ޚަބަރު

އެމްއެމްޕީއާރުސީގެ ފައިސާ ލިބުނުކަމުގެ ތުހުމަތު ހުސައިން ވަޙީދާއި ހަބީބަށް!


އެމްއެމްޕީއާރުސީގެ ކޮރަޕްޝަނުގެ ޚިޔާނާތުގެ ފައިސާ ލިބުނުކަމަށް ތުހުމަތުކުރާ ފުލުހުންގެ ކުރީގެ ދެ ވެރިންނަކީ ކުރީގެ ޕޮލިސް ކޮމިޝަނަރު ޙުސައިން ވަހީދާއި ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރުކަން ކުރެއްވި ޙަސަން ހަބީބުކަން ޕީއެސްއެމްނިއުސްއަށް ކަށަވަރުވެއްޖެއެވެ.

ބޮޑު ޚިޔާނާތުގެ ފައިސާ ދުއިސައްތަ ފަސްދޮޅަސް ހަތް ފަރާތަކަށް ބެހިގެން ގޮސްފައިވާކަމަށް ފުލުހުންވަނީ ވިދާޅުވެފައެވެ. އަދި އޭގެތެރޭގައި ކުރީގެ ޕޮލިސް ކޮމިޝަނަރަކާއި ކުރީގެ ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރަކު ހިމެނޭކަމަށްވެސް ފުލުހުން ވިދާޅުވިއެވެ. ނަމަވެސް އެއީ ކޮން ފަރާތްތަކެއްކަމެއް އެއްވެސް ފަރާތަކުން މިހާތަނަށް ހާމަކުރައްވާފައެއްނުވެއެވެ.

ނަމަވެސް ޕީއެސްއެމްއަށް ކަށަވަރުވެފައިވާ ގޮތުގައި އެކިފަހަރުމަތިން ކޮރަޕްޝަނުގެ ފައިސާ ކަމަށް ތުހްމަތު ކުރެވޭ ފައިސާ ހުސައިން ވަހީދަށް ލިބިފައިވާކަމަށް ތަހްޤީޤީ އިދާރާތަކުން ވަނީ ތުހަތުކޮށްފައެވެ. ހުސައިން ވަހީދަށް ރައީސް ޔާމީން ފުލުސް ކޮމިޝަނާ ކަން ދެއްވީ ޑެޕިއުޓީ ފޮލިސް ކޮމިޝަނާ ކަމުގެ މަގާމުގައި ހުންނަވަނިކޮށް، ނޮވެމްބަރު 19، 2013 އިގައެވެ.

އޭނާ ޕޮލިސް ކޮމިޝަނަރުގެ މަގާމުން ވަކިކުރެއްވީ ރިޔާސީ ލޯންޗްކޮޅުގައި އެއްޗެއް ގޮވި ހާދިސާއަށް ފަހު 2015ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ ފަހުކޮޅުއެވެ. އޭނާ އަކީ އެމްޕީއާރުސީގެ ކޮރަޕްޝަނުގެ އެންމެ ބޮޑު ތުހްމަތެއް ކުރެވޭ އެއް ފަރާތްކަމަށްވާ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާ ގާތް ގުޅުމެއް އޮތް މީހެކެވެ.

މީގެއިތުރުން ޑެޕިއުޓީ ކަމިޝަނާ އޮފް ޕޮލިސްގެ މަގާމަށް ހަސަން ހަބީބު ކުރީގެ ރައީސް ޔާމިން އައްޔަން ކުރެއްވީ 19 ފެބްރުއަރީ 2015ގައެވެ. އެހެން ނަމަވެސް ކުޑަ ދުވަސްކޮޅެއްފަހު އޭނާ އެ މަގާމުން ވަކިކުރެއްވުމަށްފަހު ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަމަށް ރައީސް ޔާމީން އައްޔަން ކުރެއްވިއެވެ. އޭނާ އަކީވެސް އަދީބާ ގާތްގުޅުމެއް އޮތް މީހެއްކަމަށް ތުހުމަތުކުރެވެވެ.
އެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާގެ ޢަދަދު 3.4 ބިލިއަން ރުފިޔާއަށް އަރައެވެ.