ޚަބަރު

ޖޫރިމަނާއާ ގުޅޭ ޝަކުވާ ހުށަހެޅޭނެ ނިޒާމަކާއެކު ޤަވާއިދާ ޚިލާފުވާ އުޅަނދުތަކާމެދު ޢަމަލުކުރެވޭ އުސޫލަށް އިސްލާހުތަކެއް


ޤަވާއިދާ ޚިލާފަށް ޕާކްކޮށްފައި ހުންނަ އުޅަނދުތަކާމެދު ޢަމަލުކުރެވޭ އިޖުރާއަތުތައް އިޞްލާޙުކޮށް އެއްގަމު ދަތުރުފަތުރުގެ ޤާނޫނަށް މުހިންމު އިސްލާހުތަކެއް ގެނައުމަށް ބަންޑާރަ ނާއިބު ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ބިލެއް ފޮނުއްވައިފިއެވެ.

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި އެއްގަމު ދަތުރުފަތުރުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލުގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް މިއަދު ފޮނުއްވި ބިލަކީ، އެއްގަމު ދަތުރުފަތުރުކުރުމުގެ ނިޒާމުގައި ދުއްވާ އުޅަނދުތައް ދުއްވުމުގައާއި، ބޭނުންކުރުމުގައި ހިނގަމުންދާ ނުރައްކާތެރި އަދި ޤާނޫނާ ޚިލާފު ޢަމަލުތައް ހުއްޓުވައި، މަގުތަކަކީ ރައްކާތެރި ތަންތަން ކަމަށް ހެދުމުގެ މަޤުސަދުގައި އެކުލަވާލި ބިލެއްކަމަށް ބަންޑާރަނާއިބުގެ އޮފީހުން ވިދާޅުވެއެވެ. މިއާއެކު އެއްގަމު ދަތުރުފަތުރުގެ ޤާނޫނަށް ގެންނަންޖެހޭ އިޞްލާޙުތައް ގެނައުމާއި، އެ ޤާނޫނު ހިންގުން އިތުރަށް ހަރުދަނާކުރުމަށްޓަކައި ގެންނަންޖެހޭ އެނޫންވެސް އިޞްލާޙުތައް މިބިލާއެކު ހިމެނިފައިވާކަމަށް އެއޮފީން މައުލޫމާތުދެއްވައެވެ.

އެގޮތުން، އެއްގަމު ދަތުރުފަތުރުގެ ޤާނޫނަށް ގެނެވޭ މައިގަނޑު އިޞްލާޙުތަކުގެ ތެރޭގައި ޤަވާއިދާ ޚިލާފަށް ޕާކްކޮށްފައި ހުންނަ އުޅަނދުތަކާމެދު ޢަމަލުކުރެވޭ އިޖުރާއަތުތައް އިޞްލާޙުކުރުމާއި، ކަނޑައަޅާފައިވާ ދުވެއްޔަށްވުރެ ބާރަށް އެއްގަމު އުޅަނދު ދުއްވާ ޙާލަތުގައާއި، އުޅަނދުގެ ރަޖިސްޓަރީ ނަންބަރު ނުވަތަ އިންޖީނު ނަންބަރު ނުވަތަ ޗެސިސް ނަންބަރަށް ބަދަލުގެނެސްގެން އުޅަނދު ދުއްވާ ޙާލަތުގައާއި، ނުރައްކާތެރިކޮށް ނުވަތަ ފަރުވާކުޑަކޮށް އުޅަނދު ދުއްވާ ޙާލަތުގައާއި، ލައިސަންސް ނެތި އުޅަނދު ދުއްވާ ޙާލަތުގައި އެފަދަ އުޅަނދުތައް ވަކި މުއްދަތަކަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވޭނެ އުޞޫލެއް ކަނޑައެޅުން ހިމެނެއެވެ.

މީގެ އިތުރުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވޭ އުޅަނދުތަކާމެދު ޢަމަލުކުރެވޭ އިޖުރާއަތުތައް ކަނޑައެޅުމާއި، ރައްކާތެރިނޫން ގޮތުގައި ނުވަތަ އުޅަނދުގެ ކޮންޓްރޯލް ގެއްލޭ ގޮތަށް، މީހުންނާއި މުދާ އުފުލުން ހުއްޓުވުމަށްޓަކައި ޤާނޫނަށް ގެންނަންޖެހޭ އިޞްލާޙުތައް ގެނައުމާއި، ޓްރާންސްޕޯޓް މިނިސްޓްރީން ޤަބޫލުކުރާ އެހެން ޤައުމެއްގެ ލައިސަންސެއް އޮންނަ ފަރާތްތަކަށް، އިތުރު އިމްތިޙާނެއް ހެދުމަކާ ނުލައި ލައިސަންސް ދެވޭނެ އުސޫލު ހަމަޖެއްސުންވެސް މި ބިލުގެ މަޤްސަދުތަކުގެ ތެރޭގައި ހިމެނެއެވެ.

އަދި ތިމާވެއްޓާއި ރައްޓެހިކޮށް ފަރުމާކޮށްފައިހުންނަ ބައިސްކަލުތައް ރަޖިސްޓަރީކުރަންނުޖެހޭ ގޮތަށް ހަމަޖެއްސުމުގެ އިތުރުން ޓެކްސީގެ ޚިދުމަތްދިނުމުގެ އުސޫލަށް ބަދަލުގެނައުމާއި، ޕްރައިވެޓް ހަޔަރގެ ޚިދުމަތް ދެވޭގޮތަށް ހަމަޖައްސައި، ޤާނޫނުގެ ދަށުން ކުރެވޭ ޖޫރިމަނާއާ ގުޅިގެން މިނިސްޓްރީއަށް ޝަކުވާ ހުށަހެޅޭނެ ނިޒާމެއް ޤާއިމުކުރުމާއި، އިންޖީނުލީ އެއްގަމު އުޅަނދުން ނެގޭ ފީތަކާގުޅޭ ތާވަލު އިޞްލާޙުކުރުންވެސް އެއްގަމު ދަތުރުފަތުރުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލުގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ބަންޑާރަ ނާއިބު ފޮނުއްވި ބިލުގެ މަޤުސަދުތަކުގެ ތެރޭގައި ހިމެނެއެވެ.