ޚަބަރު

80 ބައިވެރިންނާއެކު ޔޫތް ލީޑަރސް ފޯރަމް އއ.މަތިވެރީގައި ފަށައިފި


ޒިންމާދާރު ރައްޔިތުން ބިނާކުރުމުގެ މަޤްޞަދުގައި ހޯމް މިނިސްޓްރީން ކުރިއަށްގެންދާ "ޔޫތް ލީޑަރސް ފޯރަމް" އއ.މަތިވެރީގައި ފަށައިފިއެވެ.

އއ.މަތިވެރީގައި ކުރިއަށްގެންދާ "ޔޫތް ލީޑަރސް ފޯރަމް" ފައްޓަވާދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯރ ހޯމް އެފެއާޒް އަލީ ނަޒީރެވެ. ތިން ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ މި ޕްރޮގްރާމްގައި އއ.އަތޮޅުގެ 8 ރަށަކުން ބައިވެރިވެއެވެ. މި ފޯރަމްގައި ބައިވެރިވުމުގެ ފުރުޞަތު ކުރިން ދެމުން އައީ ކޮލެޖް ތަކަށާއި ޔުނިވަރސިޓީތަކާއި މަތީ ސާނަވީ ދަރިވަރުންނަށް ނަމަވެސް މިފަހަރުގެ ފޯރަމްގައި އެހެން ބައެއް ޒުވާނުންނަށްވެސް ވަނީ ފުރުޞަތުދީފައެވެ.

ޒިންމާދާރު ރައްޔިތުންތަކެއް އުފެއްދުމަށްޓަކައި ޒުވާނުންނަށް އަމާޒުކޮށް ކުރިއަށްގެންދާ މި ފޯރަމް ފައްޓަވާދެއްވާ ދެއްކެވި ވާހަކަފުޅުގައި މިނިސްޓަރ އޮފް ސްޓޭޓް ފޯރ ހޯމް އެފެއާޒް ޢަލީ ނަޒީރު ވަނީ ދުނިޔޭގެ ޤައުމުތަކަށް ދިމާވެފައި ހުރި ގިނަ މައްސަލަތަކަކަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން އިޖުތިމާޢީ ގޮތުންނާއި އިޤްތިޞާދީގޮތުން ޤައުމެއް ބަލިކަށިކޮށްލާ ކަންކަން ކަމުގައިވާ ކޮރަޕްޝަނާއި މަސްތުވާތަކެތީގެ ވަބާއާއި، ފަގީރުކަމާއި މުއްސަނދިކަމުގެ ފަރަގާއި މޫސުމަށް އަންނަމުންދާ ބަދަލުތަކާއި ގުޅޭގޮތުން ސްޓޭޓް މިނިސްޓަރ ވަނީ ވާހަކަފުޅުދައްކަވާފައެވެ.

އއ.އަތޮޅުގެ 8 ރަށަކުން 80 އަށްވުރެ ގިނަ ބައިވެރިންނާއެކު ކުރިއަށްގެންދާ މި ފޯރަމަކީ މިއަހަރު ބާއްވާ މިފަދަ އެންމެ ފަހު ފޯރަމްކަމަށް ހޯމް މިނިސްޓްރީން ވިދާޅުވެއެވެ. މި ފޯރަމްގެ އެކި ސެޝަންތަކުގައި މަޢުލޫމާތު ދެނީ ސަރުކާރުގެ އެކި މުވައްސަސާތަކުގެ ފެސިލިޓޭޓަރުންނެވެ. އެގޮތުން މޯލްޑިވްސް ޕޮލިސް ސަރވިސްއާއި މިނިސްޓްރީ އޮފް އެންވަޔަރަމަންޓުގެ އިތުރުން އަމިއްލަ ޖަމްޢިއްޔާއެއްކަމަށްވާ މަސްވެރިންގެ ޖަމްޢިއްޔާއިންވެސް ބައިވެރިވެއެވެ. މި ފޯރަމަކީ މިއަހަރު ބާއްވާ 4 ވަނަ ފޯރަމެވެ.