ޚަބަރު

އަންނަ އަހަރަށް ލަފާކުރާ ބަޖެޓް މަޖިލީހަށް ހުށަހެޅުން ބުރާސްފަތިދުވަހު


އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް މަޖިލީހަށް ހުށަހަޅާނީ ބަޖެޓް ޤާނޫނުގައި ބަޖެޓް ހުށަހެޅުމަށް ކަނޑައަޅާފައިވާ އެންމެ ފަހު ތާރީހުކަމުގައި މިމަހުގެ 31 ވަނަ ދުވަހުކަމަށް ފިނޭންސް މިނިސްޓްރީން ނިންމައިފިއެވެ.

ފިނޭންސް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ އަންނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓް ހުށަހެޅުމަށް ފިނޭންސް މިނިސްޓްރީން ކުރަންޖެހޭ މަސައްކަތުގެ ބޮޑުބައިނިމި ބަޖެޓް އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށެވެ. އަދި ބަޖެޓް ތައްޔާރުކުރުމުގެ ކުރިން ދައުލަތުގެ އެކި ވުޒާރާތަކާއި މިނިވަން މުއައްސަސާތަކާއި ބައްދަލުކޮށް، ބަޖެޓްގެ ދަތިކަން އެފަރާތްތަކަށް އޮތް މިންވަރު އޮޅުންފިލުވައި އަންނަ އަހަރަށް ބޭނުންވާ ބަޖެޓާއިގުޅޭ މައުލޫމާތުތައް އޮޅުންފިލުވާފައިވާކަމަށް ފިނޭންސް މިނިސްޓްރީގެ އޮފިޝަލް ވިދާޅުވިއެވެ.

އަންނަ އަހަރަށް 39.6 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހެޅުމަށް ނިންމާފައިވާއިރު، މިވަގުތު ކުރިއަށްދަނީ ބަޖެޓް މަޖިލީހަށް ހުށަހެޅުމުގެ ކުރިން ބަލަންޖެހޭ ކަންކަން ބަލައި އިދާރީ ގޮތުން ކުރަންޖެހޭ މަސައްކަން ކުރުންކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.

2020 ވަނަ އަހަރުގެ ބަޖެޓްގައި ސަރުކާރުގެ ވުޒާރާތަކުގެ އިންފްރާސްޓްރަކްޗައަށް ހައްލުތަކެއް ހޯދުމަށާއި، ސަރުކާރުން ހުށަހަޅުއްވާފައިވާ މެނިފެސްޓޯގައިވާ ކަންކަން ތަންފީޒުކުރުމަށް ޚާއްސަ އިސްކަމެއް ދެއްވާފައިވާ ކަމުގައި ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވަނީ ވިދާޅުވެފައެވެ.

އަންނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓް މަޖިލީހަށް ހުށަހެޅުމުގެ މަސައްކަތް ކުރައްވަމުންދާއިރު އޮގަސްޓް މަހުގެ ތެރޭގައިވަނީ 1.7 ބިލިޔަން ރުފިޔާގެ ސަޕްލިމަންޓްރީ ބަޖެޓެއްވެސް މަޖިލީހުން ފާސްކޮށްފައެވެ.