ސިޔާސީ

ތެދު މައުލޫމާތު ފެތުރުމަށް އެމްނެސްޓީއަށް ރާއްޖެއިން ގޮވާލައިފި


މިހާރު ރާއްޖެ އައިސްއުޅޭ އިންސާނީ ހައްގުތަކާއި ބެހޭ ބައިނަލް އަގްވާމީ އަމިއްލަ ޖަމިއްޔާއެއްކަމަށްވާ އެމްނެސްޓީ އިންޓަރނޭޝަނަލްގެ ވަފުދުން ރާއްޖޭގެ ހާލަތު ދެފުށްފެންނަ ހަމަހަމަ އުސޫލުން ވަޒަންކުރުމަށް ދިވެހި ޚާރިޖީ ވަޒީރު ދުންޔާ މައުމޫން ގޮވާލައްވައިފިއެވެ.މިއަދު ދިވެހި ޚާރިޖިއްޔާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ޚާރިޖީވަޒީރު ވިދާޅުވީ އެމްނެސްޓީގެ ވަފުދުން މިއަދުން ފެށިގެން މިމަހުގެ ސައްބީސް ވަނަ ދުވަހާއި ހަމައަށް ރާއްޖޭގައި ހަރަކާތްތެރިވާނެކަމަށެވެ.ޚާރިޖީ ވަޒީރު ދުންޔާ މައުމޫން ވިދާޅުވީ، މިދިޔަމަހު އެމްނެސްޓީގެ ވަފުދުން ރާއްޖެއަށް ކުރި ދަތުރުގައި ހަމައެކަނި އިދިކޮޅު ފަރާތްތަކާއި ބައްދަލުކޮށް އެމީހުންގެ ވާހަކަ އެކަނި އަޑުއެހުމުން ސަރުކާރުން އެކަމާ ކަންބޮޑުވާކަމަށެވެ.އެމްނެސްޓީ އަކީ އެއްފަރާތަށް ޖެހިގެން މަސައްކަތްކުރާ ޖަމިއްޔާއެއްކަން ފާހަގަކުރައްވާ މިނިސްޓަރ ދުންޔާ ވިދާޅުވީ، ރާއްޖޭއާއި މެދު ހަގީގަތާއި ޚިލާފް ދޮގު ވާހަކަތައް ދެއްކިނަމަވެސް ދިވެހި ސަރުކާރުގެ ފަރާތުން ދޭންވާ އެއްބާރުލުން ދެއްވާނެކަމަށެވެ. އެގޮތުން އެމްނެސްޓީން ބޭނުންވާ ފަރާތްތަކާއި ބައްދަލުކުރުމުގެ ފުރުސަތު ދެމުންގެންދާކަމަށްވެސް ދުންޔާ ވިދާޅުވިއެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކުގެ ވާހަކަ އެކަނި އަޑުއެހުމަށްފަހު ރާއްޖެ ބަދުނާމުވާގޮތަށް ވާހަކަދައްކާނަމަ އެފަރާތާއި ރާއްޖެއާއި އޮންނަ ގުޅުން ރަނގަޅު ނުވާނެކަމަށް ހާރިޖީ ވަޒީރު ވިދާޅުވިއެވެ.ރާއްޖެއަކީ ޅަ ޑިމޮކްރަސީއެއް އޮތް ގައުމެއްކަން ފާހަގަކުރައްވާ ދުންޔާ ވިދާޅުވީ، އެމްނެސްޓީއާއި އެކީ މަސައްކަތް ކުރުމަށް ސަރުކާރު އޮތީ ތައްޔާރަށްކަމަށާއި، އެހެންކަމުން ސަރުކާރުގެ ވާހަކަތައްވެސް އަޑު އަހައި، އިޙްތިރާމްކޮށް، ޒިންމާދާރުކޮށް އަމަލުކުރައްވާނެކަމަށް އުއްމީދުކުރައްވާކަމަށް މިނިސްޓަރ ދުންޔާ ވިދާޅުވިއެވެ.