ޚަބަރު

އަންނަ އަހަރަށް 39.6 ބިލިއަން ރުފިޔާގެ ބަޖެޓެއް!


މިއަންނަ އަހަރަށް 39.6 ބިލިއަން ރުފިޔާގެ ބަޖެޓެއް މަޖިލީހަށް ހުށަހެޅުމަށް ފިނޭންސް މިނިސްޓްރީން ތައްޔާރުވެއްޖެއެވެ.

ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާ ފިސްކަލް އެންޑް ޑެޓް ސްޓްރެޓަޖީ ރިޕޯޓުގައިވާ ގޮތުން 39.6 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅާއިރު، ބަޖެޓްގެ ޖުމްލަ ޚަރަދަކީ 37 ބިލިއަން ރުފިޔާއެވެ. އަދި ބަޖެޓް ޑެފިސިޓް ނުވަތަ ދަރަނީގެ ގޮތުގައި އަންދާޒާކުރަނީ 5.5 ބިލިއަން ރުފިޔާއެވެ. އަދި އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައިި 30.7 ބިލިއަން ރުފިޔާ ލިބޭނެކަމަށް ފިނޭންސް މިނިސްޓްރީން ލަފާކުރެއެވެ.

އަންނަ އަހަރަށް 39.6 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހެޅުމަށް ތައްޔާރުވަމުންދާއިރު، ބަޖެޓް މަޖިލީހަށް ހުށަހަޅާނީ އަންނަ ބުރާސްފަތިދުވަހުކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.

ފިސްކަލް އެންޑް ޑެޓް ސްޓްރެޓަޖީ ރިޕޯޓުގައިވާ ގޮތުން އާމްދަނީއާއި ހިލޭއެހީގެ ގޮތުގައި 30.7 ބިލިއަން ރުފިޔާ ލިބޭނެކަމަށް ލަފާކޮށްފައިވާއިރު، މީގެތެރެއިން ޓެކްސް އާމްދަނީގެ ގޮތުގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވަނީ 18.2 ބިލިއަން ރުފިޔާއެވެ. ޓެކްސްނޫން އާމްދަނީގެ ގޮތުގައި 6 ބިލިއަން ރުފިޔާ ހިމަނާފައިވާއިރު ހިލޭ އެހީގެ ގޮތުގައި ލިބޭނެކަމަށް ލަފާކޮށްފައިވަނީ 4 ބިލިއަން ރުފިޔާއެވެ.

2020 ވަނަ އަހަރު ދައުލަތުގެ ބޭސްލައިން ރިކަރަންޓް ޚަރަދުގެ ގޮތުގައި 20 ބިލިއަން ރުފިޔާ ހޭދަ ވާނެ ކަމަށް ފިނޭންސްއިން ވަނީ ލަފާކޮށްފައެވެ. ބޭސްލައިން ކެޕިޓަލް ޚަރަދުގެ ގޮތުގައި ހޭދަވާނެކަމަށް ބަލާފައިވަނީ 11 ބިލިއަން ރުފިޔާއެވެ.

މެދުރާސްތާގައި ދައުލަތަށް ލިބޭނެކަމަށް ލަފާކުރެވޭ އާމްދަނީގެ ބޭސްލައިން އަންދާޒާއަކީ، އާމްދަނީ އިތުރުކުރުމަށް ހުށަހަޅާ އައު ކަންތައްތައް ނުހިމަނައި ލިބޭނެކަމަށް ލަފާކޮށްފައިވާ އާމްދަނީއެއްކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ. މީގެ އިތުރުން، ކޭޝް ގްރާންޓްގެ ގޮތުގައި އެއްވެސް މިންވަރެއް ލިބޭނެކަމަށް ބޭސްލައިން އަންދާޒާގައި ހިމަނާފައިނުވާކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ. 2020 އަހަރަށް ލަފާކުރާ ބަޖެޓް މަޖިލީހަށް ހުށައަޅާނީ އަންނަ ބުރާސްފަތި ދުވަހުއެވެ.