ވިޔަފާރި

ކޯޕަރޭޓް މޯލްޑިވްސްއިން "ނެކްސްޓް 100" އެވޯޑް ތަޢާރަފްކޮށްފި


ކޯޕަރޭޓް މޯލްޑިވްސްގެ "ނެކްސްޓް 100" ލޯންޗްކޮށްފިއެވެ.

"ނެކްސްޓް 100" އަކީ ރާއްޖޭގައި ހިންގާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށްގެން ކޯޕަރޭޓް މޯލްޑިވްސްއިން ލޯންޗްކުރި އެވޯޑެކެވެ. މި އެވޯޑްގެ މަޤްސަދަކީ ރާއްޖޭގައި ހުރި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ އަގުވަޒަންކޮށް އެ ވިޔަފާރިތައް ކުރިއަރަން އެހީތެރިވުމެވެ. ކޯޕަރޭޓް މޯލްޑިވްސްއިން ބުނީ މި އެވޯޑް އަހަރަކު އެއްފަހަރު ދޭނެކަމަށެވެ.

"ނެކްސްޓް 100" އަށްހޮވޭ ކުންފުނިތައް މެދުވެރިކޮށް ރާއްޖޭގައި ކުރިއަރަމުން އަންނަ ވިޔަފާރިތައް އެނގިގެންދާނެކަމަށް ކޯޕަރޭޓް މޯލްޑިވްސްއިން ބުނެއެވެ. ނެކްސްޓް 100 އަށް ކުރިމަތިލާ ކުންފުނިތަކުގެ ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި ދިވެހި ވިޔަފާރިއަކަށްވުމާއި، 31 ޑިސެމްބަރ 2018 ގެ ކުރިން ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިއަކަށްވުން ހިމެނެއެވެ. އަދި އަހަރުގެ އާމްދަނީ އެއް ލައްކަ ރުފިޔާއާއި 15 މިލިއަން ރުފިޔާގައި އުޅޭ ވިޔަފާރިއަކަށްވެސް ވާންޖެހޭނެއެވެ.

އެވޯޑް ދިނުމުގައި އެހެން ކަންކަމަށްވެސް ބަލާނެކަމަށް ކޯޕަރޭޓް މޯލްޑިވްސްއިން ބުނެއެވެ. އޭގެތެރޭގައި ވިޔަފާރީގެ ހިންގުމުގެ ފުޅާމިނާއި، ވިޔަފާރި ކުރިއަރާފައިވާ މިންވަރާއި، އައު އުފެއްދުންތައް މާކެޓަށް ނެރޭ މިންވަރާއި، ސީއެސްއާރު ހަރަކާތްތައް ހިންގާ މިންވަރަށް ބަލާނެއެވެ.

ނެކްސްޓް 100 އެވޯޑް ދިނުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ. އަދި މި އެވޯޑަށް ކުރިމަތިލުން މިއަހަރުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

ކޯޕަރޭޓް މޯލްޑިވްސްއިން އަންނަނީ މިހާރުވެސް "ގޯލްޑް 100" ގެ ނަމުގައި ރާއްޖޭގައި އެންމެ ކުރިއަރާފައިވާ 100 ކުންފުނި ހޮވަމުންނެވެ.