ޚަބަރު

ބީޗް ސްޕޯޓްސް ފެސްޓިވަލްގެ ސްޕޮންސަރުންނާއެކު އެއްބަސްވުމުގައި ސޮއިކޮއްފި


ޑަބުލިއު ސްޕޯޓްސް އެކަޑަމީން ބާއްވަން ހަމަޖެހިފަވާ ބީޗް ސްޕޯޓްސް ފެސްޓިވަލްގެ ސްޕޮންސަރުންނާއެކު އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

ސޮއި ކުރުމުގެ ރަސްމިއްޔާތު އޮތީ އިއްޔެ މެންދުރު ކުޅުދުއްފުށީ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.

ބީޗް ސްޕޯރޓްސް ފެސްޓިވަލްގެ މެއިން ސްޕޮންސަރ އަކީ ކުޅުދުއްފުށީ ބާދުޝާހު ބޯޓެވެ. އަދި ކޯ ސްޕޮންސަރުންނަކީ ފެމެލީ ބޭކާސް އާއި ޒެޑް އެޗް އެލްމިނިއަމް އެވެ. ސޯޝަލް މީޑިއާ އަދި ގްރެފިކްސް ޕާރޓްނާއަކީ ހޮރައިރޯއެވެ. އޮފިޝިއަލް ފޮޓޯ ގްރަފަރަކީ އައިވެލް ޕޯރޓްރެއިޓް އެވެ. މިތަންތަނުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރީ އެތަނުގެ ވެރިންނެވެ. އަދި ކައުންސިލްގެ ފަރާތުން ސޮއިކޮއްފައިވަނީ ކައުންސިލްގެ ރައީސް އެވެ.

މިނިސްޓްރީ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓް އަދި ކުޅުދުއްފުށީ ކައުންސިލް އާއި ގުޅިގެން ޑަބްލިއު ސްޕޯޓްސް އެކަޑަމީން އިންތިޒާމްކޮށްގެން ބާއްވާ މި ޕެސްޓިވަލް އޮންނާނީ އަންނަ ނޮވެމްބަރ މަހުގެ 13 ން 16 ށް ކުޅުދުއްފުށީ ހިއްކި ބިން ސަރަހައްދުގަ އެވެ.

ޖުމްލަ ފަސް ގޭމާ އާއެކު ރާއްޖޭގައި އަލަށް ބާއްވަން ހަމަޖެހިފައިވާ މި ފެސްޓިވަލްގެ މަގުސަދަކީ ބީޗް ފެސްޓިވަލްސް ކުރިއެރުވުން ކަމުގައި މި ކަން އިންތިޒާމްކުރާ ފަރާތުން ހާމަކުރެ އެވެ. މި ފެސްޓިވަލްގައި ހިމެނޭ ކުޅިވަރުތަކަކީ އެއާރ ބެޑްމިންޓަން ، ބީޗް ހޭޑްބޯލް ،ބީޗް ނެޓްބޯލް އަދި ތްރީ އޮން ތްރީ ބާސްކެޓް ބޯލްއެވެ.
ބީޗް ވޮލީ އަދި މި ފެސްޓިވަލްގެ ތެރެއިން ތައާރަފް ކުރާ އެއާރ ބެޑްމިންޓަނަކީ ވެސް ރާއްޖޭގައި އަލަށް ކުޅެވޭ ކުޅިވަރެކެވެ.

މި ފެސްޓިވަލުގައި އޮންނަ ސީނިއަރ ވިމެން ކެޓަގަރީގެ ތެރެއިން ބީޗް ނެޓްބޯލް ޗެލެންޖްގެ ޗެމްޕިއަން ޓީމްއަށް މާލޭގައި އޮންނަ ރެޑްބުލް ސްވިޓްޗް އަޕް މުބާރާތުގައި ކުޅުމުގެ ފުރުސަތު ލިބިގެންދާނެ އެވެ. މި ގޭމް ގައި ބައިވެރިވެވޭނީ ގިނަ ވެގެން 12 ޓީމަށެވެ.


3 އޮން 3 ބާސްކެޓް ޗެލެންޖުގައި ޖުމްލަ 3 ކެޓަގަރީއެއް ހިމެނެއެވެ. އެއީ ސީނިއަރ މެން ގެ އިތުރުން އަންޑަރ 14 ބޯއީސް އަދި އަންޑަރ 14 ގާލްސް އެވެ . މި ކޮންމެ ކެޓަގަރީއަކުން ވެސް ބައިވެރިވެވޭނީ ޖުމްލަ 8 ޓީމެވެ.

ސީނިއަރ އަންހެން އަދި ފިރިހެން ބީޗް ހޭންޑް ބޯލްގައި ކޮންމެ ކެޓަގަރީ އަކުން ބައިވެރިވެވޭނީ 16 ޓީމަށެވެ. ބީޗް ވޮލީ ބޯލް ގޭމްސް ހުޅުވާލެވިފައި ވަނީ ހަމަ އެކަނި ސީނިއަރ މެންސް އަށެވެ. ވޮލީގައި ބައިވެރި ވެވޭނީ ޖުމްލަ 12 ޓީމަށެވެ.

މިއީ މިގޮތަށް ބާއްވާ ފުރަތަމަ ބީޗް ސްޕޯރޓްސް ފެސްޓިވަލެވެ.