ޚަބަރު

ސުޕްރީމްކޯޓަށް ފަނޑިޔާރަކު އައްޔަންކުރުން މާދަމާ އޮންނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކޮށްފި


ސުޕްރީމްކޯޓަށް ފަނޑިޔާރަކު އައްޔަންކުރުން މާދަމާ އޮންނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.

މާދަމާގެ ޖަލްސާގައި ވޯޓަށް އެހުމަށް އެޖެންޑާކޮށްފައިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް އައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުވި ގދ. މަޑަވެލި، މޭނާ، އަލްއުސްތާޛު މަޙާޒު ޢަލީ ޒާހިރު އާއި ސ. ހުޅުދޫ، ގޯރަންވިލާ އަލްއުސްތާޛާ ފާޠިމަތު ދިޔާނާ ސަޢީދާ ދެބޭފުޅުންގެ ތެރެއިން އެއްބޭފުޅަކު އައްޔަންކުރުމަށެވެ.

މިމައްސަލަ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފައި މިވަނީ ސުޕްރީމްކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރަން ފޮނުއްވި ގދ. މަޑަވެލި، މޭނާ އަލްއުސްތާޛު މަޙާޒު ޢަލީ ޒާހިރު އާއި ސ. ހުޅުދޫ، ގޯރަންވިލާ އަލްއުސްތާޛާ ފާޠިމަތު ދިޔާނާ ސަޢީދުގެ ނަންފުޅު ދިރާސާކުރެއްވި ކޮމިޓީގެ ރިޕޯޓް އަނބުރާ ފޮނުވާލެއްވުމަށްފަހު މަޖިލީހުގެ ކައުންސިލާ ޖެނަރަލްގެ ލަފަޔާއި އެކުގައެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ހުސްވެފައިވާ މަޤާމަށް ޢައްޔަންކުރުމަށް ރައީސް ފޮނުއްވެވި މަހާޒް ޢަލީ ޒާހިރާއި، ފާޠިމަތު ދިޔާނާ ސަޢީދުގެ ނަންފުޅު ދިރާސާކުރެއްވުމަށްފަހު ޖުޑިޝަރީ ކޮމެޓީން އެކުލާލި ރިޕޯޓާ ގުޅިގެން ފަނޑިޔާރުކަމަށް އައްޔަންކުރާނެ ބޭފުޅަކު ކަނޑައަޅުމަށް މާދަމާ ވޯޓަށް އަހާނެއެވެ. ސުޕްރީމް ކޯޓުގެ ބެންޗުން ހުސްވެފައިވާ މަޤާމަށް ޢައްޔަންކުރެއްވުމަށް ފޮނުއްވި ދެބޭފުޅުންގެ ތެރޭގައި ހިމެނި ވަޑައިގަންނަވާ މަހާޒް ޢަލީ ޒާހިރަކީ ޑްރަގް ކޯޓުގެ ޤާޒީއެކެވެ. ދިޔާނާ ސަޢީދަކީ ކުރީގެ ބަންޑާރަ ނާއިބުގެ މަޤާމު ފުރުއްވާފައިވާ ބޭފުޅެކެވެ.

ސުޕްރީމް ކޯޓްގެ ފަނޑިޔާރުގެ މަޤާމު ހުސްވެފައިވަނީ ފަނޑިޔާރުކަމުގެ މަޤާމުން އަލްއުސްތާޛް ޢަބްދުﷲ ދީދީ ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމުންނެވެ.