ޚަބަރު

ސިއްރުކުރި މާލިއްޔަތުކޮޓީގައި ދެކެވުނު ވާހަކަތައް އާންމުކުރި މައްސަލަ ބަލައިދިނުމަށް ހުށަހަޅައިފި


އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލާގައި މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ސިއްރުކޮށްގެން ކުރިއަށްގެންދިޔަ ބައްދަލުވުމުގައި ދެކެވުނު ވާހަތައް އާންމުކުރި މައްސަލަ ބަލައިދިނުމަށް ސުލޫކީ ކޮމިޓީއަށް ހުށައަޅައިފިއެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލާގައި ޕްރޮސެކިއުޓަރ ޖެނެރަލް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހާޒިރުކޮށް ކޮމެޓީ ސިއްރުކޮށްގެން ދެކެވުނު ވާހަތައް އާންމުކުރި މައްސަލަ މަޖިލީހުގެ ސުލޫކީ ކޮމިޓީއަށް ހުށައަޅާފައިވަނީ މިދިޔަ ހަފްތާގެ ތެރޭގައެވެ. މިމައްސަލަ ހުށަހެޅުއްވި މެންބަރު މިމައްސަލަ ހުށަހަޅާފައިވަނީ ސިއްރުކޮށްގެން ކުރިއަށް ގެންދެވުނު ކޮމިޓީއެއްގެ މައުލޫމާތު އާންމުވެ މަޖިލީހުގެ ޤަވާއިދާއި ޙިލާފަށް ކަންކަން ހިނގާފައިވާތީ އެކަން ބަލައިދިނުމަށެވެ. މިމައްސަލަ މަޖިލީހުގެ ސުލޫކީ ކޮމިޓީން ބަލަމުންދާއިރު މިކަމުގައި އަދި އެކޮމިޓީން ވަކިއެއްޗެއް ހާމަކޮށްފައިނުވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދުގެ 146 ވަނަ މާއްދާގައި ބުނެފައިވަނީ މަޖިލީހުގެ ކޮމިޓީއެއް ސިއްރުކޮށްގެން ގެންދިއުމަށް ނިންމައިފިނަމަ ސިއްރު ބައްދަލުވުމުގައި ދެކެވުނު ވާހަކަ ހާމަކޮށްގެން ނުވާނެކަމަށެވެ. ސިއްރު ބައްދަލުވުމެއްގައި ޙިއްޞާ ކުރެވުނު މަޢުލޫމާތާއި ދެކެވުނު ވާހަކަތަކާއި ކުރެވުނު ސުވާލުތަކާއި ދެވުނު ޖަވާބުތައް ހާމަ ކުރެވޭނީ އެ ކޮމިޓީއަކުން ނިންމާ ގޮތެއްގެމަތިންކަމަށްވެސް ޤަވާއިދުގައި ބުނެއެވެ. އަދި ކޮމިޓީގެ ބައްދަލުވުމެއް ސިއްރުކޮށްފިނަމަ، ކޮމިޓީގެ މެންބަރުންނާއި ކޮމިޓީގެ ސެކްރެޓޭރިއެޓް ފިޔަވައި އިތުރުބަޔަކަށް އެ ބައްދަލުވުން ކުރިއަށްދާ މާލަމުގައި ނުތިބެވޭނެކަމަށްވެސް ބުނެފައިވެއެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލާގައި ސިއްރުކޮށްގެން ކުރިއަށްގެންދިޔަ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ދެކެވުނު ވާހަކަތައް އާންމުވުމާއި ގުޅިގެން މިމައްސަލާގައި ހިމެނޭ ފަރާތްތައް ހާމަކުރުންޖެހޭކަމަށް މަޖިލީހުގެ ބައެއް މެމްބަރުންވެސް ވަނީ ވިދާޅުވެފައެވެ. މިމައްސަލާގައި ވާހަކަ ދައްކަވަމުން ދާންދޫ ދާއިރާގެ މެމްބަރު ޔައުޤޫބް ޢަބްދުﷲ ވިދާޅުވީ އެމްއެމްޕީއާރުސީގެ މައްސަލާގައި ޕީޖީ ކޮމެޓީއަށް ހާޒިރުކޮށް ދެކެވުނު ވާހަކަތަކުގައި މިކަމުގައި ދައުލަތުގެ އިސްފަރާތްތަކެއްގެ ބައިވެރިވުން އޮތްކަން ހާމަވެފައިވާކަމަށެވެ. އަދި މާލިއްޔަތު ކޮމިޓީން އެ ޚިޔާނާތުގައި ޝާމިލުވާ އެއްވެސް ފަރާތެއް ފޮރުވައި ހިމާޔަތްކޮށް ނުދެއްވާނެކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވަނީ މިކަމުގައި ޝަމިލުވާ އެންމެހާ ފަރާތްތަކުގެ ނަން ހާމަކޮށްދެއްވުމަށް ޕީޖީއަށް ގޮވާލާފައެވެ.

" އަޅުގަނޑުމެން ކޮމިޓީ އެދުވަހުވެސް ސިއްރުކުރީ މިކަމުގައި ހިމެނޭ މީހުންގެ ނަންތައް ސިއްރުކުރާކަށްނޫން. މިކަމުގައި ހިމެނޭ ބައެއްމައުލޫމާތުތަކަކީ އަދި ހާމަކުރުން ރަނގަޅު މައުލޫމާތުތަކަށް ނުވާތީ އެކަން އަޅުގަނޑުމެން ސިއްރުކުރީ. އަޅުގަނޑު އިންނަ ކޮމިޓީއަކުން ވައްކަމާއި ފަސާދައިގެ ކަންކަން ފޮރުވައި އެކަންކަމުގައި ޝާމިލުވާ ފަރާތްތައް ސިއްރެއް ނުކުރެވޭނެ. އެކަން ކުރިޔަސް ހާމަކުރާނަން. އަޅުގަނޑު ގޮވާލަން ޕީޖީއަަށް މިކަމުގައި ޝަމިލުވާ އެންމެންގެ ނަންތައް ހާމަކޮށްދެއްވުމަށް." ޔައުޤޫބް ވިދާޅުވި.

މިމައްސަލާގައި ވާހަކަ ދައްކަވަމުން އެމްޑީޕީ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވީ މަޖިލީހުގެ ޖަލްސާއެއްވިޔަސް މަޖިލީހުގެ ކޮމިޓީއެއްވެސް ކަމުގައި ވިޔަސް ސިއްރުކޮށްގެން ގެންދާނަމަ އެ ޖަލްސާއަކާއި ކޮމިޓީގައި ދެކެވޭ ވާހަކަތައް އާންމުކޮށްގެން ނުވާނެކަމަށެވެ. އެއީ މަޖިލީހުގެ ޤަވާއިދު ހުއްދަ ކުރާކަމެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ. އާޒިމް ވިދާޅުވީ މަޖިލީގުގެ ޤަވާއިދަށް މަޖިލީހުގެ ހުރިހާ މެމްބަރުންވެސް ފުރިހަމައަށް ބޯލަބަންޖެހޭކަމަށެވެ. އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލާގައިވެސް އަދި އެހެން މައްސަކަތަކުގައިވެސް މިއަދު ދިމާވެފައިވާ އެންމެބޮޑު މައްސަލަޔަކީ ކަމާއިބެހޭ ފަރާތްތަކުން އަޅަންޖެހޭ ފިޔަވަޅު އެޅުން ލަސްވާ މައްސަލަކަން އޭނާ ފާހަގަކުރެއްވިއެވެ.

"މަޖިލީހުގެ ޤަވާއިދު ބުނާގޮތުން މަޖިލީހުގެ ޖަލްސާއެއްވެސް، ކޮމިޓީއެއްވެސް ސިއްރުކޮށްގެން ކުރިއަށް ގެންދާނަމަ އެސިއްރު ހިފަހައްޓަންޖެހޭ. މިކަން މިގޮތަށް ކުރަންޖެހެނީ އަޅުގަނޑުމެން ބޭނުންވާ މުހިންމު މައުލޫމާތުތައް އެކި ހާލަތްތަކުގައި ދައުލަތުގެ އެކި ވުޒާރާތަކުން ހޯދަން ޖެހޭތީ. ސިއްރު ބައްދަލުވުންތަކުގެ ސިއްރު ނުހިފެހެޓޭނަމަ އަޅުގަނޑުމެންބޭނުންވާ މިފަދަ ސިއްރު މައުލޫމާތު ދިނުމަށް ކޮމިޓީއަށް ވަޑައިގަންނަވާ ބޭފުޅުން ބޭނުން ނުވެދާނެ. އެހެންކަމުން ހުރިހާ މެމްބަރުންވެސް މިކަަމަށް ހާއްސަ ސަމާލުކަމެއް ދެއްވުން އެދެން." އާޒިމް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީގުގެ މާލިއްޔަރު ކޮމިޓީގައި ވާހަކަ ދައްކަވަމުން ޕީޖީ ވިދާޅުވީ އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގައި ބައިވެރިވާ ފަރާތްތައް މިހާރުގެ މަޖިލީހުގައާއި، ވަޒީރުންގެ ތެރޭގައާއި، ސިފައިންނާއި ފުލުހުންގެ ތެރޭގައިވެސް ތިބިކަމަށެވެ. އެމްއެމްޕީއުރީސިގެ ހިޔާނާތުގެ އަދަދު މިހާތަނަށް ބެލިބެލުމުން 3.38 ބިލިއަން ރުފިޔާ އަރައެވެ.