ވިޔަފާރި

އެސްޓީއޯ ސުޕަމާޓްގެ ފްރީޒަރުތައް ވިޔަފާރިތަކަށް ހުޅުވާލައިފި


އެސްޓީއޯ ސުޕަމާޓުގެ ފްރީޒަރުތަކުގައި މުދާ ވިއްކަން ބޭނުންވާ ފަރާތްތަކަށް އެ ކުންފުނިން ފުރުސަތު ހުޅުވާލައިފިއެވެ.

އެސްޓީއޯއިން ބުނީ އެސްޓީއޯ ސުޕަމާޓުގެ ފްރީޒަރުތަކަށް މުދާ ފޯރުކޮށްދީ، އެ ތަކެތި ބަލަހައްޓާނެ ބަޔަކު ހޯދަން ބޭނުންވާކަމަށެވެ. އެގޮތުން އެސްޓީއޯގެ ހުޅުމާލެ ފިހާރަ އާއި މާލޭގައި ހިންގާ ސުޕަމާޓުގެ ފްރީޒަރުތައްވެސް ވިޔަފާރިތަކަށް ހުޅުވާލާފައިވާކަމަށް އެސްޓީއޯއިން ބުނެއެވެ. މިކަމަށް ޝައުގުވެރިވާ މީހުން ބީލަމުގައި ބައިވެރިވުމަށް މި މަހުގެ 30 ވަނަ ދުވަހުގެ ކުރިން ރަޖިސްޓަރީވާންޖެހޭނެކަމަށް އެސްޓީއޯއިން ބުނެއެވެ. އަދި އަންނަ މަހުގެ 12 ގެ ކުރިން ޕްރޮޕޯސަލް ހުށަހަޅަން ޖެހޭނެކަމަށްވެސް އެސްޓީޢޯއިން ބުނެއެވެ.

އެސްޓީއޯގެ ފިހާރަތަކުގައި ފިނިކުރި ސާމާނު ވިއްކަން ބަޔަކަށް ދިނުމަށް ނިންމާފައިވަނީ ކުދި އަދި މެދުފަންތީގެ ފިހާރަތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަޤްސަދުގައިކަމަށް އެ ކުންފުނިން ބުނެއެވެ. އަދި ތަކެތި ހުސްނުވެ އެސްޓީއޯއިން ލިބޭނެ އިންތިޒާމް ހަމަޖެއްސުމަކީވެސް މިކަމުގެ މަޤްސަދެއްކަމަށް އެސްޓީއޯއިން ބުނެއެވެ. މިކަމަށް ހޮވޭ ފަރާތްތަކުން އެސްޓީއޯއަށް ދައްކަންޖެހޭނީ ކުލީގެ އިތުރުން ކޮމިޝަންއެކެވެ.

މިއަހަރުގެ ތެރޭގައި އެ ކުންފުނިން ވަނީ ސުޕަމާޓުގެ ރެކްތަކުގައި ތަރުކާރީ އާއި މޭވާ ވިއްކުމަށް ރީޓެއިލް ވިޔަފާރިވެރިންނަށްވެސް ފުރުސަތު ހުޅުވާލާފައެވެ. އަދި އެކަމަށް ހޮވުނު ފަރާތުން މިހާރު އަންނަނީ އެސްޓީއޯ ސްޕަމާޓްގައި މޭވާއާއި ތަރުކާރީވެސް ވިއްކަމުންނެވެ.