނޑިޔާރުގެ މަޤާމު ހުސްވެފައިވަނީ ފަނޑިޔާރުކަމުގެ މަޤާމުން އަލްއުސްތާޛް ޢަބްދުﷲ ދީދީ ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމުންނެވެ.