ޚަބަރު

ދާއިރާގެ ރައްޔިތުންނާ މަޖިލީހުގައި ބައްދަލުކުރެވޭނެ އިންތިޒާމު ހަމަޖައްސައިފި


މަޖިލިސްމެމްބަރުންނަށް އެދާއިރާގެ ރައްޔިތުންނާއި މަޖިލިސް އިދާރާގައި ބައްދަލުކުރެވޭނެ އިންތިޒާމު ހަމަޖައްސަފިއެވެ.

މަޖިލިސް އިދާރާގައި ބޭއްވު ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަޖިލިސް އަމީންޢާންމު ފާތިމަތު ނިއުޝާ ވިދާޅުވީ ކޮންމެ މެމްބަރަކުވެސް ދާއިރާގެ ރައްޔިތުންނާއި އޮންނަ ގުޅުން ބޭއްވުމަކީ 19ވަނަ މަޖިލީހުގެ ވަރަށްބޮޑު އަމާޒެއްކަމަށެވެ. މެމްބަރުންގެ އޮފީސް ހެދުމާއި، ރައްޔިތުންނާއި ގާތްގުޅުން ބާއްވައި ރައްޔިތުންގެ ކަންބޮޑުވުން އަޑުއެއްސެވުމަކީ މަޖިލިސް ރައީސްވެސް އެދިވަޑައިގަންނަވާ ކަމެއްކަމަށް ނިއުޝާ ވިދާޅުވިއެވެ.

ދާއިރާގެ ރައްޔިތުންނާއި ބައްދަލުކޮށް ރައްޔިތުންނާއި އެދާއިރާގެ މެމްބަރާއި އޮންނަ ގުޅުން ބަދަހިކުރުމަށް މިއަދުން ފެށިގެން މަޖިލިސް އިމާރާތުގައިވެސް ރައްޔިތުންނާއި ބައްދަލުކުރެވޭނެ އިންތިޒާމު ހަމަޖެހިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

މަޖިލީހުގައި ކުރެވޭ މުހިންމު މަސައްކަތްތަކަށް އަލި އަޅުވާލައްވަމުން ނިއުޝާ ވިދާޅުވީ 19 ވަނަ މަޖިލީހުގެ ފުރަތަމަ ދައުރެކޭ އެއްގޮތަށް 2ވަނަ ދައުރުގައިވެސް ގިނަ މަސައްކަތްތަކެއް މަޖިލީހުގައި ކުރެވެމުންދާކަމަށެވެ. އެގޮތުން ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވިގޮތަށް ސަރުކާރުން މިދައުރުގެ ތެރޭގައި ހުށަހަޅުއްވާ 34 ބިލުގެ ތެރެއިން އާމްދަނީން ޓެކްސް ނެގުމުގެ ބިލާއި، ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމަށް ޤާނޫނަށް ގެންނަންޖެހޭ އިސްލާހު ގަނައުމުގެ ބިލު ހުށަހެޅި އެދެބިލުގެ މަސައްކަތް ކުރިއަށްދާކަމަށެވެ. އަދި މާދަމާ އިންތިޤާލީ އިންސާފުގެ ފުރަތަމަ ކިޔުން އިއްވުމަށް ހަމަޖެހިފައިވާކަމަށްވެސް ނިއުޝާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މަޖިލީހުގެ ކޮންމެ ޕާޓީއަކަށްވެސް ބިލު ހުށަހެޅުމުގެ ފުރުސަތު އޮންނާނެކަމަށެވެ. އަދި މިހާރު ބައެއް ޕާޓީތަކުން ހުށަހެޅުމަށް ތައްޔާރުވަމުންދާ ބިލްތައް ޑްރާފްޑްކުރުމުގެ މަސައްކަތް މަޖިލީހުގެ ކޮމިޓީތަކުގައި ކުރެވެމުންދާކަމަށްވެސް އޭނާ ވިދާޅުވިއެވެ. މިދައުރުގައިވެސް މަޖިލީހުގައި ގިނަ މަސައްކަތްތަކެއް ކުރެވެމުންދާއިރު، މަޖިލީހުގައި ރެއާދުވާލު ކޮމިޓީތަކުގެ މަސައްކަތް ކުރެވެމުންދާކަމަށް ނިއުޝާވަނީ ފާހަގަކުރައްވާފައެވެ.