ޚަބަރު

ޝަރަފުވެރިކަމުގެ އިނާމު 5 ބޭފުޅަކަށް ހިތްވަރު ދިނުމުގެ އިނާމު 21 ބޭފުޅަކަށް


މިއަހަރު ޝަރަފުވެރިކަމުގެ ޤައުމީ އިނާމު 5 ބޭފުޅަކަށް އަދި ހިތްވަރު ދިނުމުގެ ޤައުމީ އިނާމު 21 ބޭފުޅަކަށް ދެއްވުމަށް ނިންމަވައިފިއެވެ.

ޤައުމީ އިނާމަށް ބޭފުޅުން ހޮއްވެވީ، އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އެކުލަވާލެއްވި ޤައުމީ އިނާމާބެހޭ ކޮމިޓީއިންނެވެ. ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގަންނަވާ 5 ބޭފުޅުންގެ ތެރެއިން 2 ބޭފުޅުންނަކީ، މީގެކުރިން ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ލިބިވަޑައިގެންފައިވާ ބޭފުޅުންނެވެ.

މިބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޝަރަފުވެރިކަމުގެ ޤައުމީ އިނާމާއި، ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ދެއްވުން އޮންނާނީ، ޤައުމީ ދުވަހުގެ މުނާސަބަތުގައި، މާދަމާރޭ ބާއްވާ ރަސްމީ ޖަލްސާގައެވެ. ޤައުމީ އިނާމު ލިބިވަޑައިގަންނަވާ ބޭފުޅުން ހޮއްވެވުމަށް ޤައުމީ އިނާމާބެހޭ ކޮމިޓީން ކުރެއްވި މަސައްކަތުގައި މައިގަނޑު ގޮތެއްގައި ބައްލަވާފައިވަނީ، މި އިނާމާ ބެހޭގޮތުން ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައިވާ ކަންތައްތަކުގެ މައްޗަށްކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ.

ސަރުކާރުން ކޮންމެ އަހަރަކު ދެމުންދާ ޤައުމީ އިނާމު، މި އަހަރުން ފެށިގެން ޤައުމީ ދުވަހު ދޭގޮތަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް ހަމަޖެއްސެވީ މިއަހަރުގެ މޭމަހުގެ ތެރޭގައެވެ.

ރައީސް އޮފީހުން ވިދާޅުވީ ޤައުމީ ދުވަހު އިނާމު ދޭ ގޮތަށް ރައީސް ހަމަޖެއްސެވީ ގައުމަށް ތަފާތު އެކި ރޮނގު ރޮނގުން ހިދުމަތް ކުރައްވާ ބޭފުޅުންގެ އަގު ވަޒަންކުރެއްވުމުގެ ގޮތުން ދެއްވާ އިނާމުތައް ދިނުން އެންމެ އެކަށީގެންވާ މުނާސަބަތަކީ ގައުމީ ދުވަހުގެ މުނާސަބަތުކަމަށްވާތީއެވެ.

ސަރުކާރުން ޤައުމީ އިނާމު އެންމެ ފުރަތަމަ ދޭން ފަށާފައިވަނީ 1979 އަހަރު ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމްގެ ވެރިކަމުގައެވެ. ޤައުމަށް އެކި ރޮނގުތަކުން ހިދުމަތްކުރައްވާ ބޭފުޅުންގެ އަގުވަޒަންކުރެއްވުމުގެ ގޮތުން ދޭން ފެށި ޤައުމީ އިނާމު އެންމެ ފުރަތަމަ ދެމުން ގެންދިޔައީ މިނިވަންދުވަުގެ މުނާސަބަތުގައި ބާއްވަމުން އަންނަ ޖަލްސާގައެވެ. އޭގެ ފަހުން މި އިނާމު ދެމުން މިހާތަނަށް އައިސްފައިވަނީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާޢްވަމުން އަންނަ ޖަލްސާގައެވެ.