ދުނިޔެ

ޕާކިސްތާނުގައި ހޫނުގެ ސަބަބުން 700 އަށްވުރެ ގިނަމީހުން މަރުވެއްޖެ


ޕާކިސްތާނަށް ދެކުނުގެ
ސަރަހައްދުތަކަށް ކުރިމަތިވެފައިވާ ހޫނުކަމުގެ ސަބަބުން 700 އަށްވުރެ ގިނަމީހުން
މަރުވެފައިވާތީ އާންމުންގެ ޙިމާޔަތުގައި އެގައުމުގެ ސަރުކާރުން އަވަސް
ފިޔަވަޅުތަކެއް އަޅަންފަށައިފިއެވެ.



ޕާކިސްތާނުގެ ޑިޒާސްޓަރ
މެނޭޖްމަންޓުން ބުނީ އާންމުންގެ ޙިމާޔަތުގައި އަވަސް ފިޔަވަޅު ތަކެއް އެޅުމަށް
އަމުރުކުރައްވާފައިވަނީ ބޮޑުވަޒީރު މުހައްމަދު ނަވާޒް ޝަރީފް ކަމަށެވެ. ޝަރީފް
އަމުރު ކުރެއްވި ފިޔަވަޅުތަކުގެ ތެރޭގައި ހޫނުގެ ސަބަބުން ސިއްޙީ މައްސަލަތައް
ކުރިމަތިވާ މީހުންނަށް ހިޔާވަހިކަން ދިނުމާއި އެފަދަ މީހުންނަށް ހިލޭ ބޭސްކުރެވޭނެ
އިންތިޒާމް ހަމަޖެއްސުމުގެ އިތުރުން މިކާރިސާގައި މަރުވެފައިވާ މީހުންގެ އާއިލާތަކަށް
ފައިސާގެ އެހީ ދިނުން ހިމެނެއެވެ.



ޕާކިސްތާނަށް
ކުރިމަތިވެފައިވާ ހޫނުގެ އޮއިވަރުތައް އެންމެ ބޮޑަށް ކުރިމަތިވެފައިވަނީ
އެގައުމުގެ ދެކުނުގެ ސިންދު ސަރަހައްދަށެވެ. ސިންދު ސަރަހައްދުން 112 މީހުން
މަރުވެފައިވާއިރު އޭގެތެރޭގައި ހިމެނެނީ ހިޔާވަހިކަމުން މަޙްރޫމްވެފައިވާ ފަގީރުންނެވެ.



ޕާކިސްތާނުގެ
ހޮސްޕިޓަލުތަކުގައި މިހާރުވެސް ހޫނުގެ ސަބަބުން ބަލިވެފައިވާ އެތަށް ހާސްބަޔަކު
އެނދުމަތިކޮށްފައިވާއިރު ކަރަންޓް ކަނޑައިގެންދިޔުންފަދަ މައްސަލަތައް އެގައުމުގެ
ބައެއް ސަރަހައްދުތަކަށް ކުރިމަތިވަމުންދާކަމަށް ޚަބަރުލިބެއެވެ.