ޚަބަރު

މަސްވެރިކަން ދަށްވެ، މަސްކިރުމަށް އޮތް ޕްރެޝަރ މިހާރުވަނީ ކުޑަވެފައި - މިފްކޯ


ރާއްޖޭގެ ބައެއް ސަރަޙައްދުތަކުގައި މަސްވެރިކަން ރަނގަޅުވެ، މަސްކިރުވުމަށް ބާރު ބޮޑުވުމަށްފަހު، މަސްކިރުމަށް އޮތް ޕްރެޝަރ މިހާރު ކުޑަވެފައިވާކަމަށް މިފްކޯއިން ބުނެފިއެވެ.

މިފްކޯގެ މެނޭޖިންގ ޑިރެކްޓަރ އިސްމާޢިލް ފައުޒީ ވިދާޅުވީ މަސްކިރުމަށް މިފްކޯއަށް އޮތް ޕްރެޝަރ ކުޑަވެގެންދިޔައީ އުތުރުގެ މަސްވެރިކަން މިދުވަސްވަރު ދަށްވުމާއި ގުޅިގެންކަމަށެވެ. އޭނާ ވިދާޅުވީ މިހާރު މެދު ރާއްޖެތެރޭގެ މަސްވެރިކަން ރަނގަޅުކަމަށާއި އެސަރަޙައްދުގެ ދޯނިތަލުން މިފްކޯގެ ފެލިވަރަށް މަސް ކިރަމުންދާކަމަށެވެ.

މީގެ މަހެއްހާ ދުވަސްކުރިން އުތުރުގެ މަސްވެރިކަން ރަނގަޅުވެ ގިނަ ދޯނިތަކަކުން މަސް ކިރުމަށް ޅ.ފެލިވަރަށްދާއިރު ފެލިވަރުގެ ކެޕޭސިޓީ ނެތުމުގެ ސަބަބުން އެތައް ޓަނެއްގެ މަސް ކުނިވެ އުކާލަންޖެހުމުގެ ސަބަބުން ފާއިތުވި ދުވަސްތަކުގައި މަސްވެރިންގެ ގިނަ ޝަކުވާތަކެއް ވަނީ އަމާޒުވެފައެވެ.

ފެލިވަރުގައި މަސްކިރޭނެ ކެޕޭސިޓީނެތުމުގެ ސަބަބުން އުތުރުން ބާނާ މަސް ކިރުވުމަށް ކޫއްޑޫގައި ހުންނަ ފެކްޓްރީއަށް ދިޔުމަށް އެސްޓީއޯއިން ވަނީ މަސްވެރިންނަށް ހާއްސަ އިނާޔަތްތަކެއްވެސް ދީފައެވެ. އެހެންނަމަވެސް އުތުރުން ބާނާ މަސް ކޫއްޑޫއާ ހަމައަށް ގެންދިޔުމަށް 5 ދުވަސް ހޭދަވާއިރު އޭގެ ސަބަބުން މަހުގެ ތާޒާކަން ގެއްލޭކަމަށް މަސްވެރިން ބުނެއެވެ.