ޚަބަރު

ޗައިނާގެ "ލަވް ނޯސް ނޯ ބޯޑާސް" ޗެރިޓީ ޙަރަކާތުގައި ދިވެހި އެމްބަސީއިން ބަައިވެރިވެއްޖެ


ޗައިނާގައި ބާއްވާ އެންމެ ބޮޑު އެއް ޗެރިޓީ ޙަރަކާތުގައި ދިވެހި ރާއްޖޭގެ އެމްބަސީއިން ބައިވެރިވެއްޖެއެވެ.

11 ވަނަ “ލަވް ނޯސް ނޯ ބޯޑާސް” އިންޓަރނޭޝަނަލް ޗެރިޓީ ސޭލް ޙަރަކާތަކީ ޗައިނާގެ ފޮރިން މިނިސްޓަރ ވާން ޔީ ގެ އަނބިކަނބަލުން، ޗިއަން ވެއީ އިސްނަންގަވައިގެން ޗައިނާގެ ފޮރިން މިނިސްޓްރީ އާއި ސަރުކާރުގެ އެހެން އިދާރާތަކުން އިންތިޒާމްކޮށް،ގެން ބާއްވަމުން އަންނަ ހަރަކާތެކެވެ. މިހަރަކާތް ކުރިޔަށް ގެންގޮސްފައިވަނީ ޗައިނާގެ ޤައުމީ ސްޓޭޑިއަމް، ބަރޑްސް ނެސްޓް ސްޓޭޑިއަމްގެ ވޯމްއަޕް ފީލްޑްގައެވެ.

ޗައިނާގައި ހުންނަ ދިވެހި ރާއްޖޭގެ އެމްބެސީއިން މިއަހަރުވެސް މިހަރަކާތުގައި ބައިވެރިވެ، ސްޓޯލެއްގައިވަނީ ދިވެހި ކާނާއާއި، ސަޤާފީ އެކިތަކެތި ވިއްކާފައެވެ. ރާއްޖޭގެ ސްޓޯލަށް މިއަހަރުވެސް ބޮޑު ތަރުހީބެއް ލިބިފަވާއިރު، މިސްޓޯލްގައި ދިވެހި ރާއްޖެއިން ޗައިނާއަށް ކަޑައަޅާފައި ހުންނަ ސަފީރާއި، އެމްބަސީގެ އެހެން އޮފިޝަލުންގެ އިތުރުން ޗައިނާގައި ކިޔަވަމުންދާ ދިވެހި ދަރިވަރުން ވަނީ ހަރަކާތްތެރިވެފައެވެ.

ރާއްޖޭއާއި އެކު މިހަރަކާތުގައި ޗައިނާގައި ހުންނަ 80 އަށްވުރެ ގިނަ އެންބަސީއާއި ކޮންސިއުލޭޓް އޮފީހުގެ އިތުރުން، ބައިނަލްއަޤްވާ ޖަމްޢިއްޔާ ޖަމާއަތްތަކުން ވަނީ ބައިވެރިވެފައެވެ. މީގެއިތުރުން ޗައިނާ ސަރުކާރު ހިއްސާވާ ކުންފުނިތަކާއި، އަމިއްލަ ކުންފުނިތަކުންވެސް މިހަރަކާތަށް ފައިސާގެ އެހީ ދީފައިވެއެވެ.

2009 ވަނަ އަހަރުން ފެށިގެން ކުރިޔަށް ގެންދާ މިޗެރިޓީ ހަރަކާތުގެ މަޤްސަދަކީ ޗައިނާގެ އެކި ސަރަހައްދުތަކުގައި ހާލުގައި ޖެހިފައިވާ ފަގީރު އަދި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އެހީތެރިވުމެވެ. މިއަހަރުގެ ހަރަކާތުން އެއްކުރެވޭ ފައިސާއިން އެހީވުމަށް ހަމަޖެހިފައިވަނީ ޗައިނާގެ ޔުނާން ޕްރޮވިންސްގެ ޖިންޕިން އާއި މަލިޕޯ ވިލެޖުގެ ސްކޫލްތަކުގައި ކުޅިވަރު ކުޅޭނެ ދަނޑުތަށް އަޅައިދިނުމަށެވެ.

މިއަހަރުގެ ޗެރިޓީ ހަރަކާތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޗައިނާގެ ފޮރިން މިނިސްޓަރގެ އަބިކަބަލުން ޗިއަން ވެއީ ވަނީ މިހަރަކާތުގެ މާޒީގައި ހޯދާފައިވާ ކާމިޔާބީތަކަށް އަލިއަޅުއްވާލައްވާ ވާހަކަދައްކަވާފައެވެ. އަދި ބޭރު ޤައުމުތަކުގެ އެންބަސީތަކުން މިހަރަކާތަށް ދެމުން ގެންދާ އެއްބާރުލުމަށް ޝުކުރު އަދާކުރެއްވިއެވެ. މިހަރަކާތަކީ އެހެން ޤައުމުތަކުގެ ސަޤާފަތާއި، ކާނާ އަދި ތަކެތި ދައްކާލާ ޕްލެޓްފޯމެއްގެ ގޮތުގައި އޭނާ ވަނީ ސިފަކުރައްވާފައެވެ.

މިދިޔަ އަހަރު "ލަވް ނޯސް ނޯ ބޯޑާސް" ހަރަކާރުން ލިބުނު ފައިސާއިން އެހީތެރިވެފައިވަނީ ޖާންސޫ އާއި އެހެން ޕްރޮވިންސްކުގެ ފަގީރު ހިސާބުތަކުގައި ދިއިއުޅޭ އަޑުއިވުމުން މަހްރޫމްވެފައިވާ ނުކުޅެދޭ ކުދިންނަށް ބޭނުންވާ އޮޕަރޭޝަންކުރުމަށެވެ. މިދިޔަ އަހަރު ބޭއްވި މިހަރަކާތަށް 6 މިލިއަަން ޔުއާން ލިބިފައިވެއެވެ.