ޚަބަރު

ޖަމްޢިއްޔާތައް ޒިންމާދާރުކުރެވޭނެ ހަމަތައް ބަޔާންކުރާ ބިލެއް އެކުލަވާލައިފި


ޖަމްޢިއްޔާތައް ޒިންމާދާރުކުރެވޭނެ ހަމަތައް ބަޔާންކުރުމާއި، ޖަމްޢިއްޔާއެއް އުވާލެވޭނެ ގޮތްތައް ބަޔާންކުރާ ބިލެއް އެކުލަވާލައި ބަންޑާރަނައިބް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުއްވައިފިއެވެ.

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި ޖަމްޢިއްޔާތަކުގެ ބިލުގެ ނަމުގައި އެކުލަވާލާފައިވާ މިބިލަކީ ކޮންމެ މީހަކަށްމެ ލިބިދޭ ޖަމްޢިއްޔާތަކާއި ޖަމާޢަތްތައް ހެދުމުގެ ޙައްޤު ފުރިހަމަ ގޮތުގައި ލިބިދިނުމަށް އެކުލާލާފައިވާ ބިލެކެވެ. މިބިލުގައި ޖަމްޢިއްޔާތައް ރަޖިސްޓަރީކުރުމާއި ހިންގުމާގުޅޭ އެންމެހައި އުސޫލުތައް ބަޔާންކޮށް، ޖަމްޢިއްޔާތަކުގެ ޙަރަކާތްތަކަށް ފައިސާ ހޯދުމާއި، ދަރަންޏަށް ޒިންމާވުމާ ގުޅޭ އުސޫލުތައްވެސް ބަޔާންކޮށްފައިވެއެވެ.

މި ބިލުގައި ޖަމްޢިއްޔާތައް ރަޖިސްޓަރީކުރުމާއި، ހިންގުމާގުޅޭ އުސޫލުތައް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން މިހާރު ޖަމްޢިއްޔާތައް ރަޖިސްޓަރީކުރުމާއި ހިންގުމާ ގުޅޭގޮތުން ޢަމަލުކުރަމުން އަންނަ އުސޫލުތަކަށް 6 އިސްލާހެއް ވަނީ ހުށައަޅާފައެވެ. އޭގެ ތެރޭގައި މިބިލު ޤާނޫނަކަށް ވުމާކު ރާއްޖޭގައި ހިންގާ ހުރިހާ ޖަމްޢިއްޔާއެއް މިޤާނޫނުގެ ދަށަށް ބަދަލުކޮށް އަލުން ރަޖިސްޓްރީ ކުރަންޖެހެއެވެ. ޖަމްޢިއްޔާތައް ރަޖިސްޓަރީކުރުން ފިޔަވައި، ވަކި ބާވަތެއްގެ ޖަމްޢިއްޔާތައް ހިންގުމާގުޅޭ އުސޫލުތައް އެހެން ޤާނޫނެއްގައި ބަޔާންކޮށްފައިވާނަމަ، އެފަދަ ޖަމްޢިއްޔާތައް ހިންގުމާ ގުޅޭގޮތުން ޢަމަލުކުރާނީ އެ ޤާނޫނުގައިވާ ގޮތުގެމަތިންކަމަށްވެސް ބުނެފައިވެއެވެ.

މީގެ އިތުރުން ދެ ޖަމްޢިއްޔާއެއް އެއްކޮށްލާނަމަ ޢަމަލުކުރަންޖެހޭނެ އުސޫލުތަކާއި، ދިވެހިރާއްޖެއިން ބޭރުގައި ރަޖިސްޓަރީކޮށްފައިވާ ޖަމްޢިއްޔާއަކުން ދިވެހިރާއްޖޭގައި ޙަރަކާތްތައް ހިންގުމަށް ބޭނުންވެއްޖެނަމަ، ޢަމަލުކުރަންވީ އުސޫލުތަކާއި، ޤާނޫނާއި ގަވާއިދާ ޚިލާފަށް ޢަމަލުކުރާ ޖަމްޢިއްޔާތަކާ މެދު ފިޔަވަޅު އެޅުމުގައި ޢަމަލުކުރާނެ އުސޫލުތަކާއި، މި ޤާނޫނުގައި މަނާކަމެއްކަމަށް ބަޔާކޮށްފައިވާ ކަމެއް ޖަމްޢިއްޔާއަކުން ކޮށްފިނަމަ، އެކަށީގެންވާ ހެކީގެ މައްޗަށް ބިނާކޮށް، އެ ޢަމަލެއް ހުއްޓުވުމަށް ނުވަތަ ޤާނޫނާ އެއްގޮތަށް ޢަމަލުކުރުމަށް އެންގުމުގެ ބާރު ޖަމްޢިއްޔާގެ ރަޖިސްޓްރާރަށް ދިނުމަށްވެސް މިބިލްގައި ހިމަނާފައިވެއެވެ.

ރާއްޖޭގައި މިހާރު ހިންގާ ޖަމްޢިއްޔާ ޖަމާއައްތައް ރަޖިސްޓްރީކޮށް ހިންގުމުގެ ހުއްދަ ދެމުންދަނީ މިނިސްޓްރީ އޮފް ހޯމް އެފެއާޒުންނާއި، ޔޫތް މިނިސްޓްރީންނެވެ.