ޚަބަރު

"ޑައިވް ޑެސްކް"އިން މާލޭ ހުޅަނގުފަރާތު މޫދު ސާފުކޮށްފި


"ޑައިވް ޑެސްކް"އިން މާލޭ ހުޅަނގުފަރާތު މޫދު ސާފުކޮށްފިއެވެ. ޑައިވް ޑެސްކްއިން އިސްނަގައިގެން ޕަރލޭއާއި މާލެ ސިޓީ ކައުންސިލްގެ އެހީއާއިއެކު ކުރިއަށްގެންދިޔަ މިޙަރަކާތުގައި 60އެއްހައި މީހުންވަނީ ބައިވެރިވެފައެވެ.

މި ހަރަކާތާ ގުޅޭ މަޢުލޫމާތުދެއްވަމުން ޑައިވް ޑެސްގެ ޑައިރެކްޓަރ އާދަމް އަޝްރަފް ވިދާޅުވެފައިވަނީ މިފަދަ ޙަރަކާތެއް ކުރިއަށްގެންދިއުމަށް ނިންމީ މާލެ ހުޅަނގުފަރާތު މޫދަކީ ގިނަ ބަޔަކު ސްނޯކްލިންއާއި ޑައިވިންގއަށްދާ ސަރަޙާއްދަކަށްވުމާއިއެކު އެސަރަޙައްދު މޫދު ސާފުކޮށް ބޭއްވުމަށްކަމަށެވެ. އޭނާ ވިދާޅުވެފައިވަނީ އެ ސަރަޙައްދުގެ ތޮށިމައްޗާއި މޫދުން ގިނަ ޢަދަދެއްގެ ކުނި ނަގާފއިވާކަމަށެވެ. މީގެތެރޭގައި އެންމެ ގިނައީ ޕްލާސްޓިކް ފުޅިއާއި، ދަޅު ކަަމަށް އަޝްރަފް ބުންޏެވެ.

"މޫދު އަޑިއަށް ކުނި އަޅާފައި ހުރި މިންވަރާއި، ބާވަތްތައް މީހުންނަށް ދައްކައި މިކަން ނުކުރުމަށް މީހުން ހޭލުންތެރިކުރުވަން ބޭނުންވޭ. ރެޑްބުލްއާއި، ނެސްކެފޭއާއި، މައިލޯ ޕެކެޓު ފަދަ މި އާއްމުކޮށް ހަމަ ބޮއެފަ އެއްލާލާ އެއްޗެހި ގިނައިން މިހުރީ." އަޝްރަފް ބުންޏެވެ.

އަޝްރަފް ބުނެފައިވަނީ ކުންޏަކީ މޫދުގެ ދިރުންތަކަށް ހުރި ބޮޑު ނުރައްކަލެއްކަމަށާއި، އަދި މިއީ ޑައިވް ވިއަފާރިކުރާ ފަރާތްތަކަށްވެސް އޭގެ ނޭދެވޭ އަސަރު ކުރާ ކަމެއްކަމަށެވެ. "ޑައިވް ޑެސްކް ކްލީންއަޕް" އިވެންޓް ކުރިއަށް ގެންގޮސްފައިވަނީ މިއަދު ހެނދުނު 08:30އިން މެންދުރު 12:30އަށެވެ.