ސިޔާސީ

ނާޒިމްގެ މައްސަލައިގެ މިއަދުގެ އަޑުއެހުން ކެންސަލް ކޮށްފި


ކުރީގެ ޑިފެންސް މިނިސްޓާރ ކާނަލް މުހައްމަދު ނާޒިމް 11 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މައްސަލާގެ މިއަދު ބާއްވަން އޮތް އިސްތިއުނާފް  އަޑުއެހުން ކެންސަލްކޮށްފިއެވެ.ނަމަވެސް މިއަދުގެ އަޑުއެހުން ކެންސަލްވި ސަބަބެއް ހައިކޯޓުން ހާމަކޮށްފައެއް ނުވެއެވެ. ހައިކޯޓުންވަނީ މި ހަފްތާގެ ކޮންމެ ދުވަހަކު އަޑުއެހުމެއް އޮންނާނެކަން ކުރިން އިއުލާންކޮށްފައެވެ.ނާޒިމްގެ މައްސަލަ މިއަދު ކެންސަލްކުރީ އެ މައްސަލަ ބައްލަވާ ފަސް ފަންޑިޔާރުގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ އައްބާސް ޝަރީފާއި ޝުއައިބް ހުސެއިން ޒަކަރިއްޔާ ހައިކޯޓް ދެކުނު ގޮތްޕަށް ބަދަލުކުރަން ސުޕުރީމްކޯޓުން އިއްޔެ ނިންމާފައިވަނިކޮށެވެ.ނާޒިމްގެ މައްސަލާގައި މިހާތަނަށް 2 އަޑުއެހުމެއް ހައިކޯޓްގައި ބާއްވާފައިވެއެވެ. މިއަދު އަޑުއެހުމަށް ތާވަލްކޮށްފައި އޮތީ ނާޒިމްގެ ފަރާތުން ޖަވާބްދާރީވުމެވެ.ހަނގުރާމަވެރި ހަތިޔާރެއް ރާއްޖެ އެތެރެކޮށް ގެންގުޅުނުކަމުގެ ކުށުގައި އެގާރަ އަހަރަށް ޖަލަށް ލުމަށް ކުރިމިނަލްކޯޓުން ހުކުމްކޮށްފައިވަނީ ޝަރުއީ އަދި ގާނޫނީ އުސޫލްތަކާއި ހިލާފަށްކަމަށް ބުނެ އެ ހުކުމް ބާތިލްކޮށްދިނުމަށް ނާޒިމްގެ ފަރާތުން ހައިކޯޓްގައި އެދިފައިވެއެވެ. އެހެންމަވެސް ދައުލަތުން ބުނަމުން އަންނަނީ އެ މައްސަލަ ކުރިމިނަލްކޯޓުން ނިންމުމުގައި ގާނޫނާއި ހިލާފަށް ކަމެއްކޮށްފައިވާކަމަށް ނުދެކޭކަމަށް އެހެންކަމުން ދަށުކޯޓްގެ ހުކުމް ބާތިލްކުރަންޖެހޭ ތަނެއް ނެތްކަމަށެވެ.