ކުޅިވަރު

މެޗެއް ނެތި 45 ދުވަހު ފަރިތަކުރުންތައް ކުރިޔަށްގެންދަން ފޫހިވާނެ: ސުޒޭން


45 ދުވަހުގެ ބޮޑު ބްރޭކެއްގެ ތެރޭގައި މެޗެއް ނެތި ފަރިތަކުރުންތައް ކުރިޔަށްގެންދަން ކުޅުންތެރިން ފޫހިވާނެކަމަށް ކްލަބް ގްރީން ސްޓްރީޓްސްގެ ކޯޗު ޢަލީ ސުޒޭން ބުނެފިއެވެ.

ވަރލްޑް ކަޕް އަދި އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިންގައި ޕިލިޕީންސްއާއި ގުއާމްއާއި ދެކޮޅަށް އަމިއްލަ ޤައުމުގައި ޤައުމީ ފުޓްބޯޅަ ޓީމު އަންނަ މަހު ކުޅޭ ދެ މެޗަށް ވަގުތު ދިނުމުގެ ގޮތުން އަންނަ އާދީއްތަ ދުވަހުން ފެށިގެން ލީގުގެ ކުޅުން މެދުކަނޑާލާނެއެވެ. އެއަށްފަހު ލީގުގެ ކުޅުން އަލުން ފަށާނީ އަންނަ ޑިސެމްބަރ މަހުގެ 12 ވަނަ ދުވަހުގައެވެ.

ދިވެހި ޕްރިމިއަރ ލީގުގައި ށ.ފޯކައިދޫއާއި ދެކޮޅަށް ނުތުމުގެ ކުރިން ނޫސްވެރިންނާއި ވާހަކަ ދައްކަމުން ކޯޗު ޢަލީ ސުޒޭން ބުނީ، މެޗެއް ނެތި 45 ދުވަހު ފަރިތަކުރުންތައް ކުރިޔަށްގެންދަން ކުޅުންތެރިން ފޫހިވާނެކަމަށާއި، މި މުއްދަތުގެ ތެރޭގައި ކުޅުންތެރިންގެ މޯޓިވޭޝަން ހިފެހެއްޓުމަށް ބްރޭކްވެސް ދޭން ޖެހޭނެކަމަށެވެ.

ސުޒޭން ބުނީ 2 މެޗެއް ކުޅެލާފައި ދޮޅުމަސް ދުވަހުގެ ބްރޭކެއް ނަގާފައި އަނެއްކާ 2 މެޗެއް ކުޅެލާފައި ދެ މަސް ދުވަހުގެ ބްރޭކް ނަގަން ޖެހޭ ސަބަބު އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެ ކަމަށާއި، އެކަމަށް ގޮތް ނުކިޔާ އެކަން ބަލައިގަންނަން ޖެހޭނެކަމަށެވެ.

"ދެން މެޗެއް ނެތި ޕްރެކްޓިސް ކުރަން ފޫހިވާނެ 45 ދުވަހު. އެހާ ބައިވަރު ޓްރެއިނިން ނުވެސް ހެދޭނެ. ރެސްޓްވެސް ދޭން ޖެހޭނެ މޯޓިވޭޝަން ނުދާ ގޮތައް މިކަން ރާވަން ޖެހޭނީ. މީގަ ދެން ދެ މެޗެއް ކުޅެލާފައި ދޮޅުމަސް ދުވަހުގެ ބްރޭކެއް އަނެއްކާ ދެ މެޗު ކުޅެލާފައި ދެ މެޗެއް ކުޅެލާފައި ދެ މަސް ދުވަހުގެ ބްރޭކެއް މި އަންނަނީ. ދެން މި ބްރޭކް ނަގަން ޖެހޭ ސަބަބުން ބައްސާމް އެވަނީ ވިދާޅުވެފައި. ދެން އެކަން ބަލައިގަންނަން ޖެހޭނީ ގޮތް ނުކިޔާ". ސުޒޭން ބުންޏެވެ.

ކްލަބް ގްރީން ސްޓްރީޓްސްއާއި ދެކޮޅަށް ނުކުންނަ ފޯކައިދޫ ޓީމުގެ ކޯޗު ޢަލީ ނިޝްތާރު މުހައްމަދު ބުނީ، ކޮންމެ މެޗަކަށްވެސް ފޯކައިދޫ ޓީމު ނުކުންނާނީ މޮޅަކަށް އަމާޒު ހިފައިގެންކަމަށާއި، މި އަޒުމުގައި ނުކުމެ އެއްވަރުވިިޔަސް އެއީ ލިބޭ ހިތްހަމަޖެހުމަކަށްވާނެކަަށެވެ،

ނިޝްތާރު ބުނީ، މެޗުގައި ރަނގަޅަށް ކުޅުމާއި ނުކުޅުން އޭނާއަށް އެހާ މުހިއްމު ނޫންކަމަށާއި، ބޭނުންވަނީ 3 ޕޮއިންޓްކަމަށެވެ. ނިޝްތާރު ބުނީ މި މެޗާއި ކުރިމަަތިލާއިރު ޓީމުގެ މުހިއްމު ކުޅުންތެރިން އަނިޔާގައި އެބަތިބި ކަމަށާއި، ބޮޑު ސީޒަނެއްގައި އެކަހަލަ މައްސަލަަތައް ކުރިމަތިވާނެކަމަށެވެ.

"އަބަދުވެސް އަޅުގަނޑުމެން ނުކުންނާނީ ކުޅެގެން ވިން އަކަށް. ދެން އަޅުގަނޑަކަށް އެހާ މުހިއްމެއް ނޫން މި ރަނގަޅަށް ކުޅުމާއި ނުކުޅުމެއް. އަޅުގަނޑު ނުކުންނާނީ 3 ޕޮއިންޓް ހޯދަން. ދެން މިހާރުވެސް މުހިއްމު ކުޅުންތެރިން އެބަތިބި އިންޖަރީގައި. ބޮޑު ސީޒަނެއްގައި އެކަހަލަ މައްސަލަ ދިމާވާނެ." ނިޝްތާރު ބުންޏެވެ.

މިއަދު ހަވީރު ގްރީން ސްޓްރީޓްސްއާއި ދެކޮޅަށް ފޯކައިދޫ ނުކުންނައިރު އެޓީމު އޮތީ މިހާތަނަށް ކުޅުނު 10 މެޗުން ހޯދި 15 ޕޮއިންޓާއެކު ތާވަލްގެ 6 ވަނައިގައެވެ. ގްރީން ސްޓްރީޓްސް 10 މެޗު ކުޅެގެން ހޯދި 17 ޕޮއިންޓާއެކު އެޓީމު އޮތީ ތާވަލްގެ 3 ވަނައިގައެވެ. އެއްވަނައިގައި 26 ޕޮއިންޓާއެކު އޮތީ މާޒިޔާއެވެ.