ސިޔާސީ

ރައީސްގެ އުމުރާ ގުޅޭ އިސްލާހު މާދަމާގެ ޖަލްސާއަށް އެޖެންޑާ ކޮށްފި


ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމަށާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަމުގެ މަގާމަށް ކުރިމަތިލެވޭނެ އުމުރު ބަދަލުކުރުމަށް ގާނޫނު އަސާސީއަށް ހުށައަޅަފައިވާ އިސްލާހު ކޮމިޓީން ދިރާސާކުރި ގޮތުގެ ރިޕޯޓަށް ބަހުސްކުރުން މާދަމާ ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.ހޯރަފުށީ ދާއިރާާގެ މެމްބަރު މުހައްމަދު އިސްމާއީލް ހުށައަޅުއްވާފައިވާ އިސްލާހުގައި ބުނެފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށާއި، ރައީސުލްޖުމްހޫރިއްޔާގެ ނާއިބް ގެ މަޤާމަށް ކުރިމަތިލެވޭނެ އުމުރަކީ ތިރީސް އަހަރާއި ފަސްދޮޅަސް ފަސްއަހަރާއި ދެމެދުކަމަށެވެ.މިއިސްލާހު ދިރާސާކުރި މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީން ވެސް މި އިސްލާހު ފާާސްކޮށްފައިވަނީ ކޮމިޓީގެ މެމްބަރުންގެ އިއްތިފާގުންނެވެ.މާދަމާ ކޮމިޓިގެ ރިޕޯޓަށް ބަހުސްކޮށް ނިމިއްޖެނަމަ އެއިސްލާހު ފާސްކުރުމަށް ވޯޓަށް އަހާނެއެވެ. މި އިސްލާހު ފާސްކުރުމަށް ޕީޕީއެމުން ތްރީލައިން ވިޕެއް ނެރެފައިވާއިރު، ޖުމްހޫރީ ޕާޓީންވެސް އެއަށް ތާއީދުކުރުމަށް އެޕާޓިގެ ލީޑަރ ވަނީ މެމްބަރުންނަށް ގޮވާލައްވާފައެވެ. އަދި އިދިކޮޅު އެމްޑީޕީގެ ބައެއް މެމްބަރުންވެސް ރައީސް އާއި ނައިބު ރައީސްްކަމަށް ކުރިމަތި ލެވޭނެ އުމުރު ދަށްކުރުމަށް ތާއީދުކުރެއެވެ.ޕީޕީއެމްގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރ ވިދާޅުވެފައިވަނީ، އެއިސްލާހު ފާސްކުރުމަށް އެމްޑީޕީގެ ބައެއް މެމްބަރުންވެސް ވޯޓު ދޭނެކަމުގެ ޔަގީންކަން ދީފައިވާކަމަށެވެ.ދެދުވަހުގެ މެދުކެނޑުމަކަށްފަހު މާދަމާ ބާއްވާ ޖަލްސާއަކީ، މިރަމަޟާންމަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާއެވެ.ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ބާއްވަނީ ކޮންމެ ހަފްތާއެއްގެ ހޯމަ، އަންގާރަ އަދި ބުދަ ދުވަހުއެވެ. ނަމަވެސް، ރަމަޟާން މަސް ފެށުނުފަހުން ޖަލްސާއެއް އަދި ބާއްވާފައެއްނުވެއެވެ.މަޖިލީހުގެ އެންމެ ފަހު ޖަލްސާ ބާއްވާފައިވަނީ، ނިމުނު ހަފްތާގެ ބުދަ ދުވަހުއެވެ. އަދި އެދުވަހުގެ ޖަލްސާގައި ޖަލްސާ ބާއްވާނެ ވަކިދުވަހެއް އިޢުލާންކޮށްފައެއްނުވެއެވެ.މި ރަމަޞާންމަހު ޖަލްސާތައް ބޭއްވުމަށް ހަމަޖެހިފައިވަނީ، ހެނދުނު ދިހަގަޑި ތިރީހުން މެންދުރު ދޭއް ޖެހުމާއި ހަމައަށެވެ. އަދި މެންދުރު ބާރައިންއެކެއް ޖެހުމާއި ހަމައަށް ޖަލްސާގެ ހުސްވަގުތު ދޭގޮތަށް ނިންމާފައިވާކަމަށް ރިޔާސަތުން ވަނީ އިއުލާންކޮށްފައެވެ.