ޚަބަރު

ހިބަޅިދޫ މައްސަލަ ނިންމަން ހައިކޯޓުގެ ފަނޑިޔާރުން ރިޝްވަތު ނެގިތޯބަލަން ފުލުހުންނަށް ހުށައަޅައިފި


ހިބަޅިދޫ މައްސަލަ ނިންމަން ހައިކޯޓުގެ ފަނޑިޔާރުން ރިޝްވަތު ނެގިކަމަށް ތުހުމަތުކޮށްފައިވާ މައްސަލަބަލައި ތަޙްޤީގުކޮށްދިނުމަށް ހައިކޯޓުން ފުލުހުންނަށް ހުށައަޅުއްވައިފިއެވެ.

ހައިކޯޓުން މިއަދު ވިދާޅުވީ، "ހިބަޅިދޫ މައްސަލަ ނިންމަން ފަނޑިޔާރުން ރިޝްވަތަށް އެދުނުކަމުގެ ތުހުމަތު" މި ސުރުޚީގެ ދަށުން، ރާއްޖޭގެ އޮންލައިން ނޫހެއްގައި މިމަހުގެ 23 ވަނަ ދުވަހު ލިޔެފައިވާ ޚަބަރުގައި، ހިބަޅިދޫ މައްސަލަ، ބިޒްނާސް މޯލްޑިވްސްއާ އެއްކޮޅަށް ނިންމަން ފަނޑިޔާރުން ރިޝްވަތަށް އެދުނުކަމުގެ ތުހުމަތުކޮށްފައިވާތީ އެ ކަން ބައްލަވައިދެއްވުން އެދި ހައިކޯޓުގެ ފަނޑިޔާރުންގެ ފަރާތުން މޯލްޑިވްސް ޕޮލިސް ސަރވިސްގައި މިއަދު އެދިފައިވާކަމަށެވެ.

ހައިކޯޓުން މިއަދުކުރެއްވި ޓުވީޓް

މިމައްސަލަ ބައްލަވައިދެއްވުމަށް، ޕޮލިސް ސަރވިސްގައި އެދިވަޑައިގަތީ، މިއީ ސީރިއަސް މައްސަލައެއްކަމަށް ފެންނާތީކަމަށާއި، މިކަމުގައި ފަނޑިޔާރުންގެ ފަރާތުން ކަމަށްބުނެ، މައްސަލަ ވަކިގޮތަކަށް ނިންމުމަށް ރިޝްވަތު ހޯދުމަށް އެދި ގޮސްފައިވަނީ ކޮންބައެއްތޯއާ، ނޭނގޭ ބަޔަކު ކަމަށް ބުނެ ގުޅި ފަރާތްތަކުގެ ފޯން ނަންބަރުތަކަކީ ކޮބައިތޯއާއި އޭރުގެ ޓޫރިޒަމް މިނިސްޓަރުގެ ޚަރަދުގައި ދަތުރު ކުރެއްވި ފަނޑިޔާރުންނަކީ ކޮބައިތޯ ބައްލަވައި ދެއްވައި، އެކަމުގެ ފުރިހަމަ ތަހުގީގެއް ކޮށްދިނުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ފުލުހުންގެ ކިބައިން ވަނީ އެދިފައެވެ.

ހައިކޯޓުން ވިދާޅުވީ މި މައްސަލައިގެ ތަޙްޤީޤަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ތިއްބެވީ ފުރިހަމަ އެއްބާރުލުމެއް ދެއްވުމަށް ތައްޔާރަށްކަމަށެވެ. މިއީ ސީދާ މުޅި ޝަރުޢީ ދާއިރާގެ އިތުބާރާ ގުޅިފައިވާ މައްސަލައަކަށް ވެފައި، މި ފަދަ ކަންކަން ބެލުމަކީ ދާއިރާގެ އިތުބާރު ހިފެހެއްޓުމަށްޓަކައި ކުރަން ޖެހޭ ކަމަމެއްކަމަށްވެސް ހައިކޯޓުން މިއަދު ވަނީ ވިދާޅުވެފައެެވެ.