 
										
			ޒުވާނުންނަށް ޚާއްސަކޮށްގެން ޔޫތު މިނިސްޓްރީން ކުރިއަށްގެންދާ "ފަރުމާ ފެއަރ" އަންނަ އަހަރުގެ މާޗްމަހު ބާއްވާ ގޮތަށް ފަސްކޮށްފިއެވެ. 
ޔޫތު މިނިސްޓްރީން ބުނީ މިފެއަރ ކުރިން ބޭއްވުމަށް ނިންމާފައިއޮތީ މިމަހުގެ 30 ވަނަ ދުވަހު ކަމަށެވެ. އެހެންނަމަވެސް މި ފެއަރއަށް އެކަށީގެންވާ މިންވަރަށް ބައިވެރިން ލިބިފައިނުވުމާއި ގުޅިގެން މި ފެއަރ ފަސްކުރެވިފައިވާކަމަށް ޔޫތު މިނިސްޓްރީން ބުނެއެވެ. 
ޔޫތް މިނިސްޓްރީން ބުނީ ދެން މިފެއަރ ބާއްވާނީ އަންނަ އަހަރުގެ މާޗް މަހުގެ ތެރޭގައިކަމަށެވެ. 
މި ފެއަރއަކީ ޒުވާނުންގެ ކިބައިގައި ހުރި ފަންނުވެރި ހުނަރާއި އެމީހުންގެ އުފެއްދުންތައް އާއްމުންނަށާއި ކުންފުނިތަކަށް ދައްކާލައި ފަންނުވެރިކަމުގެ ރޮނގުން ޒުވާނުންނަށް އާމްދަނީ ހޯދުމުގެ މަޤްސަދުގައި ބާއްވާ ފެއަރއެކެވެ. 
މި ފެއަރގެ ތެރެއިން ޒުވާނުންގެ އެކި އުފެއްދުންތައް މާކެޓްކޮށް ވިއްކުމުގެ ފުރުޞަތު ލިބިގެންދާނެކަމަށް ވެސް ޔޫތު މިނިސްޓްރީން ބުނެއެވެ. 
މި ފެއަރ އެންމެ ފުރަތަމަ ބާއްވާފައިވަނީ 2015 ވަނަ އަހަރު އެވެ. އޭގެ ފަހުން އެކި އަހަރުމަތިން ޔޫތް މިނިސްޓްރީން މި ފެއަރ ކުރިއަށްގެންގޮސްފައިވެއެވެ.