ޚަބަރު

ސްކޫލްތަކުގެ ރިޕޯޓް ފޯމުވެސް ޑިޖިޓަލްވެއްޖެ


ޓެކްނޮލަޖީގެ ދާއިރާއިން ރާއްޖެ ކުރިއަރަމުން އަންނައިރު ތަޢުލީމީ ދާއިރާއަށްވެސް މިވަނީ މިދާއިރާއިން އިންޤިލާބީ ބޮޑު ބަދަލެއް އައިސްފައެވެ. އެގޮތުން ދަރިވަރުންނަށް ޓެބްލެޓް ބޭނުންކޮށްގެން ކިޔަވައިދޭން ފަށާފައިވާއިރު، ކުރިން ކަރުދާހުގައި ދެމުންދިޔަ ރިޕޯޓް ފޯމްވެސް މިވަނީ މިހާރު ޓިޖިޓަލްކޮށްފައެވެ. މިއަހަރުގެ ކިޔެވުން ނިމި ދަރިވަރުންނަށް މިއަދު ރިޕޯޓް ފޯމް ހަވާލުކުރާނެއެވެ.

ކޮންމެ ސެމިސްޓަރއެއް ނިމޭއިރު ދަރިވަރުންނާއި ބެލެނިވެރިންވެސް އިންތިޒާރު ކުރަމުންދަނީ ދަރިވަރުގެ ރިޕޯޓް ފޯމް ލިބޭނެ އިރަކަށެވެ. ބައެއް ދަރިވަރުންނަށް ސްޓޭޖް މަތިން ރިޕޯޓް ފޯމް ލިބެމުންދާއިރު އަނެއްބައި ކުދިންނަށް ސްޓޭޖް މަތިން ނޫނަސް ރިޕޯޓް ފޯމު ޙަވާލުކުރެއެވެ. ފޯމުލިބޭ ދުވަހު އެ ބާލާލުމަށްފަހު ދެން އެފޯމް އޮންނަނީ އަލަމާރިއަށް ލައި ފޮރުވާފައެވެ. އަލުން އެ ފޮތް ނަގާނީ ސްކޫލުން އެ ގެންނަށް އެންގުމުންނެވެ. އެއީ ފުރަތަމަ ޓާރމް ނުވަތަ ދެވަނަ ޓާރަމަށް ރިޕޯޓް ތައްޔާރުކުރުމަށެވެ. މިފަދަ ޙާލަތްތަކުގައި އެފޯމް ގެއްލިގެން ނުވަތަ ހަލާކުވެގެންވެސް އުޅެންޖެހެއެވެ.

ސްކޫލުން އޭގެ ކޮޕީއެއް ހޯދުމަކީވެސް އުނދަގޫ ކަމަކަށްވެއެވެ. އެހެންނަމަވެސް މިކަމަށްވެސް މިހާރުމިވަނީ ޒަމާނީ ހައްލެއް އައިސްފައެވެ. ކަރުދާހުގައި ރިޕޯޓް ފޯމް ދިނުމުގެ ބަދަލުގައި ދިގު މުއްދަތަކަށް އެ ބަލާލެވޭނެހެން ޑިޖިޓަލްކޮށް ބަލާލެވޭނެ އިންތިޒާމް މިހާރު މިވަނީ ހަމަޖައްސާފައެވެ. ކޮންމެ ދަރިވަރެއްގެ ތަޢުލީ ފެންވަރު އަންގާދޭ މަޢުލޫމާތުތައް ހިމެނޭހެން އެކުލަވާލާފައިވާ ރިޕޯޓްފޯމް މޯލްޑިވްސް އެޑިއުކޭޝަން މެނޭޖްމަންޓް އިންފޮމޭޝަން ސިސްޓަމް (މީމީސް) މެދުވެރިކޮށް ހުރިހާ ސްކޫލަކަށް ދިނުމަށް ވަނީ ނިންމާފައެވެ.

މިގޮތުން މިއަހަރުގެ ދެވަނަ ޓާރމްގެ ރިޕޯޓްފޯމް ދިނުމަށް ހަމަޖެހިފައިވާނީ މިސިސްޓަމްގެ ތެރެއިންނެވެ. އަދި މިހާރުވެސް މިއަހަރުގެ ފުރަތަމަ ޓާރމްގެ ރިޕޯޓުފޯމް މިސިސްޓަމްގެތެރެއިން ބަލާލެވެއެވެ. މިސިސްޓަމްގެ ތެރެއިން ދަރިވަރުގެ މަޢުލޫމާތާއި ރިޕޯޓާއި ދަރިވަރުގެ އަޚްލާގުވެސް ފެނިގެންދެއެވެ. އަދި ޙާޒިރީއާއި ވަކިވަކި މާއްދާތަކުން ހޯދާފައިހުރި ކާމިޔާބުގެ އިތުރުން ދަރިވަރުގެ ސިއްޙަތާއި މިނޫނަސް މުހިއްމު މަޢުލޫމާތުތަކެއް ވަނީ ހިމަނާފައެވެ.

މި ސިސްޓަމަށް ވަނުމަށް ކޮންމެ ބެލެނިވެރިއަކަށް ޚާއްސަ ޔޫސަރ ނޭމަކާއި ޕާސްވޯޑެއް ވަނީ ދީފައެވެ. އެހެންނަމަވެސް މިގޮތަށް ދިންނަމަވެސް ބައެއް މަޢުލޫމާތުއް ހިމަނާފައިވާ ފޯމެއް ބެލެނިވެރިންނަށް ދެއެވެ. "މީމިސް"އަށް ވަނުމުގައި ދަތިތައް ކުރިމަތިވާ ބެލެނިވެރިންނަށް، މާއްދާތަކުން ދަރިވަރުން ހާސިލްކޮށްފައިވާ މިންވަރާއި ދަރިވަރުންނާ ގުޅޭ އެހެނިހެން މައުލޫމާތު ފޯރުކޮށްދިނުމުގެ އިންތިޒާމް އެ ސްކޫލަކުން ހަމަޖައްސާނެއެވެ.

ކުރިއަށްއޮތް ތަނުގައި މިކަން ލުއިފަސޭހަކޮށްދިނުމަށްޓަކައި މޯބައިލް އެޕެއް ގެނައުމަށް މަސައްކަތްކުރައްވާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ. އެމިނިސްޓްރީން މިގޮތަށް ރިޕޯޓް ފޯމްތައް ދިނުމަށް ނިންމާފައިވަނީ ދިގުމުއްދަތަކަށް ދަރިވަރުންގެ ރިޕޯޓްތައް ފެންނާނެގޮތަށް ހެދުމާއި ތިމާވެއްޓާ ރައްޓެހިކުރުމުގެ ގޮތުން ޕްރިންޓްކުރުން ކުޑަކުރުމަށްޓަކައެވެ.

މީމިސްއަކީ ޔުނިސެފުގެ އެހީތެރިކަމާ އެކު 2017 ވަނަ އަހަރު ތައާރަފްކޮށްފައިވާ ސިސްޓަމްއެކެވެ. މި ސިސްޓަމް މެދުވެރިކޮށް، ދަރިވަރުން ސްކޫލަށް ހާޒިރުވާކަން ކަށަވަރުކުރުމާއި ދަރިވަރުންގެ އަހުލާގާއި ކިޔެވުމާއި ސިއްހަތާ ގުޅުން ހުރި މައުލޫމާތުތައް ދުވަހުން ދުވަހަށް އެއްކުރެވެއެވެ. އަދި އިމްތިހާނުތަކާއި ވަކިވަކި މާއްދާތަކުން ހޯދާ ނަތީޖާތަކާއި އަހުލާގީ ރިކޯޑުތައް ވެސް ބެލެހެއްޓިގެންދާނެއެވެ. ރިޕޯޓް ފޯމްތައް ޑިޖިޓަލްކޮށްފައިވާއިރު ސަރުކާރުން މިހާރުވަނީ ދަރިވަރުންގެ ފޮތްތައްވެސް ޑިޖިޓަލްކުރުމުގެ ޕައިލެތް ޕްރޮޖެކްޓެއް ފަށަން ނިންމާފައެވެ.