ޚަބަރު

ކޮމިޝަނަރ ޖެނަރަލް އޮފް ޓޭކްސޭޝަންގެ މަޤާމަށް ބޭފުޅަކު އައްޔަންކުރުން މާދަމާ


ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންއާއި ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް ބޭފުޅުން ޢައްޔަންކުރުން މާދަމާ އޮންނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.

ކޮމިޝަނަރ ޖެނަރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް އައްޔަންކުރެއްވުމައް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވަނީ
މީރާގެ ކުރީގެ ޑިރެކްޓަރު ފަތުހުﷲ ޖަމީލް ހިމެނޭހެން ދެ ބޭފުޅެއްގެ ނަންފުޅަށް އިސްކަންދެއްވައިގެންނެވެ. އަދި ޑެޕިއުޓީ ކޮމިޝަނަރ ޖެނަރަލްގެ މަޤާމަށް އައްޔަންކުރެއްވުމަށް 8 ބޭފުޅެއްގެ ނަން ވަނީ މަޖިލީހަށް ފޮނުއްވާފައެވެ.

ކޮމިޓީގައި ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް ކުރިމަތިލެއްވި ބޭފުޅުންތެރެއިން ރައީސުލްޖުމްހޫރިއްޔާ އިސްކަން ދެއްވި 2 ބޭފުޅުންނާ އިންޓަރވިއުކުރުމަށްފަހު އެ މަޤާމަށް ފަތުހުﷲ ޖަމީލް އައްޔަންކުރުމަށް މަޖިލީހުގެ ތަޅުމަށް ފޮނުވުމަށް ރައްޔިތުންގެ މަޖިލީހުގެ އިޤްތިޞާދީ ކޮމިޓީން ވަނީ ފާސްކުރައްވާފައެވެ.

ދިރާގުގައި މިހާރު ވަޒީފާ އަދާކުރައްވަމުންގެންދަވާ ފަތުހުﷲ އަކީ މީރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ ބޭފުޅެއްވެސްމެއެވެ.

ކޮމިޝަނާ ޖެނެރަލްގެ އިތުރުން ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޖެނެރަލްގެ މަޤާމަށް އައްޔަން ކުރުމަށް ރައީސުލް ޖުމްހޫރިއްޔާ ވަނީ 6 ބޭފުޅުންގެ ތެރެއިން ކޮމިޓީ މަރުހަލާގައި ކުރެވުނު އިންޓަރވިއުގައި ބައިވެރިވެފައިވަނީ އަސްމާ ޝަފީޢުއާއި، އިސްމާއިލް ސާޖިދެވެ. މިދެބޭފުޅުންނާއި ކުރެވުނު އިންޓަރވިއުތަކަށްފަހު ކޮމިޓީންވަނީ ދެ ބޭފުޅުންގެ ނަންފުޅުވެސް ތަޅުމަށް ފޮނުވުމަށް ފާސްކުރައްވާފައެވެ.

މީރާގެ އެންމެ އިސް ދެމަގާމަށް ބޭފުޅުން އައްޔަންކުރުމުގެ މަސައްކަތް މަޖިލީހުން ކުރަމުންދަނީ ޓެކްސްގެ ޤާނޫނަށް ގެނައި އިސްލާހާއެކު ކޮމިޝަނާ ޖެނެރަލް އޮފް ޓެކްޒޭޝަންގެ މަގާމުގައި ހުންނެވި ޔަޒީދު މުހައްމަދާއި ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލްގެ މަގާމުގައި ހުންނެވި ޙަސަން ޒަރީރުގެ މަޤާމު ހުސްވުމުންނެވެ.

މީގެ އިތުރުން މާދަމާ ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މާލިއްޔަތު ކޮމިޓީން ދިރާސާކޮށް ނިންމަވާފައިވާ އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ 2020 ވަނަ އަހަރުގެ ބަޖެޓް ފާސްކުރުމާމެދު ގޮތެއް ނިންމެވުމާއި، ސަޢޫދީ ޢަރަބިއްޔާއަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު މުޙައްމަދު ޚަލީލް، އޯގަނައިޒޭޝަން އޮފް ދި އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ) އަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމަށް ޢައްޔަންކުރެއްވުމާމެދު، ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާ އަކަށް އެދިވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ހުށަހަޅުއްވާފައިވާ މައްސަލަ ޤައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން ދިރާސާ ކޮށް ނިންމިގޮތުގެ ރިޕޯޓަށް ބަހުސްކޮށް މިކަމާމެދުވެސް ގޮތެއް ނިންމުމަވަނީ އެޖެންޑާކޮށްފައެވެ.