ސިޔާސީ

ރައީސް ނަޝީދުގެ މައްސަލާގައި ދިވެހި ސަރުކާރުން ޖަވާބުދާރީވާނެ


ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފަރާތްޕުޅުން އދ. ވޯކިންގ ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަނަށް ހުށައަޅަފައިވާ މައްސައާއި ގުޅިގެން ދިވެހި ސަރުކާރަށް ޖަވާބު ދާރީވުމަށް ދީފައިވާ މުހުލަތުގެ ތެރޭގައި ޖަވާބުދާރީ ވާނެކަމަށް ޚާރިޖީ ވަޒީރު ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.ދިވެހި ޚާރިޖިއްޔާގައި މިއަދު ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ޚާރިޖީ ވަޒީރު ދުންޔާ މައުމޫން ވިދާޅުވީ، އދ. ގެ ވޯކިންގ ގުރޫޕުން އެމައްސަލައަށް ޖަވާބުދާރީވުމަށް ދިވެހި ސަރުކާރަށް ފުރުސަތު ދީފައިވަނީ ޖުލައި މަހުގެ ފުރަތަމަ ދުވަހުގެ ކުރިންކަމަށާއި، އެމުއްދަތުގެ ކުރިން އެފަރާތަށް ޖަވާބު ދޭނެކަމަށެވެ.ދުންޔާ ވިދާޅުވީ ރައީސް ނަޝީދުގެ ފަރާތްޕުޅުން ހުށަހަޅާފައިވާ މައްސަލާގައި ހަގީގަތާ ހިލާފު ވާހަކަތައް ހިމަނާފައިވާ ކަމަށެވެ. އެގޮތުން ރައީސް ނަޝީދުގެ ޝަރީއަތް ކުރިއަށް ދިޔަ ގޮތާއި، ރައީސް ނަޝީދުގެ ހައްގުތަކާއި ބެހޭ ގޮތުން ވެސް ހަގީގަތާ ޚިލާފު މައުލޫމާތު ހިމަނާފައިވާ ކަމަށް ދުންޔާ ވިދާޅުވިއެވެ.ރައީސް ނަޝީދުގެ ޝަރީއަތް ދިޔަ ގޮތާއި ގުޅޭގޮތުން އެމަނިކިފާނުގެ ފަރާތްޕުޅުން އދ. ގެ ވޯކިނގ ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަނަށް މައްސަލަ ހުށައަޅަފައިވަނީ މިދިޔަ އޭޕްރީލްމަހުގެ ތިރީސްވަނަ ދުވަހުއެވެ.